އަދާލަތު ޕާޓީ

އެމްޑީއެންގެ ރިޕޯޓް ލިޔުނު މީހުނަށް ދައުވާ ކުރަންޖެހޭ: އަދާލަތު

އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ލިޔެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް ތައްޔާރުކުރި މީހުންގެ މައްސަލަތައް ބަލާ ދައުވާކުރަންޖެހޭ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

މި ސަރުކާރުގެ ބައިވެރިއެއްކަމަށްވާ އަދާލަތު ޕާޓީން ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްވާ ވާހަކަތައް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

އަދާލަތު ޕާޓީން ބުނީ އެ ޖަމިއްޔާއިން ކޮށްފައިވަނީ ގާނޫނު އަސާސީއާއި، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި، ޖަމިއްޔާތަކާ ބެހޭ ގާނޫނާއި، ގާނޫނުލްއުގޫބާތުގައި މަނާކުރެވިފަައިވާ ކުށެއްކަމަށެވެ.

"މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާ މި މައްސަލާގައި ދައުވާ އުފުލަންޖެހޭ ފަރާތްތަކާމެދު ދައުވާ އުފުލުމަށް ދައުލަތުގެ ކަމާގުޅުން ހުރި އިދާރާތަކަށް ގޮވާލަމެވެ. ޖަމިއްޔާއެއްގެ ޝަހުސުގައި އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ފުުރުސަތު އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެކަމަށް މި ޕާޓީން ދެކެމެވެ." އަދާލަތުގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ޕާޓީން ބުނީ އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި އިންތިހާއަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާތީ އެ މައްސަލާގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށެވެ. އަދި އިލްމުވެރިންނާއި، ބައެއް އާންމުންނާއި ގުޅޭގޮތުން ހަގީގަތެއް ނެތް ވާހަކަތައް އެ ރިޕޯޓްގައި ހިމަނާފައިވާތީ އެއީ ރުޅިވެރިކަމާ ނަފުރަތު އުފެދެން މަގުފަހިވާނެ ކަންކަން ކަމުގައިވާތީ އެއީވެސް ދައުލަތުގެ އިދާރާތަކުން ބަލަންޖެހޭނެ މައްސަލަތައްކަމުގައި ވަނީ ބުނެފައެވެ.

އަދި އެ ރިޕޯޓްގައި ދީނާ ދައުލަތާއި، ރައްޔިތުންނަށް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސާ ހަވާލާދީ ބައެއް މައުލޫމާތުތައް ހިމަނާފައިވާތީ އެފަދަ ޖަމިއްޔާއަކަށް އެ މައުލޫމާތު ހިއްސާކުރި ގޮތެއް ތަހުގީގު ކުރުމަށްވެސް އަދާލަތުން ވަނީ ގޮވާލާފައެވެ.

އަދާލަތު ޕާޓީން ނެރެފައިވާ ނޫސްބަޔާން ހިއްސާކޮށް އެޕާޓީން ނެރެފައިވާ ނޫސްބަޔާން

އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީންވެސް ވަނީ އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށްފައެވެ.

އެޕާޓީން ބުނީ އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް ޚިޔާލު ފާޅުކުުރުމާއި، އިލްމީ ދިރާސާ ކުރުމުގެ ނަމުގައި އިސްލާމް ދީނަށާއި މާތް ރަސޫލާއަށް ބަދުބަސް ރައްދުކޮށް މި ދިވެހި މުޖުތަމައު ފަސާދަކުރުމަށް އެމްޑީއެން އިން ހިންގި އަމަލު ކުށްވެރިކުރާކަމަށެވެ.

މީގެ އިތުރުން ރައީސް މައުމޫންވެސް ވަނީ އިސްލާމް ދީނަށް ނުވަތަ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ކޮންމެ ބަޔަކު ކުރި ނަމަވެސް އެއީ ހުއްޓުވަން ޖެހޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.