މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މައްސަލާގައި ހައްދުފަހަނަ އަޅާފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލާފައިވާކަން ދުނިޔެއަށް ހާމަކޮށްދިނުމަށް ގިނަ ޖަމިއްޔާތަކެއް ގުޅިގެން އުފައްދާފައިވާ ރައްޔިތުންގެ އިއްތިހާދުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަރިހުގައި އެދިއްޖެ އެވެ.
"ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު ޖަމިއްޔާ އުވާލަން އެންގުމުން ޖަމިއްޔާ އުވާލާފައިވާ ކަން ރަސްމީކޮށް އިއުލާން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.
ރައްޔިތުންގެ އިއްތިހާދުން މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ޔޫތް މިނިސްޓްރީން އެމްޑީއެން އުވާލިފަހުން އަންހެނުންގެ ހައްގުތަކަށް ވާކާލާތު ކުރާކަމަށް ބުނެ ވަކާލާތު ކުރަމުން އަންނަ ޖަމިއްޔާއެއް ކަމުގައިވާ އުތެމަ ޖަމިއްޔާއިން ޖެނީވާގައި އޮންނަ ސީޑޯ ކޮމިޓީގެ 76 ވަނަ ބައްދަލުވުމަށް ހުށަހަޅާ ރިޕޯޓުގައި އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ހިލާފު ކަންކަން ހިމެނުމުގެ ސަބަބުން އުވާލެވުނު އެމްޑީއެން ގެ ރިޕޯޓު ބަލައިގަނެފައިވާ ކަމަށެވެ. އަދި އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ދިވެހިރާއްޖޭގައި ހެދިފައިވާ ގަވާއިދުތަކާއި ހިލާފު ކަންތައްތައް ހިމެނޭނޭހެން އެ ރިޕޯޓު ބަލައިގަތުމަށް ގޮވާލައި ރާއްޖޭގެ ގާނޫނުތަކާއި ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައެއްވަންތަކަން ނަގާލައި ގާނޫނަށް ކޮޅުފައިން އަރަން ބާރު އަޅަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
".. އަދި މީގެ އިތުރުން މިއަހަރުގެ ނޮވެމްބަރު މަހު އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން ބާއްވާ ޔޫޕީއާރު ގެ 36 ވަނަ ބައްދަލުވުމަށް ހުށައެޅުމަށް އުތަމަ އާއި އެމްޑީއެން އާއި ފުރާންސުގެ އެފްއައިޑީއެޗް ކިޔާ މަދަނީ ޖަމިއްޔާއެއް ގުޅިގެން އޮކްޓޯބަރު، 3 2019 ގައި ތައްޔާރުކޮށްފައިވާ ދިވެހިރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާއި ބެހޭ ރިޕޯޓުގައި ވަނީ ދިވެހިރާއްޖޭގައި ފައްޅި އެޅުމަށާއި ގައިރު ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލާފައި. އަދި ޒިނޭކުރުމުގެ ހައްދު ގާނޫނީ އުގޫބާތުން އުނިކުރުމަށާއި ކުށްތަކަށް މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލުމަށް ގޮވާލުން ފަދަ ދިވެހިރާއްޖޭގެ ގާނޫނުތަކާ ދިމާއަށް ދެކޮޅު ހަދައި، މާތްވެގެންވާ އިސްލާމްދީނުގެ ހައްދުތަކަށް ފާޅުގައި އިންކާރުކުރި މަންޒަރު،"
އެހެން ކަމުން ޔޫއެންގެ ޗާޓަރގައި ހިމެނޭ ދޭދޭ ގައުމުތަކުގެ ދާހިލީ މިނިވަންކަން ނަގާލުން މަނާކުރާ މުއާހަދާތަކާއި ގަވާއިދުތަކަށް ރިއާޔަތްކޮށް އަދި ރާއްޖޭގެ ގާނޫނުތަކާއި ހިލާފު ކަންކަން ކުރުމަށް ބާރުއަޅާ ތަފާތު ނަންނަމުގައި ފަންޑު ކުރަމުންދާ ކެނެޑާއާއި އެމެރިކާ އަދި ޔޫރަޕްގެ އެނޫންވެސް ގައުމުތަކުގެ އެކި ޖަމިއްޔާތަކަށް އެމްޑީއެންއަކީ ގާނޫނާއި ގަވާއިދާ ހިލާފުވުމުގެ ސަބަބުން އުވާލެވިފައިވާ ޖަމިއްޔާ އެއްކަމާއި އަދި އެމީހުންގެ ތަހުގީގު މޯލްޑިވްސް ޕޮލިސް ސާވިސަސްއިން ކުރިއަށް ގެންދާކަން ހާމަކޮށް ދިނުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން އުތެމަ ޖަމިއްޔާ ފަދައިން އެމްޑީއެންގެ ރިޕޯޓަށް ބާރުލިބޭ ގޮތަށް އެއްވެސް ވާހަކައެއް ދައްކާ އެއްވެސް ބަޔަކީ ރަސްމީކޮށް ދިވެހިރާއްޖެ ގާނޫނީ ގޮތުން ތަމްސީލު ކުރާ ބައެއް ނޫންކަމާއި އެއީ ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ދާހިލީ ހަމަޖެހުން ނަގާލައި ގައުމު ބައިބައި ކުރަން ގާނޫނާ ހިލާފަަށް މަސައްކަތްކުރާ މަދު ބައެއްކަން އިނގިރޭސިބަހުން ރަސްމީކޮށް ލިޔެ އަންގައި ދިނުމަށްވެސް އެދިފައިވެއެވެ.
".. މިހެން މިއެދެން ޖެހުނީ އޭރުން ރައީސުލް ޖުމްހޫރިއްޔާ، އެމްޑީއެން ކުށްވެރިކުރެއްވި ނިޔަތަކީ ދިވެހިންނަށް ހަމަ އެކަނި މަންޒަރެއް ދައްކަން ކުރެއްވި ކަމެއް ނޫންކަމާއި އެއީ ހިތްފުޅުގެ އިހުލާސްތެރިކަމާއިއެކު ކުރެއްވި ކަމެއްކަން ދިވެހި ރައްޔިތުންނަށް ޔަގީންކޮށް ދިނުމަށާއި އަދި އެފަދައިން ދިވެހި ހާރިޖީ ވުޒާރާއިން މަސައްކަތް ކުރާކަން ދިވެހިންނަށް ޝައްކެތް ނެތް މިންވަރަށް ޔަގީންކޮށް ދިނުމަށް،" ޖަމިއްޔާތަކުގެ ސިޓީގައިވެއެވެ.
ހަރުކަށި ހައްދުފަހަނައަޅާފައިވާ އެމްޑީއެން އުވާލި ނަމަވެސް އެ ޖަމާއަތުގައި ތިބެ، އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ލިޔުނު މީހުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަދި ސަރުކާރުގެ ނިންމުމަށް ގޮންޖަހާ އެ ޖަމިއްޔާއިން އަދިވެސް ދަނީ ބަޔާންތައް ނެރެ، ހަރަކާތްތެރިވާއިރު އޭގެ ގިނަ ބޭފުޅުން ދައުލަތާއި ސަރުކާރުގެ އިސް ވަޒީފާތަކުގައި އެބަތިއްބެވި އެވެ.