ޝައިހް އިލްޔާސް ހުސައިން

ޝައިހް އިލްޔާސްގެ ރައްދެއް ނަޝީދަށް!

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ތާއީދު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން، ދީނީ އިލްމުވެރިޔާ އައްޝައިހް އިލްޔާސް ހުސައިން ނަޝީދަށް ރައްދު ދެއްވައިފި އެވެ.

އާންމުންނަށް ރައީސް ނަޝީދާ ސުވާލު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ބައެއް އާންމު މީހުން ވަނީ އެމްޑީއެން އާއި ސަލަފް އުވާލު ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ. އެ ސުވާލުތަކުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ އެއިން އެއްވެސް ޖަމިއްޔާއެއް އުވާލަން ތާއީދު ނުކުރައްވާ ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ޖަމިއްޔާއަކުން އޭގެ ޒާތުގައި ކުށެއް ނުކުރާނެ ކަމަށާއި ކުށް ކުރާނީ އެ ޖަމިއްޔާއެއްގައި އުޅޭ މީހެކެވެ. އެހެންކަމުން ޖަމިއްޔާއެއްގައި އުޅޭ މީހަކު ކުރާ ކުށެއްގެ އަދަބު ދޭން ޖެހޭނީ މީހަކަށް ކަމަށާއި އޭގެ ސަބަބުން ޖަމިއްޔާއަށް އަދަބެއް ދޭން ވިސްނުމަކީ ނުރައްކާތެރި ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކްލަބްތަކާއި ޖަމިއްޔާތައް އަދި ސިޔާސީ ޕާޓިތައް އުވާލުމުގެ ވިސްނުމަށް ދިއުން އެއީ ވަރަށް ވިޔާނުދާ އަދި ވަރަށް ނުރައްކާތެރި ވިސްނުމެއް، އެއީ ކޮށްގެން ވާނެ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ކުރައްވާފައިވާ ޓްވީޓެއްގައި ޝައިހް އިލްޔާސް ވަނީ އެމްޑީއެން ދިފާއުކޮށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅަކާމެދު ސަމާލުވެ ތިބުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

އަދި މުސްލިމުންނަކީ ފާޅުގައި ދީނާ ހިލާފް ފަލްސަފާ ފަތުރާ މީހަކަށް ތާއީދު ކުރާ ބައެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.

"އެމްޑީއެން އުވާލުމަށް ރައްޔިތުން ގޮވާލުމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެ ޖަމިއްޔާ އުވާލަން ނިންމެވީމާވެސް، އެމްޑީއެން ދިފާއުކޮށް ވަކާލާތު ކުރާ ބޭފުޅަކާމެދު ރައްޔިތުން ސަމާލުވެ ތިއްބެވުމަށް އިލްތިމާސް ކުރަން. މުސްލިމުންނަކީ ފާޅުގައި ދީނާ ހިލާފް ފަލްސަފާ ފަތުރާ މީހަކަށް ތާއީދު ކުރާ ބައެއް ނޫން." އިލްޔާސްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާކޮށް ލިޔެފައިވާ ވާހަކަތަކާ ގުޅިގެން އެ ޖަމިއްޔާ އުވާލުމަށް ގޮވާލައި އެތައް ރަށެއްގައި އެއްވުންތައް ބޭއްވި އެވެ. އެ މައްސަލަ ބަލައި ޔޫތް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެ ޖަމިއްޔާ އުވާލަން ނިންމައިފަ އެވެ. އެކަމަކު އަދި ޖަމިއްޔާ އުވާލި ކަމެއް ސާފެއް ނޫނެވެ.