މައިނޯރިޓީ ލީޑަރު

ރިޔާސީ ބަޔާނުގެ ޖަވާބު: ބާރުތައް މަސްހުނިކޮށް ގައުމުގެ މިސްރާބު ހުރީ ބަނަކޮށް

ތިން ބާރު ވަކި ކުރެވިފައިވާ ޑިމޮކްރެޓިކް ނިޒާމަށް ގޮންޖަހާލައި ތިން ބާރު މަސްހުނި ކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން ގައުމުގެ މިސްރާބު ބަނަކޮށްލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، ކޮންމެ އަހަރަކު މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނެއް އިއްވަން ޖެހެ އެވެ. އަދި މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ތެރެއިން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އެ ބަޔާނަށް ޖަވާބެއް ތައްޔާރުކޮށް ހުށަހަޅަން ޖެހެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން މައިނޯރިޓީ ލީޑަރު ސަލީމް މިއަދުގެ ޖަލްސާގައި ވިދާޅުވީ، ވާދަވެރި ސިޔާސީ ޕާޓީތަކުގެ ނިޒާމަށް މި ސަރުކާރުން ގޮންޖަހާލާފައިވާ ކަމަށެވެ. -- މިއީ ނުވަ އަހަރަށ ފަހު ރިޔާސީ ބަޔާނަކަށް ޖަވާދިން ފުރަތަމަ ފަހަރެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވާދަވެރި ސިޔާސީ ނިޒާމެއްގައި ސަރުކާރު ޒިންމާދާރު ކުރުވުމުގައި އެންމެ މުހިއްމު އެއް ދައުރެއް އޮންނަނީ އިދިކޮޅު ސިޔާސީ ޕާޓީތަކަށާއި އެ ޕާޓީތަކުގެ ލީޑަރުންނަށް ކަމަށެވެ. އެ ކަމުގައި އިދިކޮޅު ސިޔާސީ ލީޑަރަކަށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މި ސަރުކާރު އައި ފަހުން އިދިކޮޅު ސިޔާސީ ލީޑަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުހައްގުން ދެ ފަހަރަށް ޖަލަށް ލައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށެވެ. އެހެންކަމުން ވާދަވެރި ސިޔާސީ ނިޒާމަށް ޖާގަ ދިނުމުގެ ގޮތުން އެމަނިކުފާނު މިނިވަން ކުރެއްވުމަށް ގޮވާލައްވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ރައީސް ސޯލިހް ދެއްވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ދައުލަތުގެ ތިން ބާރު ވަކިން މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރިހަމަ މިސާލެއް މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ފެނިގެން ގޮސްފައިވާނެ ކަމަށެވެ.

ރައީސްގެ އެ ވާހަކައަށް ރައްދު ދެއްވަމުން ސަލީމް ވިދާޅުވީ ތިން ބާރު އޮތީ މަސްހުނިވެފައި ކަމަށެވެ. އެ ގޮތުން ގާނޫނު ހެދުމުގެ ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުން ވެރިކަން ކުރުމުގެ ބާރުގެ ތެރެއަށް ވަދެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވާ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ސަރުކާރުގެ ހިނގުން ގޯސްވެ ދޯހަޅިވުން ކަމަށެވެ.

"މިހާރު އަޅުގަނޑުމެންނަށް ފެނިގެން ދަނީ މި މަޖިލީހުން ސަރުކާރުގެ ވަޒީރުންނަށް ސީދާ އިރުޝާދު ދެއްވަމުން ގެންދަވާ ތަން. ގާނޫނު ހަދާ ބާރުން މި ގެންދަނީ ވެރިކަން ކުރުމުގެ ބާރުގެ ތެރެއަށް ވަންނަމުން. މިއީ ތިން ބާރު ވަކިން ނުހިނގާ ކަން އެނގޭ ކަމެއް،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ދެން ގެންދަނީ އަދުލު އިންސާފުގެ ބާރަށް އަތްގަދަ ކުރަމުންނެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ތިއްބެވި މި ސަރުކާރަށް ނިސްބަތްވާ ސިޔާސީ ބޭފުޅުން ގެންދަވަނީ ޖުޑިޝަރީގެ ބާރަށް ނުފޫޒު ފޯރުވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުޑިޝަރީއަށް ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި އެންމެ މުހިއްމު ކަމަކީ އެ ބާރަށް ފޯރުވަމުންދާ ސިޔާސީ ނުފޫޒު ހުއްޓުވުމުން ކަމަށާއި އެ ކަން ކުރެވެން އޮތީ ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމުން ކަމަށް ސަލީމް ވިދާޅުވި އެވެ.

