ވިޔަފާރި

އިސްލާމިކް ބޭންކުން ހިއްސާ ވިއްކައިގެން 356 މިލިއަން ރުފިޔާ ހޯދައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވިއްކައިގެން 356 މިލިއަންނަށް ވުރެ ގިނަ ރުފިޔާ ހޯދައިފި އެވެ.

އެމްއައިބީ އިން ހިއްސާ ވިއްކަން ހުޅުވާލުމުން 16،146 އިންވެސްޓަރުންގެ ފަރާތުން، 17،713 ފޯމު ވަނީ ލިބިފަ އެވެ. އެ ކުންފުނިން ހިއްސާ ވިއްކައިގެން 356،533،100 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ.

އެ ކުންފުނި ހިއްސާ ވިއްކަ ހުޅުވާލީ 244 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބައިގެންނެވެ. ނަމަވެސް ތަރުހީބު ބޮޑުވެ މިވަނީ "އޯވަ ސަބްސްކްރައިބް" ވެފަ އެވެ. އެހެންކަމުން ހިއްސާ ވިއްކައިގެން އިތުރަށް ލިބުނު 112،408،100 މިލިއަން ރުފިޔާ ވަނީ ހިއްސާ ގަންނަ ހުށަހެޅި ފަރާތްތަކަށް ރީ-ފަންޑުކޮށް ދޭން ނިންމާފަ އެވެ. އަދި ރިފަންޑު ކުރުން މި މަހުގެ 28 އިން ފެށިގެން ކުރިއަށް ދާނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ/

"... މިފަދަ ހާލަތްތަކުގައި އަމަލު ކުރަން ޕްރޮސްޕެކްޓާގައި އޮތް އުސޫލާއި އެއްގޮތުގެ މަތިން ވަކިވަކި ފަރުދުންގެ ތެރެއިން ހިއްސާ އަށް އެދުނު އިންވެސްޓަރުންނަށް އިސްކަން ދީގެން، ހިއްސާ އެކަށައަޅަން ބޭންކު ބޯޑުން ވަނީ ސިޔާސަތު އެކަށައަޅާފަ އެވެ،" އިސްލާމިކް ބޭންކުން ބުނެފައިވެ އެވެ.

އެ ބޭންކުން ބުނީ މިގޮތުގެ މަތިން ރިކޮމޮންޑޭޝަން ނިންމުމަށްފަހު ޖުމްލަ 14،146 އިންވެސްޓަރުންނަށް (މުއައްސަސާތަކާއި ކުންފުނިތައް އަދި ވަކިވަކި ފަރުދުން) ހިމެނޭ ގޮތަށް ހިއްސާ ވަނީ އެކަށައަޅާފަ އެވެ.

އެމްއައިބީ އިން އާއްމުންނަށް ހިއްސާ ވިއްކަން ހުޅުވާލީ އެންމެ މަދުން ގަނެވޭނެ އަދަދެއްގެ ގޮތުގައި 20 ހިއްސާ އެވެ. (އެއީ 35ރ. އަށް ހިއްސާއެއްގެ މަގުން 700ރ. ގެ ހިއްސާ ) ކަމަށް ބަލައިގެންނެވެ.