އަމިއްލަފުޅަށް ކުރެއްވި ކަމެއްގެ މަސްތުގައި ބަދަލުހިއްޕެވުމުގެ ރޫހުގައި މުޅި ހަޔާތް ހޭދަކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ފާޑުވިދާޅުވެއްޖެ އެވެ.
ޝިޔާމް، ނަޝީދަށް ފާޑުވިދާޅުވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ -- 241 ކޮމެޓީ -- އަށް ރައީސް ނަޝީދު ހުށައެޅުއްވުމާއި ގުޅިގެންނެވެ. މައްސަލަ ހުށަހަޅުއްވާފައިވަނީ ފުލުހުންގެ ހިދުމަތުގެ ޤާނޫނު ފާސްކޮށް އެ ގާނޫނު ތަސްދީގު ކުރައްވާފައިވަނިކޮށް އެ ގާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ފުލުހުންގެ އޮފިސަރަކަށް ރިޓަޔާ ނުކުރެއްވޭނެ ކަމުގައި ދެކެވަޑައިގެނެވެ.
ނަޝީދު، މި މައްސަލަ ހުށައެޅުއްވިއިރު އެމަނިކުފާނު އިސްތިއުފާ ދެއްވި ދުވަހު ފުލުހުންގެ އިދާރާގައި އެކްޓިން ސީޕީއެއްގެ ދައުރު އަދާކުރެއްވީ ފައިރޫޝްއެވެ. އެކަމާއި ގުޅިގެން ނަޝީދާއި އެމްޑީޕީގެ ވަރަށް ބޮޑު ރުޅިވެރިކަމެއް ފައިރޫޝްގެ މައްޗަށް އޮވެއެވެ. އަދި އޭނާ ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރެއްވުމުން އެމްޑީޕީގެ އިސްވެރިންނާއި އެކްޓިވިސްޓުން ވަރަށް ބޮޑަށް ފާޑުކިޔެވެ.
މަޖިލީހަށް ނަޝީދު ހުށައެޅުއްވި މައްސަލައަށް އިޝާރާތް ކުރައްވާ ޝިޔާމް ވިދާޅުވީ ދިވެހި ރައްޔިތުން "ގަލޯހާޖާ" ކުރަންވުމުން ރައީސް ނަޝީދުގެ ހުއްދަ ނަގަން ޖެހޭނެ ކަމަށް އެނގިފައިނުވާ ކަމަށެވެ. އަދި ނަޝީދު މަސައްކަތް ކުރައްވަނީ ބަދަލު ހިއްޕެވުމުގެ ރޫހެއްގައި ކަމަށް ސިފަކުރެއްވިއެވެ.
"އަމިއްލަފުޅަށް ކުރެއްވި ކަމެއްގެ މަސްތުގައި ބަދަލުހިއްޕެވުމުގެ ރޫހުގައި ހަޔާތެއް ތިޔަ ހޭދަކުރައްވަނީ،" ރައީސް ނަޝީދަށް ޓެގް ކުރައްވާ ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ޝިޔާމް ވަނީ ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރައްވާ ގައުމު އާރާސްތު ކުރުމުގެ މަސައްކަތް ފެށުމަށްވެސް ގޮވާލައްވާފައެވެ.