މާތް ވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމަތް ކުރުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅޭނެ މައްސަލައެއް ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، އެމްޑީއެންގެ ރިޕޯޓުގެ މައްސަލާގައި ވާހަކަފުޅު ދައްކަވައިިފި އެވެ.
އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ނެރެފައިވާ އެމްޑީއެންއިން ނެރެފައިވާ ރިޕޯޓާއި ގުޅޭގޮތުން އިމްރާން އެއްޗެއް ވިދާޅުވީ އެމްޑީއެންގެ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލަން ޔޫތް މިނިސްޓްރީން އެންގުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.
އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ފިޔަވަޅު އެޅުމާއި، އެ ޖަމިއްޔާގެ ރިޕޯޓް ކުށްވެރިކުރައްވާ އެއްޗެއް ވިދާޅުވާން ހޯމް މިނިސްޓަރަށް ޓެގްކޮށް ގިނަ ބަޔަކު ވަނީ ޓްވީޓްކޮށްފަ އެވެ. އަދި އަދާލަތު ޕާޓީއަށް ނިސްބަތްވާ އިލްމުވެރިން ވެސް ވަނީ އެމްޑީއެންގެ ރިޕޯޓްގެ މައްސަލާގައި ބަސްފުޅެއް ވިދާޅުވާން އިމްރާންގެ ކިބައިން އެދިފައެވެ. ނަމަވެސް އެ ރިޕޯޓާއި ގުޅިގެން އިމްރާން އެއްޗެއް ވިދާޅުވީ ވަރަށް ފަހުންނެވެ.
އެމްޑީއެންގެ ސަސްޕެންޑްކު ރުމާއި ގުޅިގެން އިމްރާން ވިދާޅުވީ މާތް ވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމަތް ކުރުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ތަހުގީގުކޮށް ފިޔަވަޅު އެޅޭނެ މައްސަލައެއް ކަމަށެވެ. އަދި އެކަން މި ސަރުކާރުން ކުރާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެމްޑީއެން ސަސްޕެންޑް ކުރަން ނިންމީ ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށާއި ސަސްޕެންޑްކުރީ ޖަމިއްޔާގެ މައްސަލާގެ ފުލުހުން ތަހުގީގު ކުރަމުންދާތީ އެވެ.
އެމްޑީއެންގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ވަކި ކޮޅަކަށް ނުޖެހި ތަހުގީގު ކުރައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެމްޑީއެން މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މި މައްސަލައާ ގުޅިގެން ދީނީ އިލްމްވެރިން ވެސް ރައީސް ސޯލިހާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި އިލްމްވެރިން ވަނީ އެ ޖަމިއްޔާ އުވާލަން އެދިފަ އެވެ. ބައްދަލުވުމަށްފަހު އިލްމްވެރިން ބުނެފައިވަނީ ރައީސް ސޯލިހުގެ ފަރާތުން އުއްމީދީ ޖަވާބުތަކެއް ލިބި ވަޑައިގެންނެވި ކަމަށެވެ.