ދުނިޔެ

ރާއްޖޭގެ ޓޫރިޒަމަށް އެހީވި ތޯމަސްކުކް ބަނގުރޫޓް ވެއްޖެ

ރާއްޖޭގައި ޓޫރިޒަމް ކުރި އެރުވުމަށް ގިނަ މަސައްކަތެއް ކޮށްދީފައިވާ މަޝްހޫރު ޓުއާ އޮޕަރޭޓާ އަދި އެއާލައިން ތޯމަސް ކުކް ބަނގުރޫޓްވެ އޭގެ ނޭދެވޭ އަސަރު ޔޫރަޕާއި ދުނިޔޭގެ ގިނަ ގައުމުތަކަށް ކުރަން ފަށައިފި އެވެ.

ތޯމަސްކުކް ކުންފުނީގެ ސީއީއޯ ޕީޓާ ފްރޭންހައުޒާ ވިދާޅުވީ، ކުންފުނި ބަނގުރޫޓް ވިޔަ ނުދިނުމަށްޓަކާ އެ ކުންފުނިން ކުރަން ޖެހުނު ހުރިހާ ކަމެއް ކުރި ކަމަށެވެ. އަދި ބަނގުރޫޓުވުމުގެ ސަބަބުން ހާލުގައި ޖެހުނު މިލއަނެއްހާ ކަސްޓަމަރުންގެ ކިބައިން ޕީޓާ ފްރޭންހައުޒާ ވަނީ މާފަށް އެދި ވަޑައިގެންފަ އެވެ.

ޕީޓާ ފްރޭންހައުޒާ ވިދާޅުވީ، ކުންފުނި ބަނގުރޫޓު ވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމެއް ކަމަށެވެ. އަދި ބަނގުރޫޓު ވުމުން ސަލާމަތްވުމަށް އޭނާގެ ލިބިގެންވާ ހުރިހާ ގާބިލް ކަމެއް ބޭނުންކުރެއްވި ކަމަށެވެ. ތޯމަސްކުކް ކުންފުނި މެދުވެރިކޮށް ޗުއްޓީއަށް ދިޔަ 600،000 މީހުން ވަނީ މިހާރު އެކި ގައުމުތަކުގައި ތާށިވެފަ އެވެ. އަދި އެމީހުންގެ ގެނައުމުގެ މަސައްކަތް ގައުމުތަކުގެ ސާރުކާރުން ދަނީ ކުރަމުންނެވެ.

ތޯމަސްކުކަށް މާލީ ގޮތުން ގެއްލުންވާން ފަށާފައިވަނީ 2007 ވަނަ އަހަރު އެވެ. އެއަހަރު އެކަނިވެސް 1.5 ބިލިއަން ޑޮލަރުގެ ގެއްލުން ކުންފުންޏަށް ވަނީ ލިބިފަ އެވެ. އެއަށްފަހު ކުންފުންޏަށް ދިޔައީ ބޮޑެތި މާލީ ގެއްލުންތައް ކެނޑިނޭޅި ލިބެމުންނެވެ. މީގެ އިތުރަށް އެންމެ ބޮޑަށް ތޯމަސްކުކަށް ގެއްލުން ވެފައިވަނީ ބްރިކްސިޓާ ގުޅިގެން އިނގިރޭސީ ކަސްޓަމަރުން ޕްލޭން ކޮށްފައި ހުރި ދަތުރުތަށް ކެންސަލް ކޮށްލުމުންނެވެ.

ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގެއްލުންތައް ވަމުންދާތީ ކުންފުނިން ވަނީ އިންޓަނޭޝަނަލް ބޭލް އައުޓަކަށް ޗައިނާގެ ބޭންކުތަކުގައި އެދިފަ އެވެ. ބޭންކުތަކާއެކު މަޝްވަރާ ކުރިއަށް ދަނިކޮށް ޗައިނާގެ ވިޔަފާރިވެރިއަކު 750 މިލިއަން ޑޮލަރަށް ކުންފުނީގެ ޕާޓްނާޝިޕް ގަތުމަށް ވެސް ހުށަހެޅި އެވެ. އެކަމަކު މިއީ ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާނެ ކުޑަ އަދަދަކަށް ވުމުން ކުންފުނިން ނިންމީ، އެކުންފުނީގެ މަތިންދާ ބޯޓުތައް ވިއްކައިގެން ފައިނޭސް ހޯދާށެވެ. އަދި މަތިންދާބޯޓު ވިއްކައިގެން ލިބޭ ފައިސާ ދުރު ރަސްތާ ޕްލޭނެއްގެ ދަށުން އިންވެސްޓްކޮށް ފައިދާ ހޯދަން ނިންމި އެވެ.

ނަމަވެސް ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ ފައިސާ ނުލިބި ލަސްވުމުން، ތޯމަސްކުކް ދިޔައީ މަޑުމަޑުން ޓުއާ އޮޕަރޭޓާ ވިޔަފާރިއާ ދުރުވަމުންނެވެ. ކަސްޓަމަރުން އެހެން ޓްރެވެލް އެޖެންސީތަކާ ޓްއާ އޮޕަރޭޓަރުން މެދުވެރިކޮށް ޗުއްޓީ ޕްލޭން ކުރަން ނިންމުމުން ތޯމަސްކުކް ބަނގުރޫޓްވީ އެވެ.

ތޯމަސްކުކް އަކީ 178 އަށް އަހަރުވަން ދެން ޓްއާ އޮޕަރޭޓަރޭޓިން އާއި އެއާލައިނެ ހިންގި ކާމިޔާބު ތާރިހުތަކެއް އޮތް ކުންފުންޏެކެވެ. ކުންފުނީގެ ވަޒީފާގައި 22،000 މީހުން އެބަތިއްބެވެ. ގިނައީ އިނގިރޭސވިލާތުގެ މީހުންނެވެ. އެއީ 9000 މީހުންނެވެ. ތޯމަސްކުކަކީ އިނގިރޭސިވިލާތުގެ ކުންފުންޏެކެވެ.