ކޮލަމް

މަޖިލިސް ރައީސްގެ ވާހަކަ ރައްޔިތުންނާ ބީރައްޓެހި!

ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ޗެމްޕިއަނެކެވެ. ރައީސް މައުމޫން އަބުދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަމަަށް ނިމުން ގެނުވައި ރައްޔިތުންނަށް ބައެއް އަސާސީ މިނިވަންކަން ހޯދައިދޭން އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުން އެމަނިކުފާނަށް ރާއްޖޭގެ ޑެމޮކްރަސީގެ ޗެމްޕިއަންކަން ލިބެ އެވެ. އެ މަސައްކަތުގައި އެތައް ފަހަރަކު ޖަލަށްދާން ޖެހި ވަޑައިގަތެވެ.

އެތައް އަހަރެއް ވަންދެން ރާއްޖެއިން ބޭރުގައި އަރުވާލެވިގެން ހުންނަވަން ޖެހި ވަޑައިގަތެވެ. އަނިޔާ ލިބި ވަޑައިގެންނެވި އެވެ. އެ ހުރިހާ ކަމެއް އެހެން އޮތަސް އެމަނިކުފާނަސް ވެސް ޑެމޮކްރަސީގައި ފެންނަނީ ވަކި ހިސާބެކެވެ. އެއް މީހުން ބުނާ ގޮތުގައި އެމަނިކުފާނަށް ފެނިވަޑައިގަންނަަވަނީ އެމަނިކުފާނު ބައްލަވަން ބޭނުންފުޅުވާ ހިސާބެވެ. އެހެން ދިމާއެއް ނުބައްލަވަ އެވެ.

ރައީސް ނަޝީދު ރާއްޖެއަށް ޑިމޮކްރަސީ ގެނެސް ދެއްވަން ކުރެއްވި މަސައްކަތަށް ހާސް ޝުކުރު އެބައޮތެވެ. ނަމަވެސް ފަހަކަށް އައިސް ހިނގަމުން މިދާ ކަންކަމުގައި ހާއްސަކޮށް އެމަނިކުފާނުގެ ބަސްމަގު ގެންގުޅުއްވާ ގޮތުން މިވީހާ ދުވަހު އެމަނިކުފާނަށް ސަޕޯޓް ކުރަމުން އައި ބައެއް ފަރާތްތައް ވެސް ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައި ފޫހިވެފަ އެވެ. ޑިމޮކްރަސީގެ އުސޫލުތަކާއި ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ކަންކަން ގެންދަވާ ގޮތުން މަޖިލީހަކީ ވަކި ސަރުކާރެއްގެ ގޮތުގައި ހިންގަވަން އެމަނިކުފާނު މަސައްކަތް ކުރައްވާ ކަމަށް ދެކޭ މީހުންގެ އަދަދު މަދެއް ނޫނެވެ.

އެމްޑީޕީގެ ވެރިކަމެއް އޮވެ، އެމަނިކުފާނުގެ ޒަމާންވީ އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސަރުކާރު ހިންގަން ދަތިވާ ގޮތަށް، އެ ސަރުކާރުގެ ބައެެއް ބާރުތައް އަމިއްލަ ފުޅަށް މަޖިލީސް ތެރެއިން ނަންގަވާ، ސަރުކާރާމެދު ރައްޔިތުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފައްދަން މަސައްކަތް ކުރަމުންދާތަން ފެންނަން އޮތުމަކީ ޑެމޮކްރަސީގެ އުސޫލުތަކާއި އެއްކޮޅު ކަމަކަށް ވާނެ ހެއްޔެވެ؟

ސަރުކާރުންވެފައިވާ ވައުދުތައް ފުއްދަން ހަދަންޖެހޭ ގާނޫނުތައް ހަދަން ޒަމާނުއްސުރެ ސަރުކާރުން ހުށަހަޅަމުން އައި ބިލްތައް ރައީސް ނަޝީދުގެ ބެއްލެވުމުގެ ދަށުން މަޖިލީހުގައި ޑްރާފްޓް ކުރަން ނިންމެވުން އެއީ ކޮން ކަމެއް ހެއްޔެވެ؟ އެކަމާ ކަނޑައެޅިގެން ދެކޮޅު ހައްދަވާކަން ސަރުކާރުން ހާމަ ކުރުމުން ވެސް އެމަނިކުފާނު ގޮތް ދޫކުރައްވާކަށް ބޭނުންފުޅެއް ނުވެ އެވެ. އެކަމުގައި ވެސް ބެއްލެވީ ރައީސް ސޯލިހަށްވުރެ ކުރި ހޯއްދަވާށެވެ.

