މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނަށް ޖަވާބުދާރީ ވުމުގެ ގޮތުން އިދިކޮޅުން މަޖިލީހުގެ ތަޅުމުގައި ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށް އެކަންކަން ރައީސް ސޯލިހަށް ހަނދާން ކޮށްދެއްވައިފި އެވެ.
ރިޔާސީ ބަޔާނަށް މިއަދު މަޖިލީހުގައި ޖަވާބު ދެއްވީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.
ސަލީމްގެ ވާހަކަފުޅުގައި ރާއްޖެއަށް ދިމާވެފައިވާ ގިނަ ގުނަ މައްސަލަތަކަށް އަލި އަޅުވާލެއްވި އެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރަން އިދިކޮޅުން ގޮވާލަމުންދާ ގޮވާލުންތައް މަޖިލީހުގެ ތަޅުމުގައި މިއަދު ތަކުރާރު ކުރެއްވި އެވެ.
ރާއްޖޭގެ ސިޔާދަތާ ވަހުދަތަށް އަސަރުކޮށް މިނިވަންކަން ގެއްލޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ އެ ކަންކަން މާ މައްޗަށް ގެންދާނަމަ ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދާނެ ކަމަށާއި ރާއްޖޭގެ ކަނޑުތަކާ ގުޅޭ މުހިންމު ދިރާސާތައް ކުރަން އިންޑިއާއާ ހަވާލު ކުރުމާއި ބޭރުގެ ބަޔަކު ރާއްޖެ ހިފަން ގޮވާލި ބަޔަކު ރާއްޖޭގެ ވެރިކަމުގައި ތިބުމުން އިހްލާސްތެރި ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
ކޮވިޑްގެ ބިރުވެރިކަން އިންތިހާއަށް އޮތް ހާލަތުގައި ވެސް އެޗްޕީއޭ "ސިޔާސީ" ކޮށް ސަރުކާރުގެ ބޭފުޅުން ރަށްރަށަށް ދަތުރު ކުރުން އޮންނަ ފުރުސަތުގައި އަތޮޅުތަކުގެ ތެރެއަށް ކޮވިޑް ފަތުރާ ކަމަށް ތުހުމަތު ކުރެއްވި އިރު ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް އެއްވެސް ކުރިއެރުމެއް ނުލިބޭތީ އެ ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.
ރިޔާސީ ބަޔާނުގެ ޖަވާބުގައި ހިމެނި ކަންބޮޑުވުންތައް
- ޑޮލަރު ލިބުމުގެ ދަތިކަމާއި އެކަން ހައްލުކުރަން މަސައްކަތެއް ނުކުރުން
- ކޯޓުތަކަށާއި ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒް ފޯރުވުން
- މަރު ކޮމިޝަންތަކުން ނަތީޖާއެއް ނުނެރެވުން
- ފްލެޓްތައް ދިނުމަށް ފަހު ފަހުން އަތުލުން
- ކުނީގެ މައްސަލަ އިންތިހާއަށް ބޮޑުވުން
- އިންޓަނެޓްގެ އަގު ހެޔޮނުވުން
- އަންހެނުންނަށް ޖިންސީ ގޯނާކުރާ މީހުންނަށް އިންސާފު ހޯދައިދިނުމަށް ހުރަސް އެޅުން
- ފުލުހުންނާ ސިފައިންނަށް ސިޔާސީ ނުފޫޒް ފޯރުވުން
- ހާއްސަ އެހީ ބޭނުންވާ ފަރާތްތަކަށް އަހަމިއްޔަތުކަން ދޭވަރު ކުޑަވުން
- ދީނަށް ފުރައްސާރަކުރުން ނުހުއްޓުވުން
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގާއި އެސެޓް ރިކަވަރީ ކޮމިޝަނުން އެއްވެސް ނަތީޖާއެއް ނުނެރެވި ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުކޮށްފައި އޮތް އިރު އެތައް ބައެއްގެ ވަޒީފާ ގެއްލިފައި އޮތްކަން ސަލީމް ވަނީ ހަނދާން ކޮށްދެއްވާފަ އެވެ.
މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން މަސައްކަތް ނުކުރާއިރު ދަނޑުވެރިން ހައްދާ ތަކެތި ގަންނަން ސަރުކާރުން މިދިޔަ އަހަރު އުފެއްދި ކުންފުންޏަކީ ބޭކާރު ކުންފުންޏެއްގެ ގޮތުގައި ސަލީމް ސިފަކުރެއްވި އެވެ. ވިދާޅުވީ އެ ކުންފުނީގެ ހަގީގީ މަގްސަދަކީ ބަޔަކަށް ވަޒީފާތަކެއް ދިނުން ކަމަށެވެ. އެ ކުންފުނި އުވާލަން ވެސް ރައީސަށް ގޮވާލެއްވި އެވެ.