ހަބަރު

ރިޔާސީ ބަޔާނަށް ޖަވާބު ދިނުން ބުދަ ދުވަހަށް ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ރިޔާސީ ބަޔާނަށް މަޖިލީހުގައި ތިއްބަވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ފަރާތުން ތައްޔާރުކުރާ ޖަވާބު ހުށަހެޅުއްވުން އަންނަ ބުދަ ދުވަހު ބާއްވާ ޖަލްސާއަށް އެޖެންޑާ ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ރައީސް ސޯލިހް ދެއްވި ރިޔާސީ ބަޔާނަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ޖަވާބު ދިނުމަށް އެންމެ ފުރަތަމަ ހަމަޖައްސާފައި އޮތީ މިއަދަށެވެ. އެކަމަކު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރިޔާސީ ބަޔާނަށް ޖަވާބު ދިނުމަށް އެޖެންޑާ ކޮށްފައެއް ނުވެ އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ރިޔާސީ ބަޔާނަށް ޖަވާބު ދިނުން އަންނަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރާ ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް އެ ކަން ވަނީ އަންގައިފަ އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، ކޮންމެ އަހަރަކު މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސް ރިޔާސީ ބަޔާނެއް އިއްވަން ޖެހެ އެވެ. އަދި މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ތެރެއިން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އެ ބަޔާނަށް ޖަވާބެއް ތައްޔާރުކޮށް ހުށަހަޅަން ޖެހެ އެވެ.

މަޖިލީހުގައި ރައީސް ސޯލިހް ނިސްބަތްވާ އެމްޑީޕީގެ 65 މެންބަރުން ތިއްބެވިއިރު، ދެން އެންމެ ގިނަ މެންބަރުން ތިއްބެވީ ޕީޕީއެމްގަ އެވެ. ޕީޕީއެމްގެ ހަ މެންބަރުން މަޖިލީހުގައި ތިއްބަވަ އެވެ. އެހެންކަމުން ރިޔާސީ ބަޔާންގެ ޖަވާބު ހުށަހަޅަން ޖެހެނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.

ރިޔާސީ ބަޔާނަށް މައިނޯރިޓީ ލީޑަރު ރެޑްވޭވް ސަލީމް މަޖިލީހަށް ހުށަހަޅުއްވާ ޖަވާބު ތައްޔާރު ކުރުމުގެ ގޮތުން މަޖިލީހުގައި ދެން ތިބި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި އަމިއްލަ މެންބަރުންގެ ހިޔާލު ހޯދަން މަޖިލީހުގައި ބައްދަލުވުމެއް ވެސް ބާއްވާފައިވެ އެވެ.

މަޖިލީހުގައި ދެން ތިއްބަވަނީ އިދިކޮޅު ޕީޕީއެމް އާއެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ތިން މެންބަރުންނާއި، ޖުމްހޫރީ ޕާޓީގެ ފަސް މެންބަރުންނާއި އަމިއްލަ ހަތަރު މެންބަރުންގެ އިތުރުން ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެެ މެންބަރު އަބްދުﷲ ޖާބިރެވެ.