ލައިފްސްޓައިލް

ވާވު ކެޔޮދޫން ލޯތްބާއެކު، ވާއު!

Oct 20, 2019
13

ރާއްޖޭގެ އެންމެ ކުޑަ ވ. އަަތޮޅުގައި އެންމެ ބޮޑު އާބާދީއެއް އޮންނަ މި ރަަށަށް ދެ އަަހަރު ކުރިން އައިސް ކޮފީއެއް ބޯން ވަނީ ސައި ހޮޓަލަށެވެ. އޭގެ ދެ އަހަރު ފަހުން މިއަދު މިރަށަށް އައިސް ކޯފީއެއް ބޯން ވަދެ މީނީ މުޅިން ތަފާތު މާހައުލެއް އޮތް ތަނަކަށެވެ. ކުޑަ ކުޑަ ވަރަށް ސިމްޕަލް - އެހާ ތަފާތު ތަނަކަށެވެ. މި ތާނގެ ގޮނޑިތައް ހަދާފައި މިހުރީ އުކާލާ ފޮށި ފިލައިން ނެވެ. އެކަމަކު ބަނދަރުމަތީގައިވާ މި ކެފޭ އަކީ ކޮފީއަަކުން ގިނަ ވާހަކަ ކިޔައިދޭ "ބޮޑު" ތަނެކެވެ. މި ކެފޭގައި ވިއްކާ މީރު ކެއުންތައް ތައްޔާރު ކުރަނީ މިތާނގެ ތެރޭގައި ހަދާފައިވާ ކުޑަކުޑަ ބަދިގެއަކުންނެވެ. މިތާނގެ ބޭކަރީ އަކީވެސް ބަދިގެއަކީ ވެސް އެއީވެ. ބޭރުގައި ބިއްލޫރި ޖަހައި އެތެރެ ސާފުކޮށް ފެނުނަސް މި ކެފޭގެ އަސްލު ވާހަކަ ސާފުވާނީ ވާހަކަ ކިޔައި ދިނީމަ އެވެ.

މި ކުޑަކުޑަ ކެފޭ އުފެދުނީ އިޓަލީ ޒުވާނަކާއި ދިވެއްސެއްގެ ލޯބިންނެވެ. އެއީ މި ރަށު ހަސަން ޖިނާން، 29 އައި އާއި އިޓަލީއަށް އުފަން އުމުރުން 31 ފްރެންޗެސްކާގެ ލޯބީގެ ގުޅުމެވެ. މި ރަށު މީހުން ބުނާ ގޮތުން އެއީ ކެޔޮދޫ "ރަހަ ބަދަލުކޮށްލި" ލޯތްބެކެވެ.

ލޯތްބާއެކު މި ކެފޭ ލިބުނީ ކެޔޮދޫ އަށެވެ. އެކަމަކު "ކެޔޮދޫ - އިޓަލީ ލޯބި" އުފަންވެ ހެދިގަތީ ދުނިޔޭގައި މިހާރު ގިނަ ބައެއްގެ މެދު ވަރަށް ރީތި ކަމަށް މަޝްހޫރު ވެފައިވާ މި އަތޮޅުގެ ކުޑަ ކުޑަ ތިނަދޫގަ އެވެ. އެ ރަށަށް އޮންނަނީ ކެޔޮދުއާ ކިލޯ މީޓަރެއްހާ ދުރުގަ އެވެ.

އެއް ދުވަސް ވަރެއްގައި ތިނަދޫ އިންޖީނު ގޭގެ ވަޒީފާއަކަށް ޖިނާން ދިޔަ އެވެ. އަދި އެ ރަށުން އޭނާއާ ފްރެންޗެސްކާއާ ދިމާވެ އެވެ. ބައްދަލުވަނީ ޗުއްޓީއެއްގައި ފްރެެންޗެސްކާ ރާއްޖެ އައިސް ތިނަދޫއަށް ހަމަ ދެވުނު ތަނާ އެވެ. ޖިނާނާއި ފްރެންޗެސްކާގެ ބައްދަލުބުން ބަދަލުވީ ރަހުމަތްތެރި ކަމަށެވެ. ދެން ހަމަ ކުއްލިއަކަށް ތިނަދޫގެ ފަސްގަނޑުގައި އެ ގުޅުން ލޯތްބަކަށް ބަދަލުވީ އެވެ.

