ދިވެހިރާއްޖޭގެ އިސްލާމީ ވަހުދަތު ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގެންގުޅުއްވަނީ ހިކުމަތްތެރި އުސޫލެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.
އިލްޔާސް މިހެން ވިދާޅުވީ އިސްލާމް ދީނަށާއި ރަސޫލާއަށް މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކް (އެމްޑީއެން) އުވާލަން ސަރުކާރުން މިއަދު ނިންމުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގަ އެވެ. އެމްޑީއެން އުވާލުމަށް ސަރުކާރަށް އެންމެ ބޮޑަށް ގޮވާލެއްވި އިލްމުވެރިންގެ ތެރޭގައި އިލްޔާސް ހިމެނިވަޑައިގަންނަވަ އެވެ.
އެމްޑީއެން އުވާލަން ނިންމާ ޔޫތު މިނިސްޓްރީން ނިންމާ އެކަން ހާމަކޮށްފައިވާ ބަޔާނާއެކު އިލްޔާސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެމްޑީއެން އުވާލުމަށް ރައްޔިތުން ކުރި އިލްތިމާސް އަޑުއައްސަވާ އެކަން ތަހުގީގުކޮށް އެ ޖަމިއްޔާ އުވާލީތީ މާތްﷲ އަށް ހަމްދުކޮށް ޝުކުރުކުރާ ކަމަށެވެ.
"އަދި ދިވެހި ރާއްޖޭގެ އިސްލާމީ ވަހުދަތު ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގެންގުޅުއްވާ ހިކުމްތްތެރި އުސޫލަށް މަރުހަބާ ކިޔަން." އިލްޔާސް ވިދާޅުވިއެވެ.
އެމްޑީއެން އުވާލުމަށް މިއަދު ޔޫތް މިނިސްޓްރީން ނިންމީ ތަހުގީގަށްފަހު ފުލުހުން ދީފައިވާ މައުލޫމާތަށް ބެލުމަށްފަހު އެވެ. ޖަމިއްޔާގެ ގާނޫނުގެ ދަށުން އެމްޑީއެން އުވާލަން ނިންމައި، ޖަމިއްޔާގެ ދަރަންޏާއި މުދަލާ ގުޅޭ ކަންކަން 45 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ މުއްދަތު ދީފަ އެވެ.
އެމްޑީއެންގެ "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓްއާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުން ފުލުހުން ހެދި އެސެސްމަންޓްއިން އެ ރިޕޯޓުގައި އިސްލާމް ދީނަށް ތައުހީން ކުރުމުގެ ގޮތުން ފާޑު ކިޔާފައިވާ ކަން ފާހަގަވެފައިވާ ކަމަށާއި ދީނަށާއި ރަސޫލާއަށް ވެސް އެ ރިޕޯޓުގައި ފުރައްސާރަކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާ އުވާލާފައިމިވަނީ އެކަމަށް އެދި ދިވެހި ރައްޔިތުން އަޑު އުފުލަމުން ގެންދާތާ މަސް ދުވަސްފަހުންނެވެ. އެ ޖަމިއްޔާ އުވާލުމަށް 140 ވުރެ ގިނަ ކައުންސިލުން ގޮވާލާފައިވާއިރު، އެތައް ރަށެއްގައި އެ ޖަމިއްޔާއާ ދެކޮޅަށް އަޑުއުފުލުމަށް އެއްވުންތައް ވަނީ ބާއްވާފައެވެ.