ހަބަރު

ފެނުނީ ކާޓޫނެއް ދީނާ ދެކޮޅު ރިޕޯޓެއް ނުފެނުނު: ޖަމީލް

Nov 5, 2019
9

ދެ ރައީސުން ހެން "ހީވާ" ކާޓޫނެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ހޫނުވުމުން އަންތަރީސްވެއްޖެ ކަމަށާއި އެކަމަކު ދީނަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވާކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން އެފަދަ ޖޯޝެއް ނުފެނުނު ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މަޖިލީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް އެ ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖް ލީކްކޮށްލާފައިވާއިރު، އެ މެސެޖްގައި ހިމެނޭ ކުރެހުމުން ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާ ތަނެވެ. އޭގެ އިތުރަށް ބާޣީ ލުތުފީ އާއި އެހެން ވެސް އެ ބަޣާވާތާ ގުޅޭ މީހުން ކުރެހުމުގައިވެ އެވެ.

ގާޒީ ހައިލަމްގެ ވާހަކަ އިއްޔެ މަޖިލީހުގެ ތަޅުމުގައި ދައްކަން ފެށުމުން ހޫނުވެ މަޖިލީހުގެ ނިޒާމް ވަނީ ގެއްލިފަ އެވެ. މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮތް އެމްޑީޕީގެ ގިނަ މެންބަރުން ވަނީ އެކަމާ ވަރަށް ބޮޑަށް ހައިލަމަށް ފާޑުކިޔައިފަ އެވެ. އަދި އެކަމުން ދައްކުވައި ދެނީ، ހައިލަމްގެ ފިކުރު ހުރި ގޮތް ކަމަށާއި، އޭނާގެ ފަނޑިޔާރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށްވެސް ބައެއް މެންބަރުން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އެ މައްސަލައާ ގުޅިގެން ޖަމީލް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ މެންބަރުން އުޅުނު ގޮތުން އަންތަރީސްވެއްޖެ ކަމަށާއި، އެ މެންބަރުންނަށް ފެނިވަޑައިގަތީ ދެ ރައީސުންހެން ހީވާ ގޮތަށް ކުރަހާފައިވާ ކާޓޫނެއް ކަމަށެވެ.

"އުންމަތުގެ ނަބިއްޔާއަށް ނިސްބަތްކޮށް ނެރުނު މުޑުދާރު ރިޕޯޓުގެ މައްސަލައިގައި މި ޖޯޝެއް ނުފެނޭ. މުސްލިމުންނަށް އެންމެ އަސަރުކުރަން ވާނީ ދީނަށް ފުރައްސާރަ ކުރުމުން،" އެމްޑީއެންގެ ރިޕޯޓަށް އިޝާރާތް ކުރައްވަމުން ޖަމީލް އިތުރަށް ވިދާޅުވި އެވެ.

ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވި މެސެޖްގައިވާ ކެރުހުމުގައި ރައީސް ސޯލިހު ހިމެނޭކަން ނޭނގޭ ކަމަށް ވިދާޅުވެ، ގާޒީ ހައިލަމް ވަނީ ރައީސްގެ އިތުރުން ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފަ އެވެ.

އެ ކުރެހުމާއެކު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިއްޔާ ފޮނުއްވި މަައްސަލަ ހޫނުވެ އިއްޔެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުއްލި ބައްދަލުވުމެއް ބާއްވައި އެ މައްސަލަ ބަލަން ވަނީ ނިންމާފަ އެވެ. އެ މައްސަލާގައި ހައިލަމް މިއަދު ހެނދުނު ހާޒިރު ކުރާއިރު، ޖޭއެސްސީއިން ބުނީ އެއީ ސާބިތުވެއްޖެނަމަ ގާޒީ ހައިލަމްގެ ސުލޫކީ މައްސަލައެއް ކަމަށެވެ.

އެކަމާ ގުޅިގެން ޒާގީ ހައިލަމް މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމަށް އެ ފޮޓޯ ބޭނުން ކުރީ އޭގައި ބާޣީ ލުތުފީ ހުރުމުން ކަމަށެވެ. ބާޣީ ލުތުފީގެ އިތުރަށް ދެން އެ ކުރެހުމުގައި ތިބީ ކޮންބައެއްތޯ ބެލުމަށް މާބޮޑު ސަމާލު ކަމެއް ނުދެއްވާ ކަމަށެވެ.

"ގުރޫޕަށް އެ ފޮޓޯ ލީއިރު ރައީސް އާއި ރައީސް ނަޝީދަށް ނިސްބަތް ކުރެވޭ ފަދަ ކުރުހުމެއް ހުރި ކަމެއް އަޅުގަނޑަށް އެނގިފައެއް ނުވޭ، އެ ފޮޓޯގައި އެފަދަ ކުރެހުމެއް ހުރެދާނެ ކަމަށް އަޅުގަނޑަށް ވިސްނާލެވިފައެއް ވެސް ނުވޭ، އެކަމަށްޓަކައި ރައީސް އާއި ރައީސް ނަޝީދު އަދި ރައްޔިތުންގެ ކިބައިން މާފަށް އެދެން،" ހައިލަމް ވިދާޅުވި އެވެ.

ގާޒީ ހައިލަމް ވިދާޅުވީ އެ މެސެޖް ފޮނުއްވީ ޕްރައިވެޓް ގުރޫޕަކަށް ކަމަށްވާއިރު އެ މެސެޖަކީ ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއް ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ވިދާޅުވެ އެކި ތުހުމަތުތައް ކުރައްވާތީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި އޭނާ ބައްލަވަމުން ގެންދަވާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ބައެއް މަޖިލިސް މެންބަރުން އޭނާ ރިޝްވަތު ނަގާފައިވާ ކަމަށް ބުނާތީ ވެސް ހައިލަމް ކަންބޮޑުވުން ފާޅު ކުރައްވާފައިވެ އެވެ.

ބަޔާނުގައި ހައިލަމް ވިދާޅުވީ އޭނާއަކީ މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން އެއްވެސް މީހަކަށް ނާޖައިޒު ފައިދާ ހޯދައިދިން އަދި އެފަދަ ކަމެއްގައި ބައިވެރިވާނެ މީހެއް ވެސް ނޫން ކަމަށެވެ. އެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ހައިލަމްގެ މި މައްސަލާގައި މިއަދު ރައްޔިތުންގެ މަޖިލިސް ހޫނުވި އެވެ. އެ ބަހުސް ހޫނުވެފައިވަނިކޮށް، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ "ކުރިމިނަލް ކޯޓުގެ ހައިލަމް އެ ވަނީ ދެ މިލިއަން ޑޮލަރު ނަގާފަ، ހުކުމް ނުޖެހުމަށް،" ކަމަށެވެ. ނިހާދު ވިދާޅުވީ އެއީ މިއަދު ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

ނިހާދު އެ ވާހަކަތައް ދައްކަވަމުން ގެންދެވި އިދިކޮޅު މެންބަރުން ގެންދެވީ މަޖިލީހުގައި އަޑުގަދަކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މޭޒު ކުރިމަތީގައި އެތުރި އެވެ. އިދިކޮޅު މެންބަރެއް ކަމަށްވާ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މިއަދު ގާޒީ ހައިލަމްގެ ވާހަކަ ދައްކަނީ މާދަމާގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ. އެއަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ބައެއްގެ ކަރުގައި ޗޭނު އަޅުވައިގެން ގާޒީއަކު ފޮޓޯއެއް އާންމު ކުރުމަކީ ރާއްޖޭގެ ނިޒާމް ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ.