ޝާހްރުކް ޚާން އާއި ކާޖޮލް އަކީ ބޮލީވުޑްގެ އެންމެ ކުޅަދާނަ އަދި އެންމެ މަގްބޫލު ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެ އެވެ. މި ދެ ތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމަކީ އައްބާސް-މަސްތާން ޑައިރެކްޓްކުރި "ބާޒީގަރް" އެވެ. ފިލްމަކީ ދެ އެކްޓަރުންގެ ވެސް ކެރިއަރު ފެށިތަނާ ކައިރީ ކުޅުނު ފިލްމަކަށް ވާތީ ދެ މީހުން ވެސް އެކްޓިން އަށް ވަރަށް އަލެވެ. ޚާއްސަކޮށް ލޯބީގެ މަންޒަރުތައް ކުޅެން ކާޖޮލް އަށް އެ ދުވަސްވަރު އެހާ ފަސޭހައެއް ނޫނެވެ.
ކަރަން ޖޯހަރްގެ "ކޮފީ ވިތު ކަރަން"ގެ ޝާހްރުކް އާއި ކާޖޮލް ބައިވެރިވި އެޕިސޯޑެއްގައި "ބާޒީގަރް"ގެ ލަވައެއްގައި ހިމެނޭ ރޮމެންޓިކް މަންޒަރުތަކެއް ރަނގަޅަށް ޝޫޓް ނުކުރެވިގެން އެމީހުންނަށް އުޅެން ޖެހުނު ހާލު ކިޔައިދިނެވެ. އެތައް ފަހަރަކު މަސައްކަތް ކޮށްގެން ވެސް ހިތްހަމަޖެހޭ ގޮތަކަށް އެ މަންޒަރު ނުކުޅެވުނު ކަމަށް އެމީހުން އެއްބަސްވި އެވެ.
"ބާޒީގަރް އޯ ބާޒީގަރް" އެ ލަވައިގެ "މެރަ ދިލް ތާ އަކޭލާ، މައިނޭ ކޭލް އޭސާ ކޭލާ" ކިޔާއިރު ކާޖޮލް އަށް ޖެހެނީ ވަރަށް ޑްރެމެޓިކް ގޮތަކަށް ބާރަށް ނޭވާއެއް ލާށެވެ. ނަމަވެސް އެތައް ފަހަރަކު މަސައްކަތް ކޮށްގެން ވެސް އެއްގޮތަކަށް ވެސް ކާޖޮލް އަށް ހިތްހަމަޖެހޭ ގޮތަކަށް އެ ނޭވާ ލެވުނު ކަމަކަށް ނުވި އެވެ.
އެ ލަވައިގެ ކޯރިއޮގްރާފަރަކަށް ހުރީ ސަރޯޖް ޚާނެވެ. އެންމެ ފަހުން ޝާހްރުކް އަށް ސަރޯޖް ވަރަށް މޮޅު ޚިޔާލެއް ދިނެވެ. އެ ތަންކޮޅު ކިޔާ ވަގުތު ސިއްރު ސިއްރުން ކާޖޮލްގެ ގައިގައި ވިކާލުމަށެވެ. އޭރުން ކާޖޮލް އަށް ނޭނގި އެފަދަ ރިއެކްޝަނެއް ގެނެވޭނެ ކަމަށް ސަރޯޖް އަށް ގަބޫލު ކުރެވޭތީ އެވެ.
"އެއީ ލަވައިގެ އެންމެ ރޮމެންޓިކް ބައި. އަހަރެމެން ދެ މީހުން ވެސް އެފަދަ މަންޒަރުތައް ކުޅުމަށް އޭރު ވަލަށް އާ. އެ ތަންކޮޅު ކިޔާއިރު އެ ނޭވާލާން ޖެހޭ ގޮތަށް ކާޖޮލް އަށް އެއްގޮތަކަށް ވެސް އެކަމެއް ނުވި. ސަބަބަކީ އެއީ އާންމު ދިރިއުޅުމުގައި މީހުން ކޮށް އުޅޭ ކަމަކަށް ނުވާތީ ވަރަށް ފޭކް ހަރަކާތެއް ވީމަ. ކާޖޮލް ވެސް އަދި އަހަރެން ވެސް ހަގީގީ ދިރިއުޅުމުގައި އެފަދަ ވައްތަރެއް ނުޖައްސަން. އެހެންވީމަ އެގޮތަށް އެ ހަރަކާތް ގެންނަން އުނދަގޫވީ،" ޝާހްރުކް ބުނެފައި ވެއެވެ.
ކާޖޮލް ބުނި ގޮތުގައި އެ ކަހަލަ ހަރަކާތްތަކަކީ އޭނާ ޒާތީ ދިރިއުޅުމުގައި ގެންނަން ޚިޔާލުވެސް ކުރެވޭ ވަރުގެ ހަރަކާތެއް ނޫނެވެ. އެހެންވެ ކޮންމެ ފަހަރަކު އެތަންކޮޅެއް ޝޫޓްކުރާއިރު ޓައިމިން ދިމާނުވެ ނުވަތަ އެނޫންވެސް ކޮންމެވެސް ކަމެއް ވެގެން ރަނގަޅަކަށް ޝޫޓެއް ނުކުރެވެ އެވެ.
އެންމެ ފަހުން ސަރޯޖް އަށް ހަދާނެ ގޮތް ހުސްވެގެން މަންޒަރު ނަގާ ވަގުތު ސިއްރު ސިއްރުން ކާޖޮލްގެ ގައިގައި ވިކާލަން ސަރޯޖް ޝާހްރުކް ކައިރީ ބުނީ އެވެ.
ސަރޯޖް ބުނި ގޮތަށް ޝާހްރުކް ވިކާލުމުން ހީވެސް ނުކުރާ ގޮތަކަށް ކާޖޮލްގެ ރިއެކްޓްކުރުމުން އެ ޝޮޓް ވަރަށް ފުރިހަމަކޮށް ނެގުނުކަމަށް އެ ދެ ތަރިން ވެސް ބުނެފައި ވެއެވެ.
"ބާޒީގަރް" އަށް ފަހު "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭނގޭ"، "ކަރަން އަރްޖުން"، "ކުޗް ކުޗް ހޯތާ ހޭ"، "ކަބީ ޚުޝީ ކަބީ ޣަމް"، "މައި ނޭމް އިޒް ޚާން"، ފަދަ ފިލްމުތަކުގައި ޝާހްރުކް އާއި ކާޖޮލް އެކުގައި މަސައްކަތް ކޮށްފައި ވެއެވެ. އަދި ޒާތީ ދިރިއުޅުމުގައި ވެސް އެ ތަރިންގެ މެދުގައި ގާތް އެކުވެރިކަމެއް ވަރަށް ކުރިއްސުރެ މިހަތަނާ ޖެހެންދެން ވެސް އެބަ އޮތެވެ.