ބޮލީވުޑް

ޝާހްރުކް-ކާޖޮލްގެ ފުރަތަމަ ބައްދަލުވުން ވަރަށް ސަކަރާތް

ޝާހް ރުކް ޚާނާއި ކާޖޮލް އަކީ ބޮލީވުޑް ފިލްމު ކުޅޭ ޖޯޑުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް އެންމެ މަގްބޫލު ޖޯޑެވެ. މި ދެ ތަރިން އެކުގައި ކުޅެފައިވާ ހުރިހާ ފިލްމުތަކަށް ބްލޮކްބަސްތާ ދަރަޖަ ލިބިފައިވަނީ ދެ ތަރިންގެ ކެމިސްޓްރީގެ ސަބަބުންކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ނަމަވެސް މި ދެ ތަރިންގެ ފުރަތަމަ ބައްދަލުވުން ދިޔައީ ވަރަށް ސަކަރާތްކޮށެވެ. ފުރަތަމަ ބައްދަލުވީ ދުވަހު ދެ މީހުންނަށް ވެސް އެކަކު އަނެކަކާ ގުޅޭ ގޮތުން ކުރެވުނީ ވަރަށް ހިތްހަމަނުޖެހޭ ކަހަލަ ތަޖުރިބާ ތަކެކެވެ.

ފުރަތަމަ ބައްދަލުވީ ދުވަހު ޝާހްރުކް އާއި ކާޖޮލް އަށް އެއްގޮތަކަށް ވެސް އެކަކު އަނެކަކާ މާ ގަޔާ ވެވޭ ގޮތެއް ނުވި އެވެ.

އޭޕީބީ ނިއުސް އަށް ތަންކޮޅެއް ކުރިން ދީފައިވާ އިންޓަވިއު އެއްގައި މި ދެ ތަރިން ވަނީ ފުރަތަމަ ބައްދަލުވުން ދިޔަ ގޮތް ކިޔައިދީފަ އެވެ.

ކާޖޮލް އާ ފުރަތަމަ ބައްދަލުވީ ފަހަރު އޭނާ ތަންކޮޅެއް އަނގައި މައިތިރިކުރާނެ ނަމައޭ ޝާހްރުކް ހިތަށް އެރި އެވެ. ކާޖޮލް އަނގަ ތަޅާވަރުން ޝާހްރުކް ހުރީ ބޯ ހަލާކުވާވަރު ވެފައި ކަމަށް އޭނާ ބުންޏެވެ.

ޝާހްރުކް އަކީ ވަރަށް ފޮނި ބޮޑާ މީހެއް ކަމަށް ފުރަތަމަ ބައްދަލުވުމަށްފަހު ކާޖޮލްއަށް ގަބޫލު ކުރެވުނެވެ.
ކާޖޮލް ބުނި ގޮތުގައި ޝާހްރުކް އާ ފުރަތަމަ ބައްދަލުވީ އަހަރެއް ފެށުނު ދުވަހު އެވެ. އަދި އަހަރު ފެށޭ ދުވަހަކީ ވެސް މަސައްކަތް ކުރަން ޖެހޭ ދުވަހެއް ކަމަށް އޭނާ އޭރުވެސް ގަބޫލު ކުރެ އެވެ. ޝާހްރުކް ގަބޫލުކުރާ ގޮތުގައި އަހަރުގެ ފުރަތަމަ ދުވަހު މަސައްކަތްކުރާ މީހުން މުޅި އަހަރުވެސް ހުއްޓުމެއް ނެތި މަސައްކަތް ކުރާނެ އެވެ. އަދި އޭނާއަކީ އެ ފަދަ މީހެއް ކަމަށް ޝާހްރުކް ގަބޫލު ކުރި އެވެ.

"މަމީ އާ އަހަރު ފާހަގަކުރަން މަސްތުވާ މީހެއް ނޫން. އެހެންވެ އަހަރެން އެ ދުވަހު ސެޓަށް އައީ ވަރަށް އެނާޖެޓިކްކޮށް ހުރެ. ޝާހްރުކް އަކަށް އަހަރެން އެހާ އެނާޖީ އާއެކު އުޅޭތީ ކަމަކު ނުދިޔަ. ބުނީ އަހަރެން ވަރަށް އަޑުގަދަޔޯ. ސާމަރާދޫންޏެކޭ ވެސް ބުނި މަށާ ދިމާލަށް،" ކާޖޮލް ބުންޏެވެ.

ޝާހްރުކް ބުނި ގޮތުގައި އެ ދުވަހު ކާޖޮލް ނޫން އެންމެން ތިބީ ވަރަށް ވަރުބަލިވެފަ އެވެ. ލައިސަންސް ނެތި ދުއްވައިގެން އޭނާގެ ޑްރައިވަރު އެރޭ ހައްޔަރުކުރި ކަމަށާއި އެކަމާ ހެދި ވެސް އެމީހުންނަށް ހަމަނިދި ނުލިބި ވަރަށް ވަރުބަލިވެފައި ތިބި ކަމަށް ޝާހްރުކް ބުންޏެވެ.

"އެހެންވެ މުޅި ސެޓުން ވެސް އިވެނީ ކާޖޮލްގެ އަޑުފައްގަނޑު. އަހަރެން މޭކަޕްކޮށްދޭ މީހާ ކައިރީ ވެސް ބުނިން މިއީ ކޮން ކަހަލަ ބަތަލާއެއްހޭ. އިރުކޮޅަކަށް ވެސް އޭނައަށް އަނގަ މަޑުން ލައިގެން ނުހުރެވޭ ހެއްޔޭ؟" ފުރަތަމަ ބައްދަލުވުމުގައި ކަން ހިނގި ގޮތް ކިޔައިދެމުން ޝާހްރުކް ބުންޏެވެ.

ކާޖޮލް ވެސް ހަމަ އޭރު އޭނާގެ މޭކްއަޕްކޮށްދޭ މީހާ ކައިރީގައި ޝާހްރުކް އާ ގުޅޭ ގޮތުން އެފަދަ ވާހަކަތަކެއް ދިޔައީ ދައްކަމުންނެވެ.

"އެއްވެސް މީހަކާ އަނގައިން ވެސް ނުބުނެ ސްކްރިޕްޓް ކިޔަން އެ ގޮނޑީގައި އިންނަތާ ދެ ގަޑިއިރު ވެއްޖޭ. ހާދަ ފޮނި ބޮޑާ މީހެކޭ،" ކާޖޮލް އެ ދުވަހު ބުނި ކަމަށް އޭނާގެ އިންޓަވިއުގައި ބުންޏެވެ.

ނަމަވެސް ފިލްމުގެ މަސައްކަތް އެކުގައި ކުރަން ފެށުމުން އެކަކު އަނެކަކުގެ ހުނަރު ފެނި ދެ މީހުންނަށް ވެސް އެކަކު އަނެކަކާ ގަޔާވެވޭގޮތް ވާން ފެށިއެވެ. އަދި ފަހުން ގުޅުން ބަދަހި ވީލެއް ބޮޑުކަމުން އަދި އަދާ ޖެހެންދެން ވެސް ދެމީހުންގެ ގާތް ގުޅުމެއް އެބައޮތެވެ.