ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ އެކަން ކުށްވެރިކުރާ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ކީރިތި ރަސޫލާގެ ކާޓޫން ކުރެހުމަށް ހުރަސް އެޅުމަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް އެޅޭ ހުރަހެއް ކަމަށާ ކާޓޫން ކުރަހާ މީހުންނަށް ހިތްވަރުދޭނެ ކަމަށް ބުނެ ފްރާންސްގެ ރައީސް ވާހަކަ ދެއްކެވުމުން އިސްލާމީ އުންމަތް ވަނީ އެކަމާއި ދެކޮޅަށް ތެދުވެފައެވެ. އަދި ފްރާސްގެ ރައީސާ ދެކޮޅު އިސްލާމީ ގައުމުތަކުގައި ދަނީ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ. އަދި އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމުގެ ފުޅާ ކެންޕެއިނެއް ވަނީ ފަށާފައެވެ.
މިއަދު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ރަސޫލާއަށް ފުރައްސާރަ ކުރުން ކުށްވެރި ކުރާ ކަމަށެވެ. އަދި މާތް ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ބޭރު އަމަލެއް ކަމަށެވެ.
އިންސާނީ ހައްގުތަކަކީ ވަކި ބަޔަކަށް އޮތް ހައްގުތަކެއް ނޫން ކަމަށާ އެ ހައްގު އެންމެންނަށް ހަމަހަމަ ކަމާއެކު ލިބެން ޖެހޭ ކަމަަށްވެސް ސަރުކާރުގެ ބަޔާނުގައިވެއެވެ. ނަމަވެސް މި ބަޔާނުގައި ރަސޫލާއަށް ފުރައްސާރަކުރުމަށް ހިތްވަރު ދިން ފްރާންސްގެ ރައީސް އަދި އެ ގައުމުގެ ވާހަކަވެސް ހިމަނާފައެއް ނުވެއެވެ. އެކަމާ ބައެއް އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އިސްލާމީ ގައުމުތަކުގެ ބައެއް ލީޑަރުން ގެންދަވަނީ ފްރާންސްގެ ރައީސަށް ނިސްބަތްކޮށް ވަރުގަދަ ބަހުގެ ހަަމަލާތައް ދެއްވަމުންނެވެ. އަދި ބައެއް ގައުމުތަކުން މިހާރު ވަނީ ފްރާންސްގެ އުފެއްދުންތައް ބޭނުން ކުރުން ހުއްޓާލިކަން ރަސްމީކޮށް އިއުލާނު ކުރަމުންނެވެ.