އަބްދުއްރަހީމް އަބްދުﷲ

އެމްޑީއެންއާ ދެކޮޅު އެންމެން ހައްޔަރު ކުރިއަސް ދީނަށް އޮތް ލޯބި ބަންދެއް ނުވާނެ: އަދުރޭ

އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ދެކޮޅަށް ހަރަކާތްތެރިވާާ އެންމެން ހައްޔަރު ކުރިއަސް އެ ކަމާ ދެކޮޅު ހަރަކާތްތައް ބަންދު ނުކުރެވޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީއެން އުވާލުމަށް ގޮވާލައި ރާއްޖޭގެ އެކި ރަށްތަކުގައި އެއްވުން ބާއްވަމުންދާއިރު އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަނުން ވެސް ގެންދަނީ އެ ކަމާ ދެކޮޅަށް އެއްވުންތައް ބާއްވަމުންނެވެ. އެ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ޕީޕީއެމްގެ އޮފީސް ކުރިމަތީ އެއްވުމެއް ބޭއްވި އެވެ. މި އެއްވުންތައް ކުރިއަށް ގެންދަނީ މަގުގެ ދެ އަރިމަތީ ޕޭމަންޓްގައި ތިބެންނެވެ.

އެމްޑީއެން އުވާލަން ގޮވާލައި ގިނަ އެއްވުންތަކެއް ބާއްވަމުންދާ ދަނޑިވަޅެއްގައި، ފުލުހުން ރޭ ބުނެފައި ވަނީ އެއްވެ އުޅުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ފަދަ ކުއްލި އެއްވުމެއްގެ ގޮތުގައި ނުބެލެވޭ، ރާވައިގެން ބާއްވާ އެންވުންތަކަށް ގާނޫނުގައި ބަޔާން ކުރާ ނޯޓިސް ދިނުމެއް ނެތި ބާއްވަމުންދާ ކަމަށެވެ. އެފަދަ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ރޭ ބުންޏެވެ.

އެ ކަމާ ގުޅިގެން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީގެ އިތުރުން އެމްޑީއެންއާ ދެކޮޅަށް އަޑު އުފުލާ އެންމެން ހައްޔަރު ކުރެވިދާނެ ކަމަށެވެ. ނަމަވެސް މުސްލިމު ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިސްލާމް ދީނަށާއި ރަސޫލާއަށް އޮތް ގަދަރާއި ލޯބި ބަންދެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމް އޮފީސް ދޮރު މަތީ ޓޭޕް ވެސް ދެމިދާނެ. އަދި އޮފީސް ބަންދު ވެސް ކުރެވިދާނެ. ޕީޕީއެމް އަދި ޕީއެންސީގެ އިތުރުން އެމްޑީއެންއާ ދެކޮޅަށް އަޑު އުފުލާ އެންމެން ހައްޔަރު ވެސް ކުރެވިދާނެ. އެކަމަކު މުސްލިމު ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް އޮތް ދީނަށް ގަދަރާއި ލޯބި ބަންދެއް ނުކުރެވޭނެ." އަދުރޭގެ ޓްވީޓްގައި ވެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރު ހިންގުމުގެ ބާރާއި ގަނޫނު ހެދުމުގެ ބާރު އެމްޑީޕީއަށް ލިބުމާއެކު ޝަރުއީ ދާއިރާ ބޭނުން ގޮތަކަށް ބަދަލު ކުރުމުގެ ފުރުސަތު އެ ޕާޓީއަށް މިިހާރު އޮތަސް ދީނަށް ފުރައްސާރަ ކުރާ މީހުން ދިފާއު ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ގާނޫނާ ހިލާފު އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށް، އެމްޑީއެންއާ ދެކޮޅަށް ޕީޕީއެމް އަދި ޕީއެންސީން އިއްޔެ އެއްވުމެއް ބޭއްވުމުގެ ކުރިން ޕީޕީއެމްގެ އޮފީހުގެ ދޮރުމަތީގައި ފުލުހުން ވަނީ ޓޭޕް ދަމާފަ އެވެ. އެ ކަމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންގެ އިތުރުން ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށާއި ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.