އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލަން ތަރުހީބު ނުދޭކަން ހާމަކޮށް ބަޔާން ނެރެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި މަޝްވަރާ ކުރުމަށްފަހުގައި ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީޕީން މިހެން ބުނެފައިވަނީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމައުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ އަމަލުތައް ކުށްވެރި ކުރާ ކަމަށް ބުނެ މިއަދު ނެރުނު ނޫސްބަޔާނުގައި ބަޔާންކޮށްފައިވާ ބައެއް ވާހަކަތަކާމެދު ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ﷲ ގެ ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލަ ބޮޑުވެ، އެ ޖަމިއްޔާ އުވާލުމަށް ގިނަ ބަޔަކު ގޮވާލަމުންދާ ވަގުތެއްގައި މިފަދަ ބަޔާނެއް ނެރުމުން ސޯޝަލް މީޑިއާގައި އެމްޑީޕީގެ އެކްޓިވިސްޓުން ހިމެނޭހެން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
އެ ފާޑުކިޔުންތަކަށް ރައްދު ދެމުން އެމްޑީޕީން ބުނީ ނޫސް ބަޔާނުގައި އެޕާޓީން ދެކޭ ގޮތް ހާމަކޮށްފައި ވަނީ ގައުމީ މަޖިލީހުގެ 57 މެންބަރުން ހިމެނޭ ގޮތުން މިއަދު ބޭއްވި ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލްވުމެއްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.
އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާފަސަން ހަސަން ލަތީފާއި، ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް އެޕާޓީން ބުންޏެވެ. އަދި ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލްވުމުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ މަޖިލީސް މެންބަރުން ވަނީ ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ރާއްޖޭގައި ބާއްވަން މަސައްކަތްކުރާ، އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއް ނޫން ކަމަށެވެ. އަދި މާތް ވެގެންވާ އިސްލާމް ދީނުގެ ހަމަތަކަށާއި އުސޫލުތަކަށާއި ކީރިތި ރަސޫލާއަށް ހަޖޫ ޖެހުމާއި ފުރައްސާރަ ކުރަން ހިންގާ ކަންކަން ކުށްވެރި ކުރުމާއެކު ގާނޫނުއަސާސީން ލިބިފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށް ކަމަށް ގަބޫލުކުރާ ޕާޓީއެއް ކަމަށެވެ.
"... ހަމަ އެއާއެކު، މި ޕާޓީން ގަބޫލުކުރާ އެންމެ މުހިއްމު އެއް އުސޫލަކީ، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެކަން. އަދި ހަމަ ކޮންމެ މީހަކާ މެދުވެސް ގާނޫނުގައިވާ ގޮތުގެ މަތީން އަމަލު ކުރެވުން. ގާނޫނުގެ ބޭރުން އަދި ކަންކަން ހިންގުމަށް ކަނޑައަޅާފައިވާ އިޖުރާއާތުތަކުގެ ބޭރުން ކަންކަން ކުރުމުގެ ފުރުސަތު ހަމަ އެއްވެސް ފަރާތަކަށް ނުދިނުން." އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުުރުން ގާނޫނާ ހިލާފަށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރާ ފަރާތްތަކާ މެދުވެސް، އަދި އަނިޔާވެރި ކަމަށް ހިތްވަރުދީ އެފަދަ ކަންކަމަށް ގޮވާލައި، ރައްޔިތުންނަށް ބިރު ދައްކަމުންދާ ފަރާތްތަކާމެދު ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށް ބުނެފައި ވެ އެވެ.
"... ނަފުރަތާއި ރުޅިވެރިކަން އުފައްދަން ވާހަކަ ދެއްކުމަކީ އެއްވެސް މުޖްތަމައެއްގައި ހުއްދަ ކަމެއް ނޫން. އެފަދަ ކަންކަމުން ގައުމަށް ލިބޭނޭ ހަމަޖެހުމެއް އަދި ދީނަށް ލިބޭނޭ ކުރިއެރުމެއް ނޯންނާނެ. އެފަދަ ވާހަކަތައް ދެއްކުމަކީ، ގައުމުގައި ބައިބައިވުން އިތުރުވެ، ރާއްޖޭގެ އާންމު މަސްލަހަތަށާއި އަމަން އާންމަށް ނުހަނު ގެއްލުން ވެގެންދާ ކަމެއް. ހައްދުފަހަނައަޅާފައިވާ ހަރުކަށި ފަރާތްތަކުން ގޮވާލާ އެފަދަ ގޮވާލުންތަކުގެ ފައިދާ ސިޔާސީ ބައެއް ފަރާތްތަކުން ނަގައި، ދަނޑިވަޅުގެ ބޭނުންކޮށް ގައުމު ހަލަބޮލިކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރާ ކަމީ މިޕާޓީ ހިތާމަ ކުރާ ކަމެއް." އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.
މި ޕާޓީން ގަބޫލުކުރާ އެންމެ މުހިއްމު އެއް އުސޫލަކީ، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެކަންއެމްޑީޕީގެ ބަޔާން | 12 އޮކްޓޫބަރު
ހައްދު ފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމައުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ އަމަލުތައް ހުއްޓުވާން ޖެހޭ ކަމަށައި ޖަލްސާތަކުގަ އާއި، އެކިއެކި ފޯރަމްތަކުގަ އާއި، ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތަކުގައި އަނިޔާވެރި ކަމަށް ގޮވާލައި، ރައްޔިތުންގެ މެދުގައި ނަފްރަތާއި ފަސާދަ އުފައްދަން ވަކާލާތު ކުރާ ފަރާތްތަކުގެ މަސައްކަތް ބަލައި ނުގަންނަ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.