ސަލަފް ޖަމިއްޔާ

"ލާދީނީ ރިޕޯޓް ނެރުނު މީހުންނަށް އެޅި ފިޔަވަޅެއް ނެތް"

ހައްދުފަހަނައަޅާފައިވާ ހަރުކަށި، އެމްޑީއެން އިން ނެރުނު ރިޕޯޓް އެކުލަވައިލުމުގައި ބައިވެރިވި މީހުން އަދިވެސް ތިބީ މިނިވަންކަމާއެކު ދޫކޮށްލާފައި ކަމަށާ އެ މީހުންގެ މައްޗަށް ހިންގުނު ތަހުގީގެއް އަދި އެޅުނު ފިޔަވަޅެއް ނެތް ކަމަށް ބުނެ ދީނީ އިލްމުވެރިން ހިމެނިވަޑައިގަންނަވާ ޖަމިއްޔަތުއްސަލަފުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، ހައްދުފަހަނައަޅާފައިވާ ހަރުކަށި ޖަމާއަތެއް ކަމަށްވާ އެމްޑީއެން ރިޕޯޓެއް ނެރުނު މައްސަލަ ދިވެހިންގެ ސަމާލު ކަމަށް އައީ އޮކްޓޫބަރު 3، 2019 ގައެވެ. އެ ރިޕޯޓްގެ މައްސަލަ ދިވެހިންގެ ސަމާލު ކަމަށް ގެނައީ ދީނީ އިލްމުވެރިންނެވެ. އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފު ކުފުރު ވާހަކަތައް ލިޔެފައިވާ އެ ރިޕޯޓް އާންމުކުރީ ކުރީ ސަރުކާރުގައި އެ ރިޕޯޓް އާންމު ކުރަން ނުކެރި ތިބެ މި ސަރުކާރު އައުމުންނެވެ.

އެ މައްސަލަ ހޫނުވެ މައްސަލަ ތަހުގީގުކޮށް އެ ޖަމާއަތަށް ފިޔަވަޅު އަޅާ ލާދީނީ ރިޕޯޓް ލިޔުނު މީހުންނަށް ފިޔަވަޅު އަޅަން ދިވެހިން ގޮވާލުމުން އެ މައްސަލަ ތަހުގީގުކޮށް އެމްޑީއެން ވަނީ އުވާލާފައެވެ. ނަމަވެސް އެމްޑީއެން ބޮޑުކޮށް އެ ޖަމާއަތް ފުޅާކުރުމުގައި އިސްކޮށް އުޅުނު އެތަށް ބަޔަކު މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ކަމުގެ ތުހުމަތު އޮވެއެވެ. އަދި އެމްޑީއެން އުވާލި ނަމަވެސް ރިޕޯޓް ލިޔުނު މީހުންނަށް ފިޔަވަޅު އަޅަން ސަރުކާރުން ފަސްޖެހޭ ކަމަށް ބައެއް މީހުން ދެކެއެވެ.

ދިވެހިރައްޔިތުންގެ ދީނީ ހޭލުންތެރިކަމަށް އެންމެ ބޮޑު މަސައްކަތެއް ކުރާ އެއް ޖަމިއްޔާ ކަމަށްވާ ސަލަފުން ބުނީ އިސްރާއާ މިއުރާޖުގެ ހާދިސާއަކީ ގުރުއާނުން ސާބިތުވާން އޮތް ހަގީގަތެއް ކަމަށާ ނަމަވެސް އެއީ ހިޔާލީ ވާހަކައެއް ކަމަށް ދޭހަކޮށްދޭން ދޮގު ރިޕޯޓް ނެރުނު އެމްޑީއެންގެ މީހުން އަދިވެސް ތިބީ މިނިވަންކަން މަތީ ދޫކޮށްލެވިފައި ކަމަށެވެ. އެ މީހުންގެ މައްޗަށް ކުރެވުނު ތަހުގީގެއް އަދި އެޅުނު ފިޔަވަޅެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.

ސަލަފުން ވަނީ އެމްޑީއެންއާ ދެކޮޅަށް ހަގީގީ ފިޔަވަޅު އަޅައި ލާދީނީ ރިޕޯޓް ނެރުނު މީހުންނަށް ފިޔަވަޅު އަޅައިދިނުމަށް ގޮވާލާފައެވެ.

އެމްޑީއެންގެ ހައްދު ފަހަނައަޅާފައިވާ ހަރުކަށި ރިޕޯޓްގައި ދީނާއި ހިލާފު ވަރަށް ގިނަ ވާހަކަތައް ހިމަނާފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފެއްދުމުގެ އިތުރުން ﷲ ވޮޑިގެންވާކަމީ ޝައްކެއް އޮތްކަމެއް ނޫންކަމަށް ބުނެފައި އޮތުމުން، އެކަމަށް އިންކާރު ކޮށްފައިވެއެވެ. އަދި ކީރިތި ރަސޫލާގެ ހަދީސްފުޅުތަކުގައިވާ ކަންކަމަށް ޝައްކު އުފައްދައި އެ ބަސްފުޅުތައް ދޮގުކޮށް، އިސްލާމީ ޝަރީއަތަކީ އުނި، ޒަމާނަށް ނުފެތޭ އެއްޗެއްކަމުގައި ދެއްކުމަށް މަސައްކަތް ކޮށްފައި ވެއެވެ.

ކީރިތި ގުރްއާނަށް އެއްވެސް އުނި އިތުރުކަމެއް އައިސްފައި ނުވާ ކަމަށް ބުނާ ވާހަކައަކީ، ހަމައެކަނި މުސްލިމުންގެ ޚިޔާލުކަމުގައްޔާއި، އެއީ ތެދު ހަގީގަތެއް ނޫން ކަމަށް ބުނެ ދޮގު ބުހުތާނު ވާހަކަތައް ލިޔެފައި ވެއެވެ. އަމިއްލަ ނަފްސަށްވުރެ ބޮޑަށް ކީރިތި ރަސޫލާއަށް ލޯބިވާން ޖެހޭނެ ކަމަށް އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމާއި އެކަލޭގެފާނަށް ފާޑު ކިޔުމީ ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ތެރެއިން އޮންނަންޖެހޭ ފުރުސަތެއް ކަމަށް ބުނެ، ޝައިތާނީ ވާހަކަތައް ލިޔެފައި ހުއްޓެވެ.

ކައިވެނިން ބޭރުން ހިނގޭ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކަމަކަށް ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައިވެސް ވެއެވެ. ހައްދުތަކާއި ގިސޯސްއާއި މަރުގެ ހުކުމާއި ދެކޮޅު ހަދައި އިސްރާއާއި މިއުރާޖުގެ ދަތުރުފުޅަކީ ފުލޯކު ވާހަކައެއް ކަމަށް ސިފަ ކޮށްފައި ވެއެވެ. ހުކުރު ހުތުބާތަކުގައި ނަރަކަ އާއި ކައްވަޅާއި، އަމަލުތަކުގެ ފަތުގެ ވާހަކަ ހުންނާތީ އޭގެ ސަބަބުން ބިރުވެރިކަން އުފެދޭ ކަމަށް ބުނެވެސް ތަފާތު ވާހަކަތައް ލިޔެފައި އޮތެވެ.