މޯލްޑިވްސް ޕޮލިސް ސާވިސް

މުޒާހަރާއިން 11 މީހަކު ހައްޔަރުކޮށްފިން: ފުލުހުން

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "ނޭވާހޮޅިއަށް" އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނެފި އެވެ.

ފުލުހުން ބުނީ މިއަދުގެ މުޒާހަރާއާ ގުޅިގެން 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ތުހުމަތުގައި ކަމަށްވެސް ބުންޏެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އާއި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހިމެނިވަޑައިގަންނަވައެވެ.

އޭގެ ތެރެއިން މެންބަރު ޣައްސާން މައުމޫނާއި މެންބަރު މުހައްމަދު ސައީދު ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް ތަކުރާރުކޮށް ސުވާލުކުރުމުންވެސް ފުލުހުން އެކަމަށް ކޮމެންޓެއް ނުދިނެވެ.

"ނޭވާހޮޅިއަށް" އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް ޕީޕީއެމުން ބުނީ މިހާތަނަށް 15 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން ވަގުތުން ދޫކޮށްލުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.