ބޮލީވުޑް

ދަ ރޮމެންޓިކްސް: ހިންދީ ފިލްމަށް ލޯބިކުރާ މީހުންނަށް ޚާއްސަ

ހިންދީ ފިލްމަށް ލޯބިކުރާ ކޮންމެ މީހަކަށްވެސް "ދަ ރޮމެންޓިކްސް" ޚާއްސަ އެވެ. ސަބަބަކީ އެންމެ ރީތި ލޯބީގެ ފިލްމުތައް އުފައްދާފައިވާ ޔާޝް ރާޖްގެ ދުނިޔެއަށް ހަތަރު އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސީރީޒްގައި ބެލުންތެރިން ގެންގޮސްދޭތީ އެވެ.

ޔާޝް ރާޖްގެ ފިލްމުތަކަކީ ހަގީގަތުގައި ވެސް ޒަމާނަށް ވުރެ މާކުރީގައި އުޅޭ ފިލްމުތަކެވެ. ބަތަލާއިން އަޅާފައި ތިބޭ ރީތި ހެދުންތަކާއި ބަތަލުންގެ ރޮމޭންސް ކުރުމުގައި އެ ގެންގުޅޭ ތަފާތު ގޮތް އަދި ރީތި އަސަރުގަދަ ލަވަތަކާއި ހިތްގައިމު ލޮކޭޝަންތައް ޑައިރެކްޓަރު ޔާޝް ޗޯޕްޅާ ފިލްމަކުން ވިއްޔާ ބަލާލަން ލިބޭނެ އެވެ.

މިހާރު އޭނާގެ ތަރިކަ ދަމަހައްޓައި ކުރިއަށް ގެންދިއުމާ ހަވާލުވެފައި ހުރީ ދޮށީ ދަރިފުޅު އަދިތުޔާ ޗޯޕްޅާ އެވެ. "ދަ ރޮމެންޓިކްސް" އަކީ ހަގީގަތުގައި ވެސް ޔާޝް ޗޯޕްޅާގެ ބުރަ މަސައްކަތްތައް ފާހަގަކޮށް އޭނާއަށް ދީފައިވާ ވަރަށް ފުރިހަމަ ހަދިޔާ އެކެވެ.

ލޮސް އެންޖަލިސްގައި ދިރިއުޅޭ ޑައިރެކްޓަރު ސުމިރްތީ މުންޑްރާ ޑައިރެކްޓްކޮށްފައިވާ މި ސިލްސިލާ މިހާރު ނެޓްފްލިކްސް އިން ސްޓްރީމް ކުރަމުންދާއިރު މި ސިލްސިލާއިން އަލަށް އަދިތުޔާ ޗޯޕްޅާގެ އިންޓަވިއުއެއް ފެނުމުގެ ނަސީބު ވަނީ ލިބިފަ އެވެ.

ކުރިން އެއްގޮތަކަށް ވެސް އާއްމުންގެ ތެރެއިން ފެނިފައި ނުވާ އަދިތުޔާގެ އިންޓަވިއުގައި ޔާޝް ރާޖްގެ ހުންގާނާ އޭނާ ހަވާލުވުމަށްފަހު ކަންތައް ހިނގަމުންދާ ގޮތް ކިޔައިދީފައި ވެއެވެ. އަދި ޔާޝް ޗޯޕްޅާގެ އަންހެނުން ޕަމޭލާ ވެސް ވަނީ އޭނާގެ ލޯބިވާ ޔާޝް ޖީ އާއި ސިނަމާ ދެކެ އޭނާ ވީ ލޯބި ހާމަކޮށްދީފަ އެވެ.

ހަތަރު އެޕިސޯޑުގެ މައްޗަށް ހިމެނޭ "ދަ ރޮމެންޓިކްސް"ގެ ފުރަތަމަ އެޕިސޯޑު ޚާއްސަކޮށްފައިވަނީ ޔާޝް ރާޖްގެ ޅަފަތުގެ ދުވަސްތަކަށެވެ. ޖަލަންދަރުގެ މެދުފަންތީގެ އާއިލާއަކަށް ނިސްބަތްވާ ފިރިހެން ކުއްޖަކު ހިންދީ ސިނަމާގެ މަލަމަތި ބަދަލުކޮށްލަން ދުށް ހުވަފެންތަކެވެ.

މި ޑޮކިއުމެންޓް ސީރީޒްގައި ޔާޝް ޗޯޕްޅާގެ ކުރީގެ ބައެއް އިންޓަވިއުތަކުގެ ބައިތައް ހިމަނާފައި ވެއެވެ. އެ އިންޓަވިއު ތަކުގައި އޭނާގެ ފިލްމީ ދަތުރުގައި ދިމާވި އަޑީގަނޑުތަކާއި އުސްގަނޑުތަކުގެ ވާހަކަ ޔާޝް ޗޯޕްޅާ ކިޔައިދީފައި ވެއެވެ.

މީގެ އިތުރުން ޔާޝް ޗޯޕްޅާއާ ވަރަށް ގާތުން މަސައްކަތްކުރި އޭނާއާ އެންމެ ގާތް ބައެއް އެކްޓަރުން ދައްކާފައިވާ ބައެއް ވާހަކަ ވެސް ހިމެނެ އެވެ. އެގޮތުން "ސިލްސިލާ"އާ ބެހޭ ގޮތުން އަމީތާބު ދައްކާފައިވާ ވާހަކަ އާއި "ޗާންދްނީ"އާ ބެހޭ ގޮތުން ރިޝީ ކަޕޫރު ދައްކާފައިވާ ވާހަކަ ހިމެނެ އެވެ.

މި ޑޮކިއުމެންޓްރީ ބަލަމުންދާއިރު ފޫހިވާނެ ހަމަ އެންމެ ވަގުތުކޮޅެއް ވެސް ނުލިބެ އެވެ. މާޒީގެ ހަނދާންތަކާއި މަޖާ ވާހަކަތައް މި ޑޮކިއުމެންޓްރީގައި ގެނެސްދީފައިވަނީ ބެލުންތެރިންގެ ޝައުގުވެރިކަން ދެމެހެއްޓޭނެ ގޮތަށް ވިސްނައިގެންނެވެ.

ދެ ވަނަ އެޕިސޯޑުގައި ދައްކަނީ ޔާޝް ޗޯޕްޅާގެ މަރަށްފަހު ޔާޝް ރާޖް ފިލްމްސްގެ ހިންގުމާ އަދިތުޔާ ހަވާލުވި ގޮތެވެ. އަދި އޭނާ އުފެއްދި ފުރަތަމަ ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭނގޭ" (ޑީޑީއެލްޖޭ)ގެ ވާހަކަ ތަކެވެ.

ޝާހް ރުކް އާއި ކާޖޮލްގެ ވާހަކަކޮޅެއް މިހިސާބުން ގެނެސްދީފައި ވެއެވެ. "ޑީޑީއެލްޖޭ" ކުޅެން އެމީހުންނަށް ލިބުނު ގޮތާއި އެ ފިލްމުގެ ވާހަކަ ތަކެވެ. އަދި ޔާޝް ރާޖްގެ ފިލްމުތައް އަބަދުވެސް ޒަމާނަށް ވުރެ ކުރީގައި އުޅޭކަން ޝާހް ރުކް އާއި ކާޖޮލްވެސް ފާހަގަ ކުރި އެވެ. އެގޮތުން މިސާލަކަށް އެމީހުން ނެގީ "ލަމްހޭ" އެވެ. އަނިލް ކަޕޫރާއި ޝްރީދޭވީގެ "ލަމްހޭ"އަކީ އެ ޒަމާނަށް ވުރެ މާކުރީގައި އުޅުނު ވަރަށް ރީތި، މޮޅު ފިލްމެކެވެ.

"ދަ ރޮމެންޓިކްސް"ގައި މަރްހޫމް ރިޝީގެ އެންމެ ފަހުގެ އިންޓަވިއު ވެސް ހިމަނާފައި ވެއެވެ.

ލޯބީގެ ފިލްމުތައް ޚާއްސަކޮށް ޔާޝް ޗޯޕްޅާގެ އަސަރުގަދަ ލޯބީގެ ފިލްމުތަކަށް ޝައުގު ހުންނަ ކޮންމެ މީހަކަށްވެސް "ދަ ރޮމެންޓިކްސް" ޚާއްސަ އެވެ. ޗުއްޓީ ދުވަހެއްގައި އިންތާ އިނދެ ހަތަރު އެޕިސޯޑު އެއްފަހަރާ ބަލާލާފައި ނޫނީ ހިތްހަމައެއް ނުޖެހޭނެ އެވެ.