ހަބަރު

އެމްޑީއެން ރިޕޯޓް މައްސަލާގައި އަދާލަތު ފުލުހަށް

Oct 6, 2019

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ފުލުހަށް މައްސަލަ ހުށަހަޅައިފި އެވެ.

އަދާލަތު ޕާޓީގެ ރައީސަކީ އިމްރާން އަބްދުﷲ އެވެ. ފުލުހުންގެ ގާނޫނީ ބެލެނިވެރިޔާ، ހޯމް މިނިސްޓަރަކީވެސް އިމްރާނެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށްވާ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ހިލާފު ވާހަކަތައް ވަނީ ހިމަނައިފަ އެވެ. އަދި މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައިވެ އެވެ.

އެ މައްސަލާގައި އެމްޑީއެންގެ ރިޕޯޓް މީގެ ކުރިން ކުށްވެރިކޮށްފައިވާ އަދާލަތު ޕާޓީން މިއަދު ބުނީ އެމްޑީއެންއިން ނެރެފައިވާ ރިޕޯޓާ ގުޅޭގޮތުން އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ތަހުގީގެއް ހިންގައި ފިޔަވަޅު އެޅުމަށް އެދި ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އެމްޑީއެންއިން 2016 ވަނަ އަހަރު އެ ރިޕޯޓްގެ މައްސަލަ މި އަހަރު ފެންމަތިވެ ގިނަ ދީނީ އިލްމުވެރިންނާއި އާންމު ރައްޔިތުން ގެންދަނީ އެ ޖަމިއްޔާ އުވާލުވުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުންނެވެ. އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ ޕެޓިޝަނެއް ވެސް ދަނީ ތައްޔާރު ކުރަމުންނެވެ.