އިސްލާމްދީނާއި މާތް ﷲ ގެ ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ނެރުނު ރިޕޯޓަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެކަން ކުރި މީހުންނަށް ޓެރަރިޒަމް ގާނޫނުގައިވާ އަދަބު ދޭންޖެހޭ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
"އަންނަނީ އަންނަނީ" މި ނަމުގައި އިިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ މިހާތަނަށް ރާއްޖޭގައި ބަޔަކު ހިންގި އެންމެ ބޮޑު ޖަރީމާ ކަމަށެވެ. މީގެ ކުރިން ވެސް ޣައިރު މުސްލިމުން އިސްލާމްދީނާ ދެކޮޅަށް ތަފާތު ކަންކަން ރާއްޖޭގައި ކޮށްފައިވާ ކަމަށާ ނަމަވެސް އެމްޑީއެންގެ ރިޕޯޓަކީ މި ގައުމުގައި ބަޔަކު އިސްލާމް ދީނާ ދެކޮޅަށް ހިންގި އެންމެ ބޮޑު ޖަރީމާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި ސަލީމް ވިދާޅުވީ މި ސަރުކާރުން ދާދި ފަހުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ. އެ އިސްލާހުތަކަށް ވިސްނާލުމުން އެމްޑީއެމުން ކޮށްފައިވާ ކުށުގެ ބޮޑުކަން ވެސް އެނގޭ ކަމަށާއި އެ ރިޕޯޓަކީ އިޔެ ތަސްދީގު ކުރި ޓެރަރިޒަމްގެ ގާނޫނަށް ރަނގަޅަށް ފެތޭ ކުށެއް ކަމަށެވެ.
ސަލީމް ވިދާޅުވީ ރާއްޖޭގައި ބަޔަކަށް މިވަރުގެ ޖަރީމާއެއް ހިންގަން ކެރުނީ އެކަމަށް ވާގި ދޭނެ "ބޮޑުން" ގެ ބަޔަކު ތިބުމުން ކަމަށާއި އެހެން ނަމަވދސް އިސްލާމް ދީނާ ދެކޮޅަށް ކުރާ ކޮންމެ ކަމަކާ ދެކޮޅަށް ތެދުވާން ދިވެހިން ތިބީ ތައްޔާރަށް ކަމަށެވެ.
"ދީނަށްޓަކައި މަރުވާން، ގުރުބާންވާން މި ތިބީ ރެޑީގައި. ކީއްކުރަންތޯ އަޅުގަނޑުމެން މި ދުނިޔޭގައި ތިބެންވީއެއް. ކޮންމެވެސް ދުވަހަކުން ރުވެގެން މާތްﷲގެ ހަޒުރަތަށް ދާންޖެހޭ." ވިޔަފާރިވެރިޔާ ސަލީމް ވިދާޅުވި އެވެ.
ސަލީމް ވަނީ އަންނަ ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު މުޅި ރާއްޖޭގައި މިކަމާ ދެކޮޅަށް އަޑު އުފުލަން ގޮވާލައްވާފަ އެވެ.
ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި މާތް ﷲ ގެ ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލާގައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.