ފްރެންޗެސްކާވީ ޖިނާން ދެކެ ހަމަ އެކަނި ސާފު ލޯތްބެއްވި މީހަކަށް އެކަންޏެއް ނޫނެވެ. ދިވެހި ނޭނގުނަސް އޭނާ ބަދަލުވީ ފައްކާ ދިވެއްސަކަށެވެ. ދިވެހިން ދެކެ ލޯބިވާ ދިވެހިންގެ ސަގާފަތާއި ދީނާއި އާދަކާދައަށް ލޯބި ކުރި މީހަކަށް އޭނާ ބަދަލުވި އެވެ. އަދި ރާއްްޖޭގައި ދިރިއުޅެން ނިންމި އެވެ.

ކައިވެންޏަށް ފަހު ފްރެންޗެސްކާ ޖިނާނާއެކު މި ކެޔޮދޫއަށް ބަދަލުވި އެވެ. އުފަން ގައުމު ދޫކޮށް ރާއްޖެ ބަދުވެ ހަޔާތުގެ މަންޒިލަކީ ކެޔޮދޫ ކަމަށް ފްރެންޗެސްކާ ނިންމި އެވެ. އަދި ދެ މީހުން ދިރިއުޅުން އެހެން ހިސާބަކަށް ގެންދަން ރަށުގައި ކުޑަ ވިޔަފާރިއެއް ފެށި އެވެ.

ދިވެހިންގެ ރީތި އާދަކާދަތައް އެއްކޮށްލައިގެން މި ދެފަމިރިން ދިރި އުޅެނީ މި ރަށުގައި ހުންނަ ޖިނާންގެ އާއިލާ އެކުގަ އެވެ. އެ މީހުން ފެށި ވިޔަފާރި ވެފައި ވަަނީ އެ ދެ މީހުންގެ ލޯބީގެ ރަމްޒަކަށެވެ. މި ރަށަށް އަރާ ކޮންމެ މީހަކަށް ތަފާތު މީރު ކަމެއް ދޭން އޮންނަ "އޯޝަން ޕިއްޒާ ބޭކަރީ" އަކީ އެ ދެމަފިރިން ލޯބިން ކުރާ މަސައްކަތެވެ. ކޮންމެ ދުވަހަކު އިރުއެރުމާ ހަމައިން ދަންވަރަށް އެ ދެމެފިރިން ތިބެނީ ލޯތްބާއެކު ހިދުމަތުގެ ތެރޭގަ އެވެ.

"ތިނަދޫ އިންޖީނު ގޭގަ އުޅެނިކޮށް ދިމާވަނީ! އަހަރެން ޑިއުޓީ ނިންމާފަ ގޮސް އުޅެނީ ގެސްޓްހައުސްތައް ކައިރީ. ގެސްޓުން ނަށް ބޮޑު ބެރު ޖަހައި ދޭން. އެގޮތުން އުޅެނިކޮށް ފްރެންޗެސްކާއާ ދިމާވެ ރަހުމަތްތެރިކަން އުފެއްދުނީ،" ރީތި އަދި ސާފު ލޯތްބެއް ފެށުނު ގޮތް ޖިނާން ކިޔައިދިނެވެ.

ޖިނާންގެ ދެމަފިރިން ގެ ކުޑަކުޑަ "އޯޝަން ޕިއްޒާ ބޭކަރީ" ވަރަށް ކުޑަ އެވެ. އެކަމު މިތާނގެ ވާހަކަ ބޮޑު ވަނީ ހިދުމަތް ތަފާތު، ރަހަ ވެސް ތަފާތު ތަނަކަށްވާތީ އެވެ. މިތަނުގައި މިތިބަ ދެމަފިރިން ވެސް އެހާ ތަފާތުވީމަ އެވެ. މިރަށަށް މަޑުކޮށްލާ މެހުމާނުންނާއި މި ރަށުގެ ގެސްޓްހައުސް ތަކުގައި ތިބޭ މީހުންނަށް މިތަނުން މީރުކޮށް ކާންދެ އެވެ. އަދި އާއްމުކޮށް ރަށްރަށުގައި ލިބެން ހުންނަ ބާވަތްތަކަށް ވުރެ ތަފާތު ކެއުންތަކެއް މިތާނގައި އެބަހުއްޓެވެ.

ފްރެންޗެސްކާ ބުނި ގޮތުގައި ޔޫރަޕުން އަންނަ ޓޫރިސްޓުންނަށް އެ ގައުމުތަކުން ލިބޭ ކެއުން ހަމަ އެ ރަހައިގައި އޭނާ އާއި ޖިނާންގެ ކުޑަ ކެފޭގައި އެނާގެ އަތުން ތައްޔާރުކޮށް ދެވެ އެވެ.

"އެހެންވެ ގިނަ ބައެއްގެ މެދުގައި މި ތަން މަގުބޫލުކަން ހޯދާފައިވޭ،" އޭނާ ބުނެލި އެވެ.

ޖިނާންގެ ދެމަފިރިންގެ "އޯޝަން ޕިއްޒާ ބޭކަރީ" އަކީ ކެޔޮދޫގެ ބަނދަރުމަތީގައި ރަހަ ވެސް ބަދަލުކޮށްލި ވިޔަފާރިއެކެވެ. ފްރެންޗެސްކާ ބުނި ގޮތުގައި ބޭކަރީގައި ޕިއްޒާ އާއި ސޭންޑްވިޗުގެ އިތުރުން ކްރޮސެންޓްސް އަދި ތަފާތު މީރު ކޭކުތައް ލިބެން ހުންނާނެ އެވެ.

"އަދި އިޓަލީގެ ތަފާތު ޖޫސްތައް ތައްޔާރު ކުރަން،" އޭނާ ބުންޏެވެ.

ޖިނާން ބުނި ގޮތުގައި މުޅި ހިޔާލާއި ކޮންސެޕްޓަކީ ވެސް އަދި ހިދުމަތުގެ ބޮޑު ބަޔަކީ ވެސް އޭނާގެ އަންހެނުން ފްރެންޗެސްކާ އެވެ. އޭނާއަކީ ފްރެންޗެސްކާގެ ފަހަތުން ހިތްވަރު ކުރާ މީހާ އެވެ.

"މި ހުރިހާ އެއްޗަކީ ވެސް އަދި މަސައްކަތަކީ ފްރެންޗެސްކާގެ މަސައްކަތް. މި ކަމަށް އަންހެނުން ވަނީ އިޓަލީގައި ކޯހެއް ވެސް ހަދާފަ. އެހެންވެ އަހަރެންގެ އަންހެނުންނަށް އެކި ފާޑުގެ ކާ އެއްޗިހި ވަރަށް މީރުކޮށް ތައްޔާރު ކުރަން އެނގޭ،" ޖިނާން ހީނލީ ފްރެންޗެސްކާ ގެނެސް ދިން ޖޫސް ތައްޓެއްގައި ހިފަމުންނެވެ.

އޭނާ ބުނި ގޮތުގައި އެއީ އައިސް ކްރީމާއި ކާށި ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ޖޫހެކެވެ. އަދި އެއީ މި އޯޝަން ޕިއްޒާ ބޭކަރީގެ ސިގްނޭޗާ ޑްރިންކަކަށް ވެސް ވެފައިވާ ޖޫހެކެވެ.

"މި ޖޫސް ބޯން ގިނަ ބަޔަކު އަންނާނެ ހާއްސަކޮށް ގެސްޓުންގެ މެދުގައި މި ޖޫސް ވަރަށް މަގުބޫލު،" ޖިނާން ބުނެލި އެވެ. "އަންހެނުން މިތާނގައި މޮކްޓޭލް ވެސް ތައްޔާރު ކުރޭ. މި ރަށުގައި ތިބޭ ގެސްޓުން ވެސް ވަަރަށް ގިނައިން މި ތަނަށް އަންނާނެ،"

ފްރެންޗެސްކާ އާއި ޖިނާން މިތާނގެ ތެރޭގައި ފެންނަނީ ވަރަށް ލޯބި ޖޯޑެއްގެ ގޮތުގަ އެވެ. މި ދެމަފިރިންގެ އުންމީދަކީ އެ
މީހުންގެ ލޯތްބާ އެއްވަރަށް ދިރިއުޅުމުގެ މިު މަސައްކަތް ވެސް ފުޅާ ކުރުމެވެ. އަދި އެއީ ދެ މީހުންގެ ލޯބީގެ ރަމްޒެއްގެ ގޮތު އަބަދުވެސް ކެޔޮދޫ ބަނދަރުމަތި ފަޅު ފިލުވައިދީ ރަހަ ހެޔޮވަރު ކުރަމުން ދިއުމެވެ. ދެމަފިރިން އެކުގައި ބުނާ ގޮތުގައި އެ މީހުންގެ އުންމީދަކީ ދުނިޔޭގައި ވ. އަތޮޅު "ވޯއު އެޓޯލް" ގެ ގޮތުގައި މަޝްހޫރުވެފައިވާ ވަރަށް ލޯތްބާއެކު ހުޅުވި ބޭކަރީ ތަރައްގީކޮށް ކުރިއެރުވުމެވެ.