ބޮލީވުޑް

ދުންފަތާ ގުޅޭ އިޝްތިހާރު ކުރެވުނީތީ އަކްޝޭ "ސޮރީ" ބުނެފި

ދުންފަތުގެ ބްރޭންޑެއްގެ އިޝްތިހާރެއްގެ ބްރޭންޑް އެމްބެސެޑަރުކަން އަކްޝޭ ކުމާރު ދޫކޮށްލައި ފޭނުންގެ ކިބައިން މައާފަށް އެދިއްޖެ އެވެ. އޭނާއަށް މިގޮތަށް ކަންތައް ކުރަން މަޖްބޫރުވީ އޭނާ ކުޅެފައިވާ ދުންފަތުގެ ބްރޭންޑެއްގެ އިޝްތިހާރެއް ދައްކަން ފެށުމުން ފޭނުންތައް ރުޅިއައިސްގެން އުތުރިއަރަން ފެށުމުންނެވެ.

އިންސްޓަގްރާމްގައި އަކްޝޭ ޝެއާ ކުރި މެސެޖެއްގައި ބުނެފައިވަނީ އޭނާއަށް އެ ބްރޭންޑް އިޝްތިހާރު ކުރެވުނީ އެއީ ކިހާ ވަރެއްގެ ކަމެއްކަން ނޭނގި އެވެ. އަދި އެކަމަށްޓަކައި އޭނާއަށް ހެޔޮ އެދޭ ފަރާތްތަކުގެ ކިބައިންނާއި ފޭނުންގެ ކިބައިން މައާފަށް އެދޭ ކަމަށް އަކްޝޭ ބުނެފައި ވެއެވެ. އަދި ފާއިތުވީ ދުވަސްތަކުގައި އޭނާގެ އިޝްތިހާރަށް ފޭނުން ރިއެކްޓްކުރި ގޮތުން އޭނާއަށް ވަރަށް ފުން އަސަރެއް ކޮށްފި ކަމަށް އަކްޝޭ ބުންޏެވެ.

"ވިމަލް އެލައިޗީ" ނަމަކަށް ކިޔާ މި ބްރޭންޑްގެ އިޝްތިހާރު އޭނާ މިހާރު ދޫކޮށްލާފައިވާ ކަމަށާއި މިހާތަނަށް މި އިޝްތިހާރު ކުޅެގެން އޭނާއަށް ލިބިފައިވާ ފައިސާ ޚައިރާތުކުރަން ނިންމާފައިވާ ކަމަށް ވެސް އަކްޝޭ ބުންޏެވެ.

އަކްޝޭ ބުނި ގޮތުގައި އޭނާ އެ އިޝްތިހާރު ދޫކޮށްލި ނަމަވެސް އޭނާ ސޮއިކޮށްފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވަންދެން އެ އިޝްތިހާރު ދެއްކުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމުގައި އޭނާއަށް ކުރެވޭނެ ކަމެއް ނެތެވެ. ނަމަވެސް ކުރިމަގުގައި އެފަދަ އިޝްތިހާރުތައް ނުކުޅޭނެ ކަމުގެ ޔަގީންކަން އަކްޝޭ ވަނީ ދީފަ އެވެ.

އަކްޝޭގެ އިތުރުން ޝާހް ރުކް ޚާނާއި އަޖޭ ދޭވްގަން ވެސް މި ބްރޭންޑްތައް އިޝްތިހާރު ކުރެ އެވެ. އަކްޝޭ މި އިޝްތިހާރު ކުޅެގެން އެންމެން އެހާ ވަރެއް އަރުވާލައި ރުޅިގަދަ ކޮށްލީ އޭނާގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި މިފަދަ އިޝްތިހާޜުތައް އެންޑޯޒް ކުރުމާ ދެކޮޅަށް ވާހަކަ ދައްކާފައިވާތީ އެވެ. އަދި ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުމަކީ "ގޯސް ކަމެއް" ކަމަށް އަކްޝޭ އެ އިންޓަވިއުގައި ކަނޑައެޅިގެން ބުނެފައިވާތީ އެވެ.

އަކްޝޭ އާއި ޝާހްރުކް އަދި އަޖޭ އިޝްތިހާރުކުރަނީ ވިމަލް ޕްރޮޑަކްޓްތަކުގެ ތެރެއިން ކާފޫރުތޮޅީގެ ބާވަތެކެވެ. ވިމަލް އަކީ ދުންފަތުގެ އުފެއްދުންތައް ވެސް ވިއްކާ ބައެކެވެ. އަކްޝޭ ވިމަލް ބްރޭންޑްގެ ބާވްތައް އިޝްތިހާރުކުރުމާ ފޭނުން ދެކޮޅުވީ އެހެންވެ އެވެ.
ފަހުގެ އިޝްތިހާރުގައި ފެންނަނީ ޝާހް ރުކް އާއި އަޖޭ އާ ދެމީހުން އަކްޝޭ އަށް "ވިމަލް ޔުނިވާސް" އަށް މަރުހަބާ ކިޔާ ތަނެވެ. މި އިޝްތިހާރުގައި ދެން ފެންނަނީ ތިން އެކްޓަރުން ކާފޫރުތޮޅީގެ ބާވަތެއް ހަފައިގެން ކާ ތަނެވެ.

މި ބްރޭންޑް އިޝްތިހާރު ކުރާތީ އަޖޭ އަށް ފާޑު ކިޔަސް އޭނާ އެ އިޝްތިހާރު ކުޅުން ދޫކޮށްލުމުގެ ވިސްނުމެއް ނެތެވެ. އޭނާ ބުނެފައިވަނީ ވިމަލް އިން އުފައްދާ ބާވްތަތަކަކީ އިންސާނުންގެ ހަށިގަނޑަށް ގެއްލުންވާ އެއްޗެއްނަމަ އެ ތަކެތި ވިއްކިޔަ ދީގެން ނުވާނެ ކަމަށެވެ. އަދި އޭނާ އިޝްތިހާރުކުރަނީ ވިމަލްގެ "ކާފޫރުތޮޅި ބްރޭންޑް" އެކަނި ކަމަށް ވެސް އަޖޭ ބުނެފައި ވެއެވެ.