ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލަށް ނިސްބަތްކޮށް ފުރައްސާރަ ކޮށްފައިވާތީ އެކަމާއި ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އަޅައިދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާ ބައްދަލު ކުރަން އަދާލަތު ޕާޓީން ނިންމައިފި އެވެ
އަދާލަތު ޕާޓީގެ އެ ނިންމުން އައީ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ދެވަނަ ދައުރުގެ 168 ވަނަ ޖަލްސާގައި މިއަދު އެވެ.
"ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން އާންމުކުރި ރިޕޯޓާއި ގުޅިގެން ކަންބޮޑުވާ ކަންކަން ފާހަގަކޮށް އެ ޖަމްއިއްޔާއާ މެދު ގާނޫނީ ފިޔަވަޅު އަޅައިދޭން އެދި ރައީސް ސޯލިހާ ބައްދަލު ކުރެއްވުމުގެ އިތުުރުން އިތުރު ތިން ވަޒީރަކާއި، ކޮމިޝަނަރު އޮފް އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ބައްދަލުކުރުމަށް ވެސް އެ ޕާޓީން ވަނީ ނިންމާފަ އެވެ.
އަދާލަތުން ބައްދަލު ކުރުމަށް ނިންމާފައިވަނީ މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފާއި، މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރުގެ އިތުރުން މިނިސްޓަރު އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އާ އެވެ.
އަދާލަތު ޕާޓީން ބައްދަލުކުރަން ނިންމި މިނިސްޓަރުންގެ ތެރެއިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ އެޕާޓީގެ ރައީސެވެ. އަދި އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރަކީ އެޕާޓީގެ ސްލޮޓެއްގައި މިނިސްޓަރު ކަމުގައި ހުންނެވި ބޭފުޅެކެވެ. ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަކީ ކުލަބު ޖަމިއްޔާ، ޖަމާއަތްތަކުގެ ބެލެނިވެރި ފަރާތެވެ. ޕޮލިސް ކޮމިޝަނާއާ ބައްދަލު ކުރާއިރު ފުލުހުންގެ ގާނޫނީ އިސް ފަރާތަކީ ވެސް ހޯމް މިނިސްޓަރެވެ.
އަދާލަތު ޕާޓީން މިއަދު ވަނީ އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ފުލުހަށްވެސް ހުށައަޅާފައެވެ. މި މައްސަލަ އަދާލަތުން ހުށައެޅުމުގެ ކުރިން އިސްލާމިކް މިނިސްޓްރީން ވެސް ވަނީ މައްސަލަ ފުލުހަށް ހުށައަޅާފަ އެވެ.