ޝައިހް އިލްޔާސް ހުސައިން

ރައީސް ސޯލިހަކީ ރައްޔިތުންގެ ބަސްއަހާ ވެރިއެއް: އިލްޔާސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ރައްޔިތުންގެ ބަސް އަހާ ވެރިއެއްކަން ސާބިތުކޮށްދެއްވާފައިވާ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.

ޝައިހް އިލްޔާސް މިހެން ވިދާޅުވީ އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލާގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ރަސްމީކޮށް އުވާލާ އެކަން ސަރުކާރުން ހާމަކުރުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.

އިލްޔާސް ވިދާޅުވީ ލާދީނީ އަދިރި ފަރާތްތަކުގެ އިންޒާރަށް ބެލުމެއްނެތި އެމްޑީއެން ރަސްމީކޮށް އުވާލުމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ އިލްމުވެރިންނާއި، ރައްޔިތުންގެ ބަސް އަހާ ވެރިއެއްކަން އެނގިގެން ހިނގައްޖެ ކަމަށެވެ.

ލާދީނީ އަދިރި ފަރާތްތަކުގެ އިންޒާރަށް ބެލުމެއްނެތި، އެމްޑީއެން ރަސްމީކޮށް އުވާލުމުން، އަދުގެ ރައީސުލްޖުމްހޫރިއްޔާ އަކީ އިލްމުވެރިންނާއި، ރައްޔިތުންގެ ބަސް އަހާ ވެރިއެއްކަން އެނގިގެން ހިނގައްޖެ
އައްޝައިހް އިލްޔާސް ހުސައިން | ދީނީ އިލްމުވެރިޔާ

"ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" އިން ނެރުނު ރިޕޯޓްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ މައްސަލާގައި ފުލުހުން އެ މައްސަލަ ތަހުގީގުކޮށް ހެދި އެސެސެމަންޓްގައި ޔޫތް މިނިސްޓްރީއަށް އަންގާފައި ވަނީ އެ ރިޕޯޓުގައި ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަން ފާހަގަވެފައިވާ ކަމަށެވެ.

ފުލުހުން ޔޫތް މިނިސްޓްރީއަށް ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ ޖަމިއްޔާ އުވާލަން އެ މިނިސްޓްރީން ނިންމީ މިދިޔަ މަހުގެ ފަސް ދުވަހުގަ އެވެ. އަދި ޖަމިއްޔާއާ ބެހޭ ގާނޫނުގެ ދަށުން ޖަމިއްޔާއެއް އުވާލަން ނިންމުމުން އެ ޖަމިއްޔާއެއްގެ ދަރަންޏާ މުދަލާ ގުޅޭ ކަންކަން ނިންމަން ދޭން ޖެހޭ 45 ދުވަހުގެ މުއްދަތު އެމްޑީއެންއަށް އެ ދުވަހު ދިނެވެ.

އެ މުއްދަތު މިއަދުގެ ހަމައަށް ހަމަވުމާ ގުޅިގެން ޔޫތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މުދަލާއި ދަރަންޏާ އަދި ޖަމިއްޔާއާ ގުޅޭ އެންމެހާ މައްސަލަތައް ނިންމުމަށްޓަކައި ދިން 45 ދުވަހުގެ މުއްދަތު އިއްޔެއަށް ހަމަވިއިރު ވެސް އެ ޖަމިއްޔާ އިން އެއްވެސް އެއްޗެއް މިހާތަނަށް އަންގާފައި ނުވާ ކަމަށެވެ. އެހެންކަމުން އެމްޑީއެން އުވާލާފައިވާ ކަން ރަސްމީކޮށް އިއުލާން ކުރާ ކަމަށެވެ.

އެމްޑީއެންއިން ވަނީ އެ ރިޕޯޓާ ގުޅިގެން މައާފަށް އެދިފަ އެވެ. އަދި އެ ޖަމިއްޔާގެ ވެބްސައިޓުން އެ ރިޕޯޓް ވަނީ ނަގައިފަ އެވެ. ދީނީ އިލްމުވެރިއެއްގެ ލަފައާއެކު ރިޕޯޓް މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ. ނަމަވެސް ޖަމިއްޔާގެ ބައެއް ބޭފުޅުން ރިޕޯޓްގެ ދިފާއުގައި ފަހުން ވާހަކަ ވެސް ދައްކަވާފައިވެ އެވެ.