ދީނަށް ފުރައްސާރަ ކުރުން

ރައީސް ސޯލިހަށް ޝަހިންދާގެ އިންޒާރެއް!

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލަން ޔޫތް މިނިސްޓްރީން އަންގާފައިވަނިކޮށް އެ ޖަމިއްޔާއަށް ފިޔަވަޅު އެޅީ އުސޫލުތަކާއި ޚިލާފަށް ކަމަށް ބުނެ، އެމްޑީއެންގެ މަސްއޫލުވެރިޔާ ޝަހިންދާ އިސްމާއީލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އިންޒާރެއް ދެއްވައިފި އެވެ.

އެމްޑީއެން ސަސްޕެންޑް ކުރަން ނިންމާ ޔޫތް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމިއްޔާ ސަސްޕެންޑް ކުރަން ނިންމީ ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށާއި ސަސްޕެންޑްކުރީ ޖަމިއްޔާގެ މައްސަލާގެ ފުލުހުން ތަހުގީގު ކުރަމުންދާތީ ކަމަށެވެ.

ޝަހިންދާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެ ޖަމިއްޔާއާމެދު ސަރުކާރުން ފިޔަވަޅު އަޅާފައިވަނީ ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ކަމަށެވެ. އަދި ޔޫތު މިނިސްޓްރީން އެ ޖަމިއްޔާއަށް ފިޔަވަޅު އަޅާފައިވަނީ އުސޫލުތަކާއި ޚިލާފަށް ކަމަށެވެ. އަދި އެ ވާހަކަ ދައްކަން ފަށައިފިނަަމަ ރައީސް ސޯލިހަށް ބައިނަލްއަގްވާމީ ދުނިޔެއަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޝަހިންދާ ވަނީ ބުނެފައެވެ.

ޝަހިންދާގެ އެ ޓްވީޓްގައި އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެން ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނީ ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) އާ ކަމަށްވެސް ވިދާޅުވެފަ އެވެ. -- ޔުނިވާސަލް ޕީރިއަޑިކް ރިވިއު އަކީ ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތު ހުރި މިންވަރު ބެލުމަށް ބާއްވާ ސެޝަނެކެވެ. --

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި މާތް ﷲގެ ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލާގައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް ރައީސް ސޯލިހު . ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމުގެ ޔަގީންކަން ރާއްޖޭގެ ދީނީ އިލްމުވެރިނަށް ވެސް ވަނީ ދެއްވާފަ އެވެ.

އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނާ ރަސޫލާއަށް ވަނީ ފުރައްސާރަކޮށް ވާހަކަތައް ލިޔެފަައެވެ. މީގެ އިތުރުން އިސްރާއާ މިއުރާޒުގެ މާތް ދަތުރުފުޅާ ގުޅޭގޮތުން ވެސް އަސާސެއް ނެތް ވާހަކަތައް އެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.

އެމްޑީއެން އުވާލުމަށް ގިނަ ބަޔަކު ގޮވާލަމުންދާއިރު، އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ އޮންލައިން ޕެޓިޝަނެއް ވެސް ދަނީ ތައްޔާރު ކުރަމުންނެވެ. އެމްޑީއެންގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާއިރު މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތަފާތު ވާހަކަފުޅުތައް ދައްކަވާފަ އެވެ.

ނަޝީދު ރޭ ވިދާޅުވީ އެ މަނިކުފާނު އެ ރިޕޯޓް އެއްކޮށް ވިދާޅުވެފައިވާ ކަމަށާ އެ ރިޕޯޓް ލިޔުނު މީހުން ރިޕޯޓްގައި އިސްލާމް ދީނަށް ނަފުރަތު އުފެއްދުމަށް ބަސްތަކެއް ބޭނުން ކޮށްފައިވާ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް ނަޝީދު ވިދާޅުވީ ރިޕޯޓްގައި މާތް ރަސޫލާއަށް ނިސްބަތްކޮށް ލިޔެފައިވާ ބައިތަކުގައި ރަސޫލާއަށް ދޭންޖެހޭ އިހުތިރާމް ދީފައި ނެތުމާއި، ބައެއް ބަސްތައް ބޭނުން ކޮށްފައިވާ ގޮތް ރަނގަޅު ނޫން ކަމަށެވެ.

ނަޝީދު ވަނީ އެހެން މެދުވެރިވީ ކަމަށް ފެންނަ ސަބަބުތައް ވެސް ވިދާޅުވެ ދެއްވާފައެވެ.

"އަޅުގަނޑު ދެކޭގޮތުގައި އެ ރިޕޯޓް ލިޔުނު ކުދިންވެސް އެއްވެސް ހާލެއްގައި އެ ބަސްތައް ބޭނުން ކޮށްފައި އެވަނީ އެ މާނާގައި ކަމަށް އަޅުގަނޑަކަށް ނުފެނުނު އެ ރިޕޯޓް ކިޔައިގެނެއް. އިނގިރޭސި ބަހުން އެއްޗެއް ލިޔާން ވެގެން އުޅެނިކޮށް ވެފާ ހުރި ގޮތެއް. އެއީ ވާގޮތެއް ބައެއް ޔުނިވާސިޓީތަކުގައި ގިނަ ދުވަހު ކިޔަވާފަ ހުރުމުން." އެމްޑީއެންގެ ރިޕޯޓް ދިފާއު ކުރައްވާ ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ރައީސް ނަޝީދު މިއަދު ވަނީ އެމަނިކުފާނު ރޭ ދެއްކެވި ވާހަކަފުޅުގެ ރާގު ބަދަލު ކުރައްވައިގެން ވާހަކަފުޅު ދައްކަވާފަ އެވެ.

އާންމުންގެ ފާޑުކިޔުންތައް ބޮޑުވުމުން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއެންއާ މެދުވެސް އަދި ހަނގުރާމައަށް މީހުން ފޮނުވާ ފަރާތްތަކާމެދު ވެސް އަދި ގޮތް ނޭނގޭ މަރުތަކާއި ގުޅުންހުރި މީހުންނާމެދު ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

އެމްޑީއެންގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހަށް މައްސަލަ ހުށައަޅާފަ އެވެ. އަދި އެ މިނިސްޓްރީން ވަނީ އެމްޑީއެންގައި ތިބީ ބޭރުން ފަންޑުން ކޮށްގެން ވަކި އެޖެންޑާއެއް ހާސިލްކުރަން މަސައްކަތް ކުރާ ބައެއް ކަމަށްވެސް ބުނެފަ އެވެ.

ފަހަކަށް އައިސް ރާއްޖޭގައި އަބަދުވެސް ދީނަށް ފުރައްސާރު ކުރުމުގެ މައްސަލަތައް ފެންމަތިވެފައި ނޯންނަ ވަގުތެއް ނުދެ އެވެ.