ބަނގުރޫޓް ވެފައިވާކަން އިއުލާންކޮށްފައިވާ ޓްއާ އޮޕަރޭޓާ އަދި ޓްރެވެލް އެޖެންސީ ތޯމަސް ކުކްގެ 555 ޓްރެވެލް އެޖެންސީ އޮފީސް ގަންނަން ވާދަވެރި ޓްރެވެލް އެޖެންސީއަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ތޯމަސް ކުކްގެ ގިނަ އޮފީސްތަކެއް ގަންނަން ޝައުގުވެރިކަން ފައުޅު ކޮށްފައިވަނީ އިނގިރޭސިވިލާތުގެ ހޭސް ޓްރެވެލް ކުންފުނިންނެވެ. އެ ކުންފުނިން ބުނި ގޮތުގައި ތޯމަސް ކުކްގެ 555 ޓްރެވެލް އޭޖެންސީ ގަތުމުން 2،500 މީހުންގެ ވަޒީފާ ސަލާމަތް ކުރެވޭނެ އެވެ. އަދި އެކުންފުނިން ވަނީ ތޯމަސް ކުކްގެ 600 މުވައްޒަފުންނަށް ވަޒީފާދީ، އިތުރު މީހުންނަށް އަދި ވަޒީފާ ދޭނެ ކަމުގެ ޔަގީނަކަން ވެސް ދީފަ އެވެ.
ހޭސް ޓްރެވެލް އެޖެންސީގެ ވެރިޔާ ޖީސް ހޭސް ވިދާޅުވީ، އޭނާގެ ކުންފުނީގެ ބެލުމުގެ ދަށުގައި މިހާރު ހުރީ، 190 ޓްރެވެލް އެޖެންސީ ކަމަށެވެ. އަދި ތޯމަސް ކުކް ކުންފުނީގެ 555 ޓްރެވެލް އެޖެންސީ ގަންނަން ބޭނުން ވަނީ އެ ކުންފުންޏަށް ވަރަށް ބޮޑު ބަދަލެއް ގެނައުމުގެ ބޭނުމުގަ އެވެ.
ހޭސް ޓްރެވެލް ކުންފުންޏަކީ މީގެ 40 އަހަރުކުރިން އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގެ އާމުދަނީ ސޭލްސް މިދިޔަ އަހަރު 379 މިލިއަން ޕައުންޑަށް އެރި އިރު އެކުންފުނިން ވަނީ 10 މިލިއަން ޕައުންޑުގެ ފައިދާއެއް ލިބުނު ކަމަށް ރިޕޯޓުކޮށްފަ އެވެ.
މިކަމާ ގުޅިގެން ތޯމަސް ކުކް ކުންފުނިން އަދި އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. ކުންފުނި ބަނގުރޫޓު ވުމުން ސަލާމަތް ކުރުމަށް ތޯމަސް ކުކް ކުންފުނިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.