އެފަދަ ބިލްތައް ޑްރާފްޓް ކުރުމުގެ މައްސޫލިއްޔަތު އޮތް ބަންޑާރަ ނައިބު ވެސް ވަނީ އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވައި، އެކަން އެގޮތަށް ނުކުރަން އެދިވަޑައިގެންފަ އެވެ. ބަންޑާނަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވާ ގޮތުގައި ނަޒާހަތްތެރި މަޖިލީހެއް ނަމަ އެ ފުރުސަތު ދޭނެ އެވެ. އެހިސާބުން އޭނާ ވެސް ވަނީ މަޖިލީހުގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފައްދާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ސަރުކާރުން ހުށަހަޅާނެ ބިލްތައް ސަރުކާރުގެ ފަރާތުން އިއުލާން ކުރުމާއެކު، އޭގެ ތެރެއިން މާލީ ކަންކަން ހިމެނޭ ބިލްތައް ފިޔަވާ ދެން ހުރި ހުރިހާ ބިލެއްގެ މަސައްކަތް ފަށަން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ސުޕާ މެޖީރިޓީ އޮންނަ މަޖިލީހުގެ ކޮމިޓީތަކަށް އަންގަވާފަ އެވެ.

ބައެއް ބޭފުޅުން ވިދާޅުވަނީ ރައީސް ނަޝީދުގެ ބޭނުންފުޅަކީ އެ މަސައްކަތް ކުރީ ސަރުކާރުން ނޫން ކަމާއި އެމަނިކުފާނު އިންނަވައިގެން މަޖިލީހުންކަން ރައްޔިތުންނަށް އަންގައިދޭށެވެ. އަދި ސަރުކާރަށް އެއްވެސް ކަމެއް ނުވާކަން ދައްކާށެވެ.

އަނެއްކޮޅުން ސަރުކާރުގައި ހިމެނޭ އެހެން ޕާޓީތަކުގެ ފަރާތްތަކާއި އެމްޑީޕީގެ މަޖިލިސް ބައެއް ފަހަރު ޖައްސާލަ އެވެ. އެކަންކަން ހުއްޓުވުމުގެ ބަދަލުގައި އެކަމަށް ހިތްވަރުދޭފަދަ މޭރުމަކުން ޗެމްޕިއަނަކު އަމަލު ކުރެއްވުމަކީ ޑިމޮކްރަސީއެއްގައި ރީތި ކަމެއް ނޫނެވެ.

އެމަނިކުފާނަކީ "ދީނީ މިނިވަންކަން" ހޯއްދަވަން ވަރަށް ބޭނުންފުޅުވާ ބޭފުޅެއްކަން ދޭހަވާ ގޮތަކަށް ފަހަކަށް އައިސް ވަނީ އެތައް ތަނެއްގައި ވާހަކަފުޅު ދައްކަވާފަ އެވެ. މިއީ ކިހާ ބޮޑު މައްސަލައެއް ހެއްުޔެވެ؟

އެމްޑީއެން އިން ބޭރުން ޖަމާއަތްތަކުން ފަންޑު ހޯދައި ކަނޑައެޅިގެން އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ރަސޫލާގެ ހަދީސްފުޅުތަކާމެދު ޝައްކު އުފައްދައި އެބަސްފުޅުތައް ދޮގު ކޮށް، އިސްލާމީ ޝަރީއަތަކީ އުނި، ޒަމާނަށް ނުފެތޭ އެއްޗެއްކަމުގައި ދައްކައި އިސްރާއާ މިއުރާޖަކީ ފޯކްލޯރެއް ކަމަށް ސިފަކޮށް ނެރުނު ރިޕޯޓްގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ތެދުވެ ވަޑައިގެން ދައްކަވަމުން ގެންދަވާ ވާހަކަ ތަކަކީ ދިވެހިންނަށް ލޭ ކެކޭ އަޑުއަހަން އުނދަގޫ ވާހަކަ ތަކެކެވެ. އެކަން ރައީސް ނަޝީދަށް އެނގިވަޑައި ނުގަންނަވަނީ ހެއްޔެވެ؟

