އިދިކޮޅު ފަރާތްތައް

ރިޔާސީ ބަޔާނުގެ ޖަވާބު: ދީނަށް ފުރައްސާރަކުރަން ހުއްޓުވާކަށް ނޫޅޭ

ރާއްޖޭގައި ހައްދުފަހަނަ އަޅާފައިވާ ހަރުކަށިބަޔަކު އިސްލާމް ދީނަށް ފުރައްސާރާ ކުރަމުންދާ ކަމަށާއި އެކަން ހުއްޓުވަން މި ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ބުނެ އިދިކޮޅުން މި އަހަރުގެ ރިޔާސީ ބަޔާނަށް ޖަވާބު ދީފި އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި އިއްވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމުގެ ގޮތުން މަޖިލީހުގައި ހިމެނޭ އިދިކޮޅުން އަދި މައިނޯރިޓީ ލީޑަރުގެ ގޮތުގައި މިހާރު ހުންނެވި ޕީޕީއެމްގެ ޕާލަމަންޓަރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މިއަދު ވަނީ މަޖިލީހުގައި ބަޔާނެއް ދެއްވާފަ އެވެ.

ޖަވާބުގެ ބަޔާން އިއްވަވަމުން ސަލީމް ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކުގެ މަސްދަރަކީ އިސްލާމް ދީން ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮތް ނަމަވެސް އެހެން ދީންތައް ރާއްޖޭގައި ފެތުރުމަށް ރާއްޖޭން ހިތްވަރު ދެމުންދާތަން ފެންނަމުންދާ ކަމަށެވެ.

އެގޮތުން އޭނާ ފާހަގަ ކުރެއްވީ މިދިޔަ މަހު މާލޭގެ ކުