އެމްޑީޕީ

ޖަމިއްޔާތަކުގެ މަސައްކަތް ހުއްޓުވައި، އުވާލަން ތަރުހީބެއް ނުދެން: އެމްޑީޕީ

އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ބުނެފި އެވެ.

އެޕާޓީން މިހެން ބުނެފައިވަނީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމައުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ އަމަލުތައް ކުށްވެރި ކުރާކަމަށް ބުނެ ދެންމެ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ، އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއިދު ކުރާނެ ޕާޓީއެއް ނޫން ކަމަށެވެ. އަދި މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކަށާއި އުސޫލުތަކަށާއި ކީރިތި ރަސޫލާއަށް ހަޖޫޖެހުމާއި ފުރައްސާރަކުރުމަށް ހިންގާ ކަންކަން ކުށްވެރިކުރުމާއެކު ގާނޫނުއަސާސީން ލިބިފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށްކަން ގަބޫލުކުރާ ޕާޓީއެއް ކަމަށެވެ.

"ހަމަ އެއާއެކު، މި ޕާޓީން ގަބޫލުކުރާ އެންމެ މުހިއްމު އެއް އުސޫލަކީ، އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެކަން. އަދި ހަމަ ކޮންމެ މީހަކާ މެދުވެސް ގާނޫނުގައިވާ ގޮތުގެ މަތީން އަމަލު ކުރެވުން. ގާނޫނުގެ ބޭރުން އަދި ކަންކަން ހިންގުމަށް ކަނޑައަޅާފައިވާ އިޖުރާއާތުތަކުގެ ބޭރުން ކަންކަން ކުރުމުގެ ފުރުސަތު ހަމަ އެއްވެސް ފަރާތަކަށް ނުދިނުން." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުުރުން ގާނޫނާ ހިލާފަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރާ ފަރާތްތަކާ މެދުވެސް، އަދި އަނިޔާވެރިކަމަށް ހިތްވަރުދީ އެފަދަ ކަންކަމަށް ގޮވާލައި، ރައްޔިތުންނަށް ބިރުދައްކަމުންދާ ފަރާތްތަކާމެދުވެސް ފިޔަވަޅު އަޅަންޖެހޭކަމަށް ވަނީ ބުނެފައެވެ.

"ނަފްރަތާއި ރުޅިވެރިކަން އުފައްދަން ވާހަކަ ދެއްކުމަކީ އެއްވެސް މުޖްތަމައެއްގައި ހުއްދަ ކަމެއް ނޫން. އެފަދަ ކަންކަމުން ގައުމަށް ލިބޭނޭ ހަމަޖެހުމެއް އަދި ދީނަށް ލިބޭނޭ ކުރިއެރުމެއް ނޯންނާނެ. އެފަދަ ވާހަކަތައް ދެއްކުމަކީ، ގައުމުގައި ބައިބައިވުން އިތުރުވެ، ރާއްޖޭގެ އާންމު މަސްލަހަތަށާއި އަމަން އާންމަށް ނުހަނު ގެއްލުން ވެގެންދާ ކަމެއް. ހައްދުފަހަނައަޅާފައިވާ ހަރުކަށި ފަރާތްތަކުން ގޮވާލާ އެފަދަ ގޮވާލުންތަކުގެ ފައިދާ ސިޔާސީ ބައެއް ފަރާތްތަކުން ނަގައި، ދަނޑިވަޅުގެ ބޭނުންކޮށް ގައުމު ހަލަބޮލިކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރާ ކަމީ މިޕާޓީ ހިތާމަ ކުރާ ކަމެއް." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމައުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ އަމަލުތައް ހުއްޓުވާން ޖެހޭ ކަމަށާ ޖަލްސާތަކުގައާއި، އެކިއެކި ފޯރަމްތަކުގައާއި، ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތަކުގައި އަނިޔާވެރިކަމަށް ގޮވާލައި، ރައްޔިތުންގެ މެދުގައި ނަފްރަތާއި ފަސާދަ އުފައްދަން ވަކާލާތު ކުރާ ފަރާތްތަކުގެ މަސައްކަޔް ބަލައި ނުގަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

"އެހެންކަމުން، ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމައުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ އަމަލުތައް ތަހުގީގުކޮށް ގާނޫނުގައިވާ ގޮތުގެ މަތީން އެފަރާތްތަކާމެދު ފިޔަވަޅު އަޅުއްވައިދެއްވައި، ރާއްޖެއަކީ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރައްވަންޖެހޭ މަސައްކަތް ސަރުކާރުން ކޮށްދެއްވުމަށް އިލްތިމާސް ދަންނަވަން." ސަރުކާރު ހިންގާ މައި ޕާޓީ ނެރުނު ބަޔާނުގައިވެއެވެ.

އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެ ކަމަށް އެމްޑީޕީން ބުނެފައި މިވަނީ އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާގެ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލަން ޔޫތް މިނިސްޓްރީން އަންގާފައި ވަނިކޮށެވެ. މީގެ ކުރިންވެސް ދީނާ ދެކޮޅު މަަސައްކަތްތައް ކޮށްފައިވާ މި ޖަމިއްޔާ ވަގުތުން އުވާލުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ހަމަ އެއާއެކު، މި ޕާޓީން ގަބޫލުކުރާ އެންމެ މުހިއްމު އެއް އުސޫލަކީ، އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެކަން
އެމްޑީޕީގެ ބަޔާން | 12 އޮކްޓޫބަރު

އެމްޑީއެންގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހަށް ހުށަހަޅާފައިވަނީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ވަކި ކޮޅަކަށް ނުޖެހި ތަހުގީގު ކުރައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެމްޑީއެން މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މި މައްސަލައާ ގުޅިގެން ދީނީ އިލްމްވެރިން ވެސް ރައީސް ސޯލިހާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި އިލްމްވެރިން ވަނީ އެ ޖަމިއްޔާ އުވާލަން އެދިފަ އެވެ. ބައްދަލުވުމަށްފަހު އިލްމްވެރިން ބުނެފައިވަނީ ރައީސް ސޯލިހުގެ ފަރާތުން އުއްމީދީ ޖަވާބުތަކެއް ލިބި ވަޑައިގެންނެވި ކަމަށެވެ.

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ﷲ ގެ ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލަ ބޮޑުވެފައި ވަނިކޮށް، އެ ރިޕޯޓްގެ މަގުސަދަކީ އިސްލާމް ދީނާމެދު ނަފްރަތު އުފައްދައި ދީން ބަލިކަށި ކުރުން ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީއެންއިން ނެރެފައިވާ ރިޕޯޓްގައި ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ. އަދި އިސްރާއާ މިއުރާޒުގެ ދަތުރުފުޅާމެދު ޝައްކު އުފައްދާ ވާހަކަތައް ލިޔެފައިވެއެވެ.