ދީނަށް ފުރައްސާރަ ކުރުން

އެމްޑީއެން އުވާލަން ސަރުކާރުން ނިންމައިފި

އިސްލާމް ދީނަށާއި ރަސޫލާއަށް މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކް (އެމްޑީއެން) އުވާލަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

އެމްޑީއެން އުވާލުމަށް މިއަދު ޔޫތް މިނިސްޓްރީން ނިންމީ ތަހުގީގަށްފަހު ފުލުހުން ދީފައިވާ މައުލޫމާތަށް ބެލުމަށްފަހު އެވެ. ޖަމިއްޔާގެ ގާނޫނުގެ ދަށުން އެމްޑީއެން އުވާލަން ނިންމައި، ޖަމިއްޔާގެ ދަރަންޏާއި މުދަލާ ގުޅޭ ކަންކަން 45 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ މުއްދަތު ދީފަ އެވެ.

އެމްޑީއެންގެ "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓްއާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުން ފުލުހުން ހެދި އެސެސްމަންޓްއިން އެ ރިޕޯޓުގައި އިސްލާމް ދީނަށް ތައުހީން ކުރުމުގެ ގޮތުން ފާޑު ކިޔާފައިވާ ކަން ފާހަގަވެފައިވާ ކަމަށާއި ދީނަށާއި ރަސޫލާއަށް ވެސް އެ ރިޕޯޓުގައި ފުރައްސާރަކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލަ ހޫނުވުމާއެކު މި މަހު ކުރީ ކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ފިޔަވަޅު ނޭޅި ލަސްވަމުން ދިޔުމާ ގުޅިގެން އެ މައްސަލާގައި ރާއްޖޭގެ ގިނަ ރަށްތަކާއި މާލޭގައި ވެސް ވަނީ މުޒާހަރާކޮށްފަ އެވެ. އަދި ގިނަ ކައުންސިލްތަކުން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާންތައް ނެރެފަ އެވެ.

ރިޕޯޓްގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ޝަހިންދާ އިސްމާއީލާއި އަޒްރާ ނަސީމް ފުލުހަށް ހާޒިރު ކުރުމަށް ވަނީ ދެ ހަފްތާގެ ނޯޓިސްއެއް ދީފަ އެވެ. އެ ދެ މީހުން ވެސް މިވަގުތު ހުރީ ރާއްޖެއިން ބޭރުގަ އެވެ.