ގާނޫނު އަސާސީން ލިބިދޭ ހައްގުތަކަކީ އިސްލާމް ދީނުގެ ތަރަހައިގެ ތެރެއިން ލިބިދޭ ހައްގުތަކެއްކަން ހަނދާން ކޮށްދޭ ކަމަށް ދިވެހި ހާރިޖިއްޔާއިން ބުނެފި އެވެ.
ދިވެހި ހާރިޖިއްޔާއިން މިހެން ބުނެފައިވަނީ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގެ މައްސަލައާ ގުޅިގެން އެ ޖަމިއްޔާ ސަސްޕެންޑްކޮށްފައިވާ ކަން ހާމަކޮށް އިނގިރޭސި ބަހުން ނެރެފައިވާ ބަޔާނެއް މެދުވެރިކޮށެވެ. މި ބަޔާން ނެރުނު އިރު އެމްޑީއެންއަށް ފިޔަވަޅު ނާޅަން ގޮވާލާ އެ ޖަމިއްޔާއިން ވެސް ކުރާ މަސައްކަތް ކުރުމަށް އުފައްދާފައިވާ ބޭރުގެ ބައެއް ޖަމާއަތްތަކުން ވަނީ ދިވެހި ސަރުކާރަށް ގޮވާލާފަ އެވެ.
ދިވެހި ހާރިޖިއްޔާއިން ބުނީ "ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" އެ ނަމުގައި އެންޑީއެމުން ނެރެފައިވާ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ފުށުއަރާ، އަދި އިސްލާމްދީނާއި ރަސޫލާއަށް ތަވްހީނުވާ ފަދަ ބައެއް ވާހަކަތައް ހިމެނިފައިވާތީ ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތުމުން އެ ޖަމިއްޔާއާ ދޭތެރޭ ފިޔަވަޅު އަޅައި އެ ޖަމިއްުޔާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
ޚާރިޖިއްޔާއިން ބުނީ އެ ޖަމިއްޔާ ސަސްޕެންޑްކޮށްފައި ވަނީ ފުުލުހުން ފަށާފައިވާ ތަހުގީގު ނިމެންދެން ކަމަށެވެ.
ގާނޫނު އަސާސީން ލިބިދޭ ހައްގުތަކަކީ އިސްލާމް ދީނުގެ ތަރަހައިގެ ތެރެއިން ލިބިދޭ ހައްގުތަކެއް ފާހަގަ ކުރައްވާ ދިވެހި ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވަނީ ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ލިބޭކަން ސަރުކާރުން އަބަދުވެސް ޔަގީން ކުރާ ކަމަށެވެ.
އެމްޑީއެން ސަސްޕެންޑް ކުރަން ނިންމާ ޔޫތް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމިއްޔާ ސަސްޕެންޑް ކުރަން ނިންމީ ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށާއި ސަސްޕެންޑްކުރީ ޖަމިއްޔާގެ މައްސަލާގެ ފުލުހުން ތަހުގީގު ކުރަމުންދާތީ ކަމަށެވެ.
އެމްޑީއެންގެ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލަން ޔޫތް މިނިސްޓްރީން އަންގާފައިވަނިކޮށް އެ ޖަމިއްޔާއަށް ފިޔަވަޅު އެޅީ އުސޫލުތަކާއި ޚިލާފަށް ކަމަށް ބުނެ، އެމްޑީއެންގެ މަސްއޫލުވެރިޔާ އަދި ކުރިން ވެސް އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައިވާ ޝަހިންދާ އިސްމާއީލް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އިންޒާރެއް ދެއްވާފަ އެވެ.