އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ކޮރަޕްޝަންގައި ބައިވެރިވުން އޮތް ކަމުގެ ތުހުމަތު ކުރެވޭ ހުރިހާ މީހުންގެ ނަންތައް ހާމަ ކުރުމަށް ގޮވާލައި އެމްޑީޕީގެ ފަރާތުން މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައިގެން އުޅެނީ އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގެ މައްސަލަ އޮއްބާލަން ކަމަށް މަޖިލީހުގައި ތިއްބަވާ އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާއި ބައެއް އަމިއްލަ މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ހާޒިރުވެވަޑައިގެން ވިދާޅުވެފައި ވަނީ ސަރުކާރުގެ ވަޒީރުންނާއި މާލިއްޔަތު ކޮމިޓީގެ މެންބަރުން ހިމެނޭ ގޮތަށް މަޖިލީހުގެ މިހާރުގެ މެންބަރުން ވެސް ހިޔާނާތުގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ބިޝާމްގެ ވާހަކަތަކާ ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ 2015 ވަނަ އަހަރުން ފެށިގެން ޕީޕީއެމްގެ ސަރުކާރުން ބަލަން ފަށާފައިވާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ ބައެއް ބޭފުޅުންނަށް އޭރު ވެސް ފިޔަވަޅު އަޅާފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފަރާތުން މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައިގެން މަސައްކަތް ކުރަމުން ގެންދަނީ އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ އޮއްބާލުމަށެވެ. އެ ގޮތުން ރައްޔިތުންގެ މިއަދު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެންޑީއެންގެ މައްސަލަ ކަމަށާއި މަޖިލީހަށް ވައްދައިގެން ބަހުސް ކުރަންވީ އެ މައްސަލާގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީއެންގެ މައްސަލައެއް އޮއްބައެއް ނުލެވޭނެ. އެމްޑީއެންއަކީ ސީދާ ދައްޖާލެއް. އެ ދައްޖާލުން ނުނެއްޓިގެން މި ސަރުކާރު އުޅެނީ. އެ މައްސަލަ އޮއްބާލަން ވެގެން ވެއްދި މައްސަލައެއް މި ކުއްލި މައްސަލައަކީ. އެމްޑީއެން އުވާނުލެވިގެން މި ވާ ލަސް އެއީ ރައްޔިތުން މިއަދު ކަންބޮޑުވާ ކަމަކީ." ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ބެލުން ލަސް ވެފައި ވަނީ ވެސް މި ސަރުކާރު އައި ފަހުން ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބައިވެރިންގެ ލިސްޓުގައި ގިނަވާނީ ވެސް އެމްޑީޕީގެ މެންބަރުން ކަމަށެވެ. އެ ގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަޖިލީހުން ފާސްކުރައްވަން ބޭނުންވި ބައެއް ބިލުތަކަށް އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވި ސަބަބު ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މި ސަރުކާރު އައި ފަހުން ވެސް ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލަތައް ވަކި މަދު ނޫން ކަމަށެވެ. އެ ގޮތުން ބިޑަކާ ނުލައި ގުޅީފަޅު ހިއްކަން 800 މިލިއަނެއްހާ ރުފިޔާއަށް ބޮސްކާލިއަސް ކިޔާ ކުންފުންޏަކަށް ހަވާލު ކުރި ކަމާއި ބަދަލުގެ ގޮތުގައި ކަމަށް ބުނެ ގިނަ ކުންފުނިތަކަށް އެތައް މިލިއަން ރުފިޔާ ދީފައިވާ ކަން ސައީދު ފާހަގަ ކުރެއްވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ސަރުކާރާއި މަޖިލިސް ވެސް އެމްޑީޕީއަށް ދިނުމުން އެމްއެމްޕީއާރުސީގެ މައްސަލާގައި ދެއްކޭނެ ބަހަނާއެއް ނެތެވެ. އަދި ވިދާޅުވީ އެ މައްސަލައާ ގުޅުވައި މަޖިލީހަށް ކުއްލި މައްސަލައެއް ވެއްދީ އެންޑީއެންގެ ރިޕޯޓްގެ މައްސަލައިގެ ވާހަކަތައް އޮއްބާލުމަށް ކަމަށެވެ.
އެ މައްސަލާގައި ފިޔަވަޅު ލަސްވަނީ ކީއްވެގެންތޯ ސައީދު ސުވާލު ކުރެއްވި އެވެ. އަދި އެ މައްސަލަ ބަލަން ސަރުކާރުން ޖެހިލުން ވަނީ ސަރުކާރު ގެނައުމަށް އެމްޑީޕީއަށް އެހީވި ބޭރުގެ ގައުމުތަކާއި ބޭރުގެ ޖަމިއްޔާތަކުގެ ރުހުން ގެއްލިދާނެތީތޯ ވެސް ސައީދު ސުވާލު ކުރެއްވި އެވެ.
"ކީއްވެގެންތޯ އެމްޑީއެންއަށް ފިޔަވަޅު އެޅުމަށް ސަރުކާރުން ޖެހިލުން ވަނީ. މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރި ގައުމުތަކާއި ޖަމިއްޔާތަކުގެ ރުހުން ހޯދުމަށް މަސައްކަތް ކުރަނީތޯ. އެ ފިޔަވަޅު އަޅައިފިނަމަ އެ ޖަމިއްޔާތަކުގެ ރުހުން ނުލިބިދާނެތީތޯ ތި އުޅުއްވަނީ. ރައީސް އަށް އެ ގޮތަށް ގަބޫލު ކުރެވެނީތޯ." ސައީދު ވިދާޅުވި އެވެ.
އިދިކޮޅު މެންބަރުންގެ އިތުރުން ބައެއް އަމިއްލަ މެންބަރުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރުން ވެސް ވަނީ އެ ކުއްލި މައްސަލަ ވެއްދުމުން އެ ކަމަށް ފާޑުވިދާޅުވެފަ އެވެ. އެ ގޮތުން ކެންދޫ ދާއިރާގެ ޖޭޕީގެ މެންބަރު އަލީ ހުސައިން ވިދާޅުވީ އަވަސް އަވަހަށް މަޖިލީހަށް ކުއްލި މައްސަލަ ވައްދައި "ހޮޅުއަށީގައި" މޮޅު ވާހަކަތައް ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.