ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ރިޕޯޓްގެ ވާހަކަ ދައްކާ މީހުންނަށް ފިޔަވަޅު އަޅައިގެން ނުވާނެ: ޝަހީމް

އިސްލާމްދީނުގެ އަސްލުތަކާ ޚިލާފަށް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓުގައި ހުރި ވާހަކަތަކަށް އިންކާރު ކުރެއްވަމުން ގެންދަވާ އެއްވެސް ފަރާތަކަށް ފިޔަވަޅު ނޭޅުއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ރައްޔިތުންގެ މެދުގައި ބައިބައިވުމާ، ފިތުނަފަސާދަ އުފެދޭ ވާހަކަތައް ދައްކަމުންދާ ކަމަށް ބުނެ، ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިން އެއްވެސް ވާހަކައެއް ނުދެއްކުމަށް ވަނީ އަންގާފައެވެ. ސަރުކާރުން އެދިގެން މި އެންގުން އަންގާފައިވަނީ ގައުމީ ޔުނިވާސިޓީގެ ގިނަ އަދަދެއްގެ ލެކްޗަރާއިން ހިމެނޭހެން ރާއްޖޭގެ އިލްމުވެރިންތަކެއް ގުޅިގެން ނޫސްވެރިންގެ ބައްދަލްވުމެއް ބޭއްވިތާ 24 ގަޑިއިރުވެސް ނުވަނީހެވެ.

ޝަހީމް ވިދާޅުވީ އެމްޑީއެން އިން ނެރެފައިވާ ރިޕޯޓާ ގުޅިގެން އިލްމުވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރެއްވި އިލްތިމާސްތަކަށް ފުރިހަމައަށް ތާއިދު ކުރާ ކަމަށާ އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު ލިބުނު ނަމަވެސް ރާއްޖެއިން ބޭރުގައި ހުރުމުގެ ސަބަބުން ބައިވެރިވެވޭ ގޮތް ނުވީ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓުގައި ހުރި ވާހަކަތަކަށް އިންކާރު ކުރައްވަމުން ގެންދަވާ އެއްވެސް ފަރާތަކަށް ފިޔަވަޅު ނޭޅުއްވުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަމުން ޝަހީމް ވިދާޅުވީ އިސްލާމީ އަގީދާއާއި ކީރިތި ރަސޫލާގެ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމަގެ ޝަޚްސިއްޔަތަށް ބަދުބަސް ރައްދު ކުރެވޭއިރު އެކަމަށް އިންކާރު ކުރެވެން ޖެހޭނެ ކަމަށެވެ.

"އެއީ މުސްލިމުންގެ ވާޖިބެއް. ރިޕޯޓު އެކުލަވާލާ ފައިވަނީ ބޭރުގެ ފަރާތަކުން ބަޔަކަށް ފަންޑު ކޮށްގެން ރާއްޖޭގެ އިސްލާމީ އަގީދާ ނެތިކޮށްލަން ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައިވާއިރު، އެކަމުގެ ހަގީގަތްތް ބަލައި ފުރިހަމަ ތަހުގީގެއް ހިންގައި ގާނޫނީ ފިޔަވަޅު އަޅަންޖެހޭނެ ކަމުގައި ދެކެން." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ޚިޔާލުފާޅުކުރުމާއި އިންސާނީ ހައްގުތަކާއި ދީމިގުރާތީ އުސޫލުތައް ރާއްޖޭގައި ކުރިއެރުވުމަކީ އެކަންކަމަށް ހުރިހާ ރައްޔިތުން ތާއިދު ކުރާ ކަންކަން ކަމަށާ އަދި ދިވެހި ރައްޔިތުން މަދަނީ ޖަމިއްޔާތަކުގެ މަސައްކަތްތަކުގެ އަގުވަޒަން ކުރާއިރު މަދަނީ ޖަމިއްޔާތަކުން ރާއްޖޭގައި ޚިދުމަތްކުރަމުންދަނީ އެއްވެސް ހުރަހެއް ނެތި ކަމަށެވެ.