އެހެން ނަމަވެސް "ޝަރަފުވެރި ކޮށްދޭން" އެ މަނިކުފާނަށް ލިބި ވަޑައިގަންނަވާ ކޮންމެ ފުރުސަތެއްގައި ގެންދަވަނީ އެމްޑީއެން އާއި، ސެކިއުލާ ފިކުރުުގެ މީހުންނަށް ވެސް މި ރާއްޖެއްިން ޖާގަ ދޭން ޖެހޭނެ ކަމަށް ދޭހަވާ ގޮތަށް ދަރިވަރުންނަށް ވެސް މެސެޖްތަކެއް ފޮނުވަމުންނެވެ. އެޑިއުކޭޝަން މިނިސްޓަރަށް އެއްޗެއް ވިދާޅުވާން ކެރިވަޑައި ނުގަތަސް ދިވެހި ރާއްޖޭގައި ދިވެހި ރައްޔިތުންނަށް އެއީ ވަރަށް ބޮޑު ކަމެކެވެ. ދިވެހި ރާއްޖެ އެފަދައިން ބަދަލުކޮށް އެހެން ގައުމިއްޔަތެއްގެ ތެރެއަކަށް ނުގެންދެވޭނެ އެވެ. އެކަން އެހެނެއް ނުވާނެ އެވެ.

ޑިމޮކްރަސީއަކީ ދީނީ މިނިވަންކަން ދިނުން ކަމަށް ދޭހަވާފަދަ މޭރުމަކުން ރައީސް ނަޝީދު ހުއްޓާ ނުލައި ކޮންމެ ދުވަހަކު ވާހަކަފުޅު ދައްކަވަމުން ޓްވީޓް ކުރައްވަމުން ގެންދަވާ ކަމަށް ވާނަމަ ދިވެހި ރައްޔިތުންގެ ހިތުގައި އެމަނިކުފާނަށް އޮތް ލޯބި ފޮހެވިގެންދާން މާގިނަ ދުވަހެއް ދެން ނުނަގާނެ އެވެ.

ސްކޫލެއްގެ ގްރެޖުއޭޝަނެއް ޝަރަފުވެރިކޮށް ދެއްވަން ވަޑައިގެން ސެކިއުލާ ވިސްނުމުގެ މީހުންގެ ދިފާއުގައި އެމަނިކުފާނު ވަނީ ވާހަކަފުޅުދައްކަވާފަ އެވެ. ވަކި ބައެއްގެ ނަން ނުގެންނެވިއަސް ދީނޭ ވިދާޅު ނުވިޔަސް ދެއްކެވި ވާހަކައިން އެއީ ކޮން ބައެއްކަން ކޮން ވާހަކައެއްކަން ހަމަ ބުއްދީގައި ތިބި ބަޔަކަށް އެނގޭނެ އެވެ. ހިޔާލު ތަފާތުވާ މީހުންނާއި އެއް މުޖުތަމައުއެއްގައި ދިވެހިން އުޅެން ދަސްކުރަަން ވެއްޖެ ކަމާއި، އެހެން ނޫންނަމަ މާލެ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެގެން ހިނގައިދާނެ ކަމަށް ވިދާޅުވެ ދެއްވި އިންޒާރަކީ، ކޮން ވާހަކަ އެއްކަން އެންމެނަށް އެނގެ އެވެ.

ދިވެހި ރާއްޖޭގައި ދީނީ ހިޔާލުތަފާތުވާ މީހުނާއެކު އެއްމުޖުތަމައުއެއްގައި އުޅެން ޖެހޭނެ ވާހަކަ އެ ދެއްކެވީ ފަހަރުގައި ހުޅަނގުގެ ޑިމޮކްރަސީ ދަަންނަ އަދި ހުޅަނގު ބޭނުންވާ ގޮތަކީ އެއީ ކަމަށްވާތީ ކަމަށް ވެދާނެ އެވެ. ނަމަވެސް ދިވެހި ރާއްޖޭގެ ގާނޫނު އަސާސީން އެކަމަށް ތަނެއް ނުދެ އެވެ. ދިވެހިން އެ ފުރުސަތު ދޭކަށް ބޭނުމެއް ނުވެއެވެ.

ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީނެވެ، ދިވެެއްސަކަށް ވެވޭނީ އިސްލާމްދީން ގަބޫލު ކޮށްގެން ހުންނަ މުސްލިމަކަށެވެ. މަޖިލީހުގެ ކިތަންމެ ވަރުގަދަ މެޖޯރިޓީއެއް އޮތަސް އެކަން ބަދަލު ކުރާނެ ގޮތެއް މަޖިލިސް ރައީސަކަށް ނުހޯއްދެވޭނެ އެވެ. ދިވެހި ރައްޔިތުން އެހެންވިޔަ ނުދޭނެތީ އެވެ.

އެމްޑީއެންއާމެދު ސަރުކާރުން އަޅައިގެން އުޅެނީ އަދި ވަރަށް ކުޑަ ފިޔަވަޅެކެވެ. އެ ފިޔަވަޅު އެޅުމުން ޕާޓީގެ ގައުމީ މަޖިލިސް އެއްކުރައްވައި އެކަން ކުށްވެރިކުރަން ކެރިވަޑައިގެންނެވި އިރު، އެ ރިޕޯޓަކީ އެ ޖަމާއަތަކީ މާދަމާ ވެސް ވޯޓު ހޯދަން އެދި، ދާންތިބި ދިވެހި ރައްޔިތުން ކުށްވެރިކޮށްކޮށްފައިވާ ކަމެއްކަން އެމަނިކުފާނު ހަނދުމަފުޅު ނެތެވެ.

އެޅުއްވި އެ ފިޔަވަޅަކީ ފަހަރުގައި ބޭރު ދުނިޔޭގެ ރުހުން ހޯދަން ކުރެއްވި ކަމަކަށް ވީ ނަމަވެސް، އެއިން އެމަނިކުފާނުގެ ޕޮޕިއުލާރިޓީ ދަށްވެ، މުޅިރާއްޖޭގެ އަގު ވެއްޓެމުން ދާނެ އެވެ.

ރައީސް ނަޝީދާއި ޖެހޭ ހިސާބުން އެމްޑީޕީވެސް ނުކުޅެދޭ ހާލަތަކަށް ވެއްޓެ އެވެ. އޭގެ އެއް މިސާލަކީ މަޖިލީހުގަ އާއި ސޯޝަލް މީޑިއާގައި އެމްޑީއެން ކުށްވެރިކޮށް، އެ ޖަމާތް އުވާލަން ގޮވި މެންބަރުންނަށް، ރައީސް ނަޝީދު އިންނެވި ގައުމީ މަޖިލީހުގައި އެ ޖަމިއްޔާގެ އަމަލު ސަރީހަކޮށް، ކުށްވެރިކުރަން ނުކެރުމެވެ. އަދި އެ ޖަމިއްޔާއަށް ފިޔަަވަޅު އެޅުން ކުށްވެރި ކުރުމެވެ.

ކޮންމެވެސް ސަބަބަކާހެދި އެހުރިހާ މެމްބަރުންނަށް ރައީސް ނަޝީދު ވިދާޅުވާ ގޮތަކަށް ކަން ކުރަން މަޖުބޫރު ވަނީ އެވެ. ރައީސް ނަޝީދުގެ ރުހުން އެކަމުގައި ލިބުނު ކަމުގައިވީ ނަމަވެސް، ވޯޓުދީ ހޮވައިދިން ރައްޔިތުންނަށް ފެނިގެން އެ ދިޔައީ އެއިން ކޮންމެ މީހެއްގެ ދެ ސިފަ އެވެ. ރައްޔިތުންގެ މަޖިލީހުގައި ކުށްވެރި ކުރި ކުރުން ގައުމީ މަޖިލީހުގައި ތަކުރާރު ކުރަން ނުކެރުނީ އެވެ. އޭގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގައި މެންބަރުގެ އަގުވެއްޓުނީ އެވެ.