އިދިކޮޅު ފަރާތްތައް

ޝަރުތުތަކަކާއެކު ޣައްސާން އާއި ސައީދު ދޫކޮށްލައިފި

އިއްޔެ އޮތް މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ދޫކޮށްލައިފި އެވެ.

އެ ދެ ބޭފުޅުންވެސް ދޫކޮށްލީ ބަންދާއިމެދު ގޮތް ނިންމަން ބަންދު މަޖިލީހަށް ހާޒިރުކުރުމުން ކޯޓުންނެވެ. މެންބަރު ސައީދު އާއި ޣައްސާން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުންޏެވެ. އެގޮތުން އެ ދެ ބޭފުޅުން މިހާރު ދިރިއުޅުއްވާ އެޑްރެސް ބަދަލުވެއްޖެނަމަ އެންގުމަށާއި ތަހުގީގަށް އެއްބާރުލުން ދިނުމަށާއި ފޯން ނަންބަރު ބަދަލުކޮށްފި ނަމަ އެކަން އެންގުމަށް ވަނީ ޝަރުތުކޮށްފައެވެ.

ޣައްސާން އާއި ސަައީދުވެސް ކޯޓަށް ހާޒިރުކުރީ ބިޑި އަޅުވައިގެންނެވެ.

ފުލުހުން ހައްޔަރުކުރިއިރު އެ ދެ ބޭފުޅުންވެސް ތިއްބެވީ އިހުތިޖާޖުގެ ބައިވެރިންނާއެކު ބޮޑުތަކުރުފާނު މަގުގައި އިށީންދެ ގެންނެވެ. މެންބަރު ޣައްސާން އާއި ސައީދުގެ އިތުރުން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އާއި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހިމެނޭހެން 11 މީހަކު ހައްޔަރުކުރި އެވެ.

ފުލުހުން އިއްޔެ ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ތުހުމަތުގައި ކަމަށެވެ.