ތާއީދު ހޯދުމަށް ނުވަތަ ވޯޓް ހޯދުމުގެ ބޭނުމުގައި ދެ ފަރާތުން އެއްބަސްވާ ވައުތަކާއި އަހުދުތައް އުވާލަން އުޅުމަކީ އަމާނާތްތެރި މުސްލިމުންގެ ސިފައެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އިލްޔާސް ހުސައިން ރައްދު ދެއްވައިފި އެވެ.
އެމްޑީޕީ އިސްވެ އޮތް ސަރުކާރެއް އުފެދިފައި އޮތް ނަމަވެސް ރަށްރަށުގައި ތިބި ރައްޔިތުންގެ ގިނަ ބަޔަކަށް އަދިވެސް ފުރިހަމަ ހިތްހަމަޖެހުމެއް ނުލިބޭ ކަމަށާއި އޭގެ ސަބަބަކީ ސަރުކާރު ހިންގުމަށް ހަދާފައިވާ ކޯލިޝަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މީގެ ކުރިންވެސް ވަނީ ބޭނުންވަނީ އެމްޑީޕީން އެކަނި ހިންގާ ސަރުކާރެއް ކަމަށް ވިދާޅުވެ ވެރިކަން ކުރާ ކޯލިޝަން ރޫޅާލުމަށް ގޮވާލައްވާފައެވެ.
ނަޝީދުގެ އެ ވާހަކަތަކަށް ނުސީދާ ރައްދެއް ދެއްވަމުން އިލްޔާސް ވިދާޅުވީ ތާއީދު ހޯދުމަށް ނުވަތަ ވޯޓް ހޯދުމުގެ ބޭނުމުގައިވެސް ދެ ފަރާތުން އެއްބަސްވާ ވައުތަކާއި އަހުދުތައް އުވާލަން އުޅުމަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ. އަދި އެއީ ތެދުވެރި އަމާންތެރި މުސްލިމުންގެ ސިފައެއްވެސް ނޫން ކަމަށާއި އެއީ މުނާފިގުންގެ ސިފައެއް ކަމަށް އިލްޔާސް ވިދާޅުވި އެވެ.
"އެއީ މުނާފިގުންގެ ސިފައެއް އަދި އެއީ މުޖްތަމައުގައި ފަސާދަ އުފެއްދުމެއް. ރައްޔިތުން މިކަމާމެދު ފުންކޮށް ވިސްނަވާ," ނަޝީދުގެ ނަން ނުހިމަނާ އެމަނިކުފާނު ދެއްކެވި ވާހަކަތަަކަށް އަމާޒު ކުރައްވާ އިލްޔާސް ވިދާޅުވި އެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ހއ. އިހަވަންދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އުފެދިގެން އައުމާ އެކުގައި ރައްޔިތުންގެ އިތުރުން އެމްޑީޕީގެ އާންމު މެންބަރުންނަށް ވެސް އޭގެ ފުރިހަމަ ހިތްހަމަޖެހުމެއް ލިބިގެން ނުދާކަން ފެންނަ ކަމަށެވެ. އޭގެ ސަބަބަކީ ކޯލިޝަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ޕާޓީގެ މެންބަރުންނަށް ވެސް އަދި މި ޕާޓީގެ މަސައްކަތުގައި އެތައް ޒަމާނެއް އުޅުނުހާ މީހުނަށް އަދި ރައްޔިތުންނަށް ވެސް ހައްގުވާ މިންވަރު ނުލިބި މި ދަނީ އެބައި އެހެން ތަންތަނަށް އަޅަން ޖެހޭ މިންވަރުން. އެއީ ސަރުކާރު އުފެދުނު ގޮތް. ސަރުކާރަށް އަޅުގަނޑުމެން އައީ މި ދެންނެވި އިންތިޒާމުގެ ތެރެއިން. އެހެން ޕާޓީތަކާ ގުޅިގެން," ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް އެކަނި ރައްޔިތުން ދީފައިވާ ކަމަށާއި އެހެންކަމުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެދެނީ އެމްޑީޕީއާއި އެ ޕާޓީގެ ސިޔާސަތުތަކަށް ކަން ވަރަށް ސާފުކޮށް އެނގިގެން ގޮސްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ވެރިކަން ތަރުތީބު ކުރެވެން ޖެހޭނީ ވެސް އެ ގޮތަށް ކަމަށެވެ.
"ރައްޔިތުން ނެތް ގޮތަކަށް ރާއްޖޭގެ ވެރިކަމެއް ނޯންނާނެ. ރައްޔިތުންގެ ފިކުރާއި ހިޔާލު އޮތް ގޮތަކަށް މި ރާއްޖޭގެ ވެރިކަން ތަރުތީބު ވެގެން ދާން ޖެހޭނީ. ހަމަ ގައިމު ވެސް އެމްޑީޕީގެ ވެރިކަމެއް އުފެދި ތަރުތީބު ވެގެން އަންނާނީ މި ގޮތުގައި," ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި އެމްއާރުއެމްއާ ކޯލިޝަންއެއް ހައްދަވައިގެނެވެ. އެ ހުރިހާ ޕާޓީތައް ސަރުކާރުގައި ތަމްސީލް ކުރަމުންދާއިރު އަހަރު ދުވަސްވަންދެން ކޯލިޝަން ސަރުކާރެއް ކާމިޔާބު ކަމާއެކު ހިންގެވި ފުރަތަމަ ރައީސަކަށް ވެވަޑައިގެންނެވީ ރައީސް ސޯލިހެވެ. ކޯލިޝަން ސަރުކާރު ހިންގެވުމުގައި އެކި ސަބަބުތައް މެެދުވެރިވެވަޑައިގެން ފުރަތަމަ ފެއިލްވެވަޑައިގެންނެވީ ރައީސް ނަޝީދެވެ. އޭގެ ފަހުން ރައީސް ވަހީދާއި، ރައީސް ޔާމީނަށްވެސް އެ މަސަކަތްޕުޅުގައި ކާމިޔާބު ނުހޯއްދެވުނެވެ.