ރާޖް އާއި ސިމްރަންގެ ލޯބީގެ ވާހަކައިން ޑައިރެކްޓަރު އަދިތުޔާ ޗޯޕްޅާ ފިލްމު ބަލާ މީހުންގެ ހިތްތަކާ ކުޅެލީ 1995 ގައެވެ. އެ ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭނގޭ" (ޑީޑީއެލްޖޭ) ރިލީޒް ކުރިތާ 26 އަހަރު ފުރުމާ ދިމާކޮށް އަދިތުޔާ ވަނީ އެ ފިލްމުގެ ބްރޯޑްވޭ މިއުޒިކަލް އެއް އުފައްދަން ގަސްތުކުރާ ކަން އިއުލާން ކޮށްފަ އެވެ. މިއީ މިފަދަ ބްރޯޑްވޭ މިއުޒިކަލް އެއް އަދިތުޔާ ޑައިރެކްޓްކުރާ ފުރަތަމަ ފަހަރު ވެސް މެއެވެ. މީގެ ކުރިން ފިލްމުތައް ޑައިރެކްޓް ކުރިޔަސް ސްޓޭޖުގައި ތަމްސީލުކުރާ ޝޯއެއް އޭނާ ޑައިރެކްޓެއް ނުކުރެ އެވެ.
މި ޚާއްސަ މިއުޒިކަލް އުފައްދާހިތުން އަދިތުޔާ މިހާރު ހުރީ ކެތްމަދުވެ ހިތްނުތަނަވަސް ވެފަ އެވެ. އޭނާ ޑީޑީއެލްޖޭ ޑައިރެކްޓްކުރީ އުމުރުން 23 އަހަރުގަ އެވެ. އޭގެ 26 އަހަރު ފަހުން އޭގެ ބްރޯޑްވޭ މިއުޒިކަލް އެއް އުފައްދާއިރު އަނެއްކާވެސް 23 އަހަރުގެ ޒުވާން ކުއްޖެއްގެ އިހްސާސްތައް ކުރެވެމުންދާ ކަމަށް އަދިތުޔާ ބުންޏެވެ.
"އަހަންނަކީ ސިނަމާގެ މީހެއް. މީގެ ކުރިން ތިއޭޓާގައި މިފަދަ ތަމްސީލެއް ޑައިރެކްޓެއް ނުކުރަން. ނަމަވެސް އެއީ އަހަރެން އެންމެ ކުރިންސުރެ ވެސް ވަރަށް ކުރަން ބޭނުންވެފައިވާ ކަމެއް،" މީޑީއާ އާ ޝެއާ ކުރި ނޯޓެއްގައި އަދިތުޔާ ބުނެފައި ވެއެވެ.
ޑީޑިއެލްޖޭގެ ތަރިންނަކީ ޝާހް ރުކް ޚާނާއި ކާޖޮލް އެވެ. މި ދެ ތަރިންނަކީ ބޮލީވުޑްގައި ނެތް ފަދަ މަގްބޫލު ޖޯޑަކަށްވީ މި ފިލްމުގެ ސަބަބުންނެވެ.
އަދިތުޔާގެ ބްރޯޑްވޭ މިއުޒިކަލްގެ ނަމަކީ "ކަމް ފޯލް އިން ލަވް. ދަ ޑީޑިއެލްޖޭ – މިއުޒިކަލް" އެވެ. މި ބްރޯޑްވޭ މިއުޒިކަލްގެ މިއުޒިކް ތައްޔާރުކޮށްދޭނީ ވިޝާލް-ޝޭކަރް އެވެ. އަދި ކޯރިއޮގްރާފް ކޮށްދޭނީ ހޮލީވުޑްގެ މަޝްހޫރު ކޯރިއޮގްރާފަރު ރޮބް އެޝްފޯޑެވެ. އޭނާގެ އެސޯސިއޭޓް ކޯރިއޮގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ ޝްރޫތީ މާޗެންޓެވެ.
މި ބްރޯޑްވޭ މިއުޒިކަލް ދައްކާނީ 2022-2023 ގެ ބްރޯޑްވޭ ސީޒަންގަ އެވެ. ވޯލްޑް ޕްރެމިއާ އޮންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ސެން ޑިއޭގޯގެ އޯލްޑް ގްލޯބް ތިއޭޓާ ގައެވެ.