"ދިވެހިރާއްޖެއަކީ މުސްލިމު މުޖުތަމައަކަށްވީ ހިނދު، އިސްލާމްދީނުގެ އަގީދާއާ ޚިލާފު ވާހަކަތައް ރާއްޖޭގައި ފެތުރުމާއި ރަސޫލުންނަށް ބަދު ބަސް ބުނުމާއި މުއުޖިޒާތްތަކަށް އިންކާރުކުރުމާއި މިއީ ޚިޔާލު ތަފާތު މައްސަލަތަކެއް ނޫން. އިސްލާމްދީނަށް ތައުހީނު ކުރުމާއި ފުރައްސާރަ ކުރުމަކީ ދިވެހި ރާއްޖޭގެ ގާނޫނުތަކުން ކަނޑައެޅިގެން މަނާކޮށްފައިވާ ކަންކަން. މިފަދަ ކަންކަން ހުއްޓުވުމަށް ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުމަކީ ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވަނީ އިސްލާމްދީނާ ގުޅުން ހުރި ރާއްޖޭގެ ދާޚިލީ ކަންކަމުގައި ބޭރުގެ އެކި އެކި ޖަމާއަތްތަކުގެ ނުފޫޒަށް ބެލުމެއްނެތި ރާއްޖޭގެ ގާނޫނު އަސާސީއާއި އިސްލާމްދީނުގެ އަސާސްތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް ހެދިފައިވާ ގާނޫނުތައް ނަގަހައްޓައި ތަންފީޒުކުރުމަށް ގޮވާލައްވާފައެވެ. އަދި ގާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ އަމިއްލަ ވެރިކަންކުރާ އިސްލާމީ އުސޫލުތަކުގެ މައްޗަށް ގާއިމުވެފައިވާ ދައުލަތެއް ކަމުން ދިވެހި ދައުލަތުން މި އުސޫލު ދަމަހައްޓައި ނަގަހައްޓަން ޖެހޭނެ ކަމަށެވެ.

ރިޕޯޓްގެ މައްސަލަ ތަހުގީގުކޮށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަކީ ދައުލަތުގެ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށާ އެއީ ދައުލަތުން ކުރަން ޖެހޭނެކަމެއް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އަދި އެއްވެސް އެހެން އަމިއްލަ ފަރާތަކުން ނުވަތަ އާއްމު ފަރުދުން، އެރިޕޯޓު އެކުލަވާލި ފަރާތްތަކަށް ބިރު ދައްކައި އިންޒާރުދީ ގޯނާކޮށް ހަޑިހުތުރު އެއްޗެހި ގޮވައި ހެދުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

އިލްމުވެރިންގެ ގުޅުމުން އިދާރާތަކަށް ކުރި އިލްތިމާސް

  • އިސްލާމީ އުސޫލުތައް ނަގަހައްޓާ ހިމާޔަތް ކުރުން
  • ދީނާ ދެކޮޅަށް ހިންގާ ކޮންމެ ޖަރީމާއެއް ވަގުތުން ވަގުތަށް ހުއްޓުވުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ވަގުތުން ވަގުތަށް ކުުރުން
  • ދީނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް ފިޔަވަޅު އެޅުމުގައި ފަސް ނުޖެހުން
  • އިސްލާމީ އުސޫލުތައް ނެގެހެއްޓުމަށް ކުރާ ކޮންމެ މަސައްކަތަށް އެއްބާރުލުން ދިނުން
  • ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކޮށް ދިނުން
  • އިސްލާމްދީނާ ހިލާފު ކޮންމެ ކަމަކަށް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން އެމްޑީއެން އުވާލުން

އިލްމުވެރިންނަށް ކުރި އިލްތިމާސް

  • ދީނާ ދެކޮޅަށް ހިންގޭ ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަ ކޮށްދިނުން
  • އެ މަސައްކަތުގައި ހުރިހާ އިލްމުވެރިން އެކަތިގަނޑެއްގެ ގޮތުގައި ދެމި ތިއްބެވުން
  • ރައްޔިތުންނަށް ހެޔޮ ގޮތް އަންގައިދޭން ކުރަންޖެހޭ ކޮންމެ ކަމެއް ކޮންމެ އިލްމުވެރިއަކު ކުރެއްވުން

ރައްޔިތުންނަށް ކުރި އިލްތިމާސް

  • ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުުރުން
  • ދީނީ ތައުލީމު އޭގެ އެންމެ ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށްދިނުން
  • އިސްލާމީ އުސޫލުތަކަށް ދަރިންގެ ހިތުގައި ލޯބި ޖެއްސުމަށް މަސައްކަތް ކުރުން