އިދިކޮޅު ފަރާތްތައް

ފުލުހުން ބާރުގެ ބޭނުންކޮށްފި، ޣައްސާން އާއި ސައީދު ހައްޔަރު

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހައްޔަރުކޮށްފި އެވެ. އެ ދެ ބޭފުޅުން ހައްޔަރުކުރީ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "ނޭވާހޮޅިއަށް" އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިންނެވެ.

ފުލުހުން ހައްޔަރުކުރިއިރު އެ ދެ ބޭފުޅުންވެސް ތިއްބެވީ އިހުތިޖާޖުގެ ބައިވެރިންނާއެކު ބޮޑުތަކުރުފާނު މަގުގައި އިށީންދެ ގެންނެވެ. ސައީދު ހައްޔަރުކޮށްގެން ގެންދިޔައީ ކުރިމައްޗަށް ބިޑިވެސް އަޅުވައިގެންނެވެ.

މެންބަރު ޣައްސާން އާއި ސައީދުގެ އިތުރުން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އާއި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްވެސް ވަނީ ހައްޔަރުކޮށްފައެވެ.

މިއަދުގެ އިހުތިޖާޖަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފައިވާއިރު އެކި ސަރަހައްދުތަކުގައި އިހުތިޖާޖު ކުރިއަށް ގެންދަން އިދިކޮޅުގެ ސަޕޯޓަރުން ވަނީ މަސައްކަތް ކޮށްފައެވެ. އެންމެ ގިނަ ބަޔަކު އެއްވެ ތިބީ ކާނިވާ ސަރަހައްދުގައެވެ.

އެ ސަރަހައްދުގައި އެއްވެ ތިބި މީހުން ގެންދަނީ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އަޑުއުފުލަމުންނެވެ. އެ ސަރަހައްދުގައި ޕާޓީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުން އެބަ ތިއްބެވިއެވެ. އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު ހިމެނިވަޑައިގަންނަވައެވެ.

މަގުތަކުގައި އިހުތިޖާޖު ކުރިއަށް ގެންދަން މަސައްކަތް ކުުރުމުން ފުލުހުން ވަނީ ބޭރުގެ ބޭނުން ކޮށްފައެވެ. ބައެއް މީހުންގެ މޫނަށް އަމާޒުކޮށް ގިނަ އަދަދަކަށް ޕެޕާ ސްޕްރޭ ޖަހާފައިވެއެވެ. އަދި އާންމުންގެ ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މިއަދުގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރު ކުރީ ކިތައް މީހުން ކަމެއް ފުލުހުން ނުބުންޏެވެ. ފުލުހުން ބުނީ ހައްޔަރު ކުރި މީހުން ހައްޔަރު ކުރީ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައި ކަމަށެވެ.