"ޝަރުއީ ނިޒާމަށް އިތުބާރު އަންނާނީ ސިޔާސީ ނުފޫޒު ހުއްޓޭ ދުވަހަކު. ޖުޑިޝަލް ސާވިސް ކޮމިޝަންގައި ސިޔާސީ މީހުން ތިބޭހާ ހިނދަކު އެ ކަމެއް ނުވާނެ. ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލު ކުރަން ގާނޫނު އަސާސީއަށް އެ އިސްލާހު ގެނައުމަށް އަޅުގަނޑުމެން ގޮވާލަން." ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދި ގައުމުގެ އިގްތިސާދު ދަނީ ހީނަރުވަމުން ކަމަށެވެ. ވެރިކަމުގެ ނިޒާމު މަސްހުނިވެ، މަލްޓި ޕާޓީ ޑިމޮކްރަސީގެ ނިޒާމު ހަނާވަމުންދާ ކަމަށެވެ. ސަލީމް ވިދާޅުވި ގޮތުގައި، ގައުމުގެ މިސްރާބު ވަނީ ބަނަކޮށްލައިފަ އެވެ.

"ގައުމުގެ މިސްރާބު މި ހުރީ ތަހުޒީބު ކަމެއް ނެތް، އާރާސްތު ކަމެއް ނެތް، ބަނަ ދުނިޔެއަކަށް، މި މިސްރާބަށް ދަތުރު ކުރާނަމަ، ދިވެހިން ބޭނުންވާ މަންޒިލަކަށް ވާސިލެއް ނުވާނެ،" ސަލީމް ވިދާޅުވި އެވެ.

ރިޔާސީ ބަޔާނަށް ސަލީމް ދެއްވި ޖަވާބުގައި ވަނީ ޕީޕީއެމްގެ ސަރުކާރުގައި ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް އެ މަސައްކަތްތައް މިހާރު މަޑުޖެހިފައިވާ ކަން ފާހަގަ ކުރައްވައިފަ އެވެ. ސާފު ބޯފެނާއި، ނަރުދަމާ ނިޒާމާއި، ބޯހިޔާވަހިކަމާިއ، ސިއްހީ ހިދުމަތްތަކަށް އޭރު ކޮށްފައިވާ ވަރަށް މަސައްކަތް މިހާރު ކުރެވެމުން ނުދާތީ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

ކުޑަކުދިންގެ މައްސަލަތައް އިތުރުވަމުންދާއިރު، އެ މައްސަލަތަކާ ގުޅިގެން ސަރުކާރުން އިސްވެ ބަސްބުނެ ހަރުދަނާ ފިޔަވަޅުތައް އެޅެމުން ނުދާތީ އެ ކަމާ ގުޅިގެން ވެސް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އަދި ސަރުކާރުގެ މުހިއްމު ބައެއް ވައުދުތައް ކަމުގައިވާ މިނިމަމް ވޭޖާއި ސާވިސް ޗާޖާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ލަސްވާތީ ފާޑުވިދާޅުވި އެވެ.

ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެ ސަލީމް ވިދާޅުވީ ގައުމުގެ ސިޔާދަތީ ބާރު ގެއްލެމުންދާ ކަމުގެ އިހްސާސް ކުރެވެމުންދާ ކަމަށެވެ. އަދި ވިދާޅުވީ ހަރުކަށި ފިކުރާއި ލާދިނީ ފިކުރު ހުއްޓުވުމުގައި މި ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ.

ސަލީމް ވާހަކަ ނިންމާލައްވަމުން ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ދިފާއުކޮށް ގައުމުގެ ހާލަތު ރަނގަޅު ކުރުމުގައި ދިވެހި ރައްޔިތުންނާއެކު އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.