މޯޑިވިއަން ޑިމޮކްރަސީ ނެޓްވޯކް

އުވާލިޔަސް ޖަމިއްޔާގެ މަސައްކަތް ކުރިއަށްދާނެ: އެމްޑީއެން

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ރަސްމީކޮށް އުވާލާ އެކަން ސަރުކާރުން ހާމަކުރިނަމަވެސް، ޖަމިއްޔާގެ މަސައްކަތް ހުއްޓާނުލާނެ ކަަމަށް ބުނެފި އެވެ.

ސަރުކާރުގެ ނިންމުމަށް ފާޑުކިޔާ އެމްޑީއެންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމިއްޔާ އުވާލުމަށް ނިންމީ އުސޫލުތަކުގެ ބޭރުން ކަމަށެވެ. އަދި ސަރުކާރުން އެ ނިންމުން ނިންމި ނަމަވެސް ޖަމިއްޔާގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އެމްޑީއެންއިން 2016 ވަނަ އަހަރު ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި، މާތް ރަސޫލާއަށް ފުރައްސާރަކޮށްފައިނުވާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެމްޑީއެންއިން މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި އޮތް ހަރުކަށި ފިކުރު ނަތާލުމަށް ކަމަށާ އެ މަސައްކަތް ކުރުމުގައި އެ ޖަމިއްޔާ ދެމި އޮންނާނެ ކަމަށެވެ.

"ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" އިން ނެރުނު ރިޕޯޓްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ މައްސަލާގައި ފުލުހުން އެ މައްސަލަ ތަހުގީގުކޮށް ހެދި އެސެސެމަންޓްގައި ޔޫތް މިނިސްޓްރީއަށް އަންގާފައި ވަނީ އެ ރިޕޯޓުގައި ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަން ފާހަގަވެފައިވާ ކަމަށެވެ.

ފުލުހުން ޔޫތް މިނިސްޓްރީއަށް ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ ޖަމިއްޔާ އުވާލަން އެ މިނިސްޓްރީން ނިންމީ މިދިޔަ މަހުގެ ފަސް ދުވަހުގަ އެވެ. އަދި ޖަމިއްޔާއާ ބެހޭ ގާނޫނުގެ ދަށުން ޖަމިއްޔާއެއް އުވާލަން ނިންމުމުން އެ ޖަމިއްޔާއެއްގެ ދަރަންޏާ މުދަލާ ގުޅޭ ކަންކަން ނިންމަން ދޭން ޖެހޭ 45 ދުވަހުގެ މުއްދަތު އެމްޑީއެންއަށް އެ ދުވަހު ދިނެވެ.

އެ މުއްދަތު މިއަދުގެ ހަމައަށް ހަމަވުމާ ގުޅިގެން ޔޫތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މުދަލާއި ދަރަންޏާ އަދި ޖަމިއްޔާއާ ގުޅޭ އެންމެހާ މައްސަލަތައް ނިންމުމަށްޓަކައި ދިން 45 ދުވަހުގެ މުއްދަތު އިއްޔެއަށް ހަމަވިއިރު ވެސް އެ ޖަމިއްޔާ އިން އެއްވެސް އެއްޗެއް މިހާތަނަށް އަންގާފައި ނުވާ ކަމަށެވެ. އެހެންކަމުން އެމްޑީއެން އުވާލާފައިވާ ކަން ރަސްމީކޮށް އިއުލާން ކުރާ ކަމަށެވެ.

އެމްޑީއެންއިން ވަނީ އެ ރިޕޯޓާ ގުޅިގެން މައާފަށް އެދިފަ އެވެ. އަދި އެ ޖަމިއްޔާގެ ވެބްސައިޓުން އެ ރިޕޯޓް ވަނީ ނަގައިފަ އެވެ. ދީނީ އިލްމުވެރިއެއްގެ ލަފައާއެކު ރިޕޯޓް މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ. ނަމަވެސް ޖަމިއްޔާގެ ބައެއް ބޭފުޅުން ރިޕޯޓްގެ ދިފާއުގައި ފަހުން ވާހަކަ ވެސް ދައްކަވާފައިވެ އެވެ.