ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ހައްޔަރުކޮށްފި އެވެ.
އެ ދެ ބޭފުޅުން ހައްޔަރުކޮށްފައިވަނީ މިހާރު އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިންނެވެ.
މިއަދު ކުރިއަށް ގެންދާ މުޒާހަރާއަކީ އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އެއްވުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނެ ކަމަށް ފުލުހުން ބުނެފައިވަނިކޮށް އެ އެންގުމާއި ހިލާފަށް ކުރަމުން ގެންދާ މުޒާހަރާ އެކެވެ. ފުލުހުން ވަނީ އެޗްޕީއޭގެ އެންގުންތަކާއި ހިލާފުވެ ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށައެޅޭ ގޮތަށް އަމަލުކުރާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.
އަދި ހޯމް މިނިސްޓްރީންވެސް ވަނީ އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އަދި ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ ގާނޫނާއި ހިލާފަށް އެއްވުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ސަރުކާރުން ނުދޭނެ ކަމަށް ބުނެފައެވެ.
މިއަދުގެ މުޒާހަރާގެ ތެރެއިން ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާއަށް ވަރަށް ބޮޑަށް އަނިޔާވުމުން ވަނީ ދޫކޮށްލާފައެވެ. އަދި ޕީއެންސީގެ ނާއިބު ރައީސް ފެނަކައިގެ ކުރީގެ އެމްޑީ މުހައްމަދު ނިމާލުވެސް ވަނީ ހައްޔަރުކޮށްފައެވެ. ނިމާލް އަކީ އިދިކޮޅު ކޯލިޝަންގެ އެކްޓިވިޓީ ކޮމެޓީގެ ޗެއާއެވެ. މީގެ އިތުރުން ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދުވެސް ހައްޔަރުކޮށްފައިވެއެވެ.
މުޒާހަރާ ފެށުމުގެ ކުރިން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުުކުރީ މަޖީދީމަގުންނެވެ. އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްވެސް ވަނީ ހައްޔަރުކޮށްފައެވެ.
މިއަދުގެ މުޒާހަރާގައި ޕީޕީއެމް އަދި ޕީއެންސީގެ މަޖިލީސް މެންބަރުންނާއި އެ ދެ ޕާޓީގެ އިސް ބޭފުޅުން ދަނީ ބައިވެރިވަމުންނެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ބޭފުޅުން މިހާރު ވަނީ ހައްޔަރުުކޮށްފައެވެ.