ސަރުކާރުގެ ވަޒީފާތަކުގައި ތިބި މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އަށް ނިސްބަތްވާ މީހުން މަގާމުތަކުން ދުރުކުރަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިހެން ވިދާޅުވީ އެ ޖަމިއްޔާއިން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނާއި، މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް އެ ރިޕޯޓްގައި ވާހަކަތަކެއް ހިމަނާފައިވާތީ އެވެ.
ޝަހީމް ވިދާޅުވީ އިސްލާމްދީނާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، ރާއްޖޭގައި ދީނީ ވަހުދަތު ނަގާލަން މަސައްކަތް ކޮށްފައިވާ އެމްޑީއެންއަށް އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނާއި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ފިޔަވަޅު އަޅައި އުވާލަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ މަތީ މަގާމުތަކަށް އައްޔަން ކޮށްފައިވާ އެ ޖަމާއަތަށް ނިސްބަތްވާ ފަރާތްތައް ސަރުކާރުގެ މަގާމުތަކުން ވަކިކުރަން ޖެހޭ ކަމަށެވެ.
"ރާއްޖޭގެ ދީނީ ވަހުދަތު ނަގާލަން ގަސްތުގައި، ހުއްޓުމެއްނެތި ހިންގަމުންދާ ހަރަކާތްތަކާމެދު ލަސްނުކޮށް ގާނޫނީ ފިޔަވަޅު އަޅަން ގޮވާލަން." ޝަހީމް ވިދާޅުވި އެވެ.
ޓެރަރިޒަމާ ގުޅުންހުރި އެކިއެކި ކަންކަމުގައި، ރައީސަށް ލަފާ އެރުވާނެ އެންޓި ޓެރަރިޒަމް ކޮންސަލްޓެންޓެއް ހަމަޖައްސާފައިވާއިރު، އެ މަގާމަށް ހަމަޖައްސަވާފައިވަނީ ޑިމޮކްރަސީ ނެޓްވޯކްގެ ޗެއާޕާސަން ނޫޝިން ވަހީދެވެ. އޭނާގެ އިތުރުން ސަރުކާރުގެ އިސް ބައެއް މަގާމުތަކާއި، މުއައްސަސާތަކުގައި ވެސް އެ ޖަމިއްޔާގެ މެންބަރުން ހިމެނޭ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާފައި ވެއެވެ. އަދި މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.
އެގޮތުން "ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނުގެ ދީނީ ރައުޔު ނޫން ރައުޔަކަށް އުޅޭ މީހަކީ ހައްދުފަހަނަ އަޅާފައިވާ މީހެއް ގޮތުގައި ކަނޑައަޅާފައި" ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެއީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ވެސް ފެންނަ ކަމެއް ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން އިސްރާޢާ މިއުރާޒުގެ މާތް ދަތުރުފުޅާ ގުޅޭގޮތުން ވެސް އަސާސެއް ނެތް ވާހަކަތައް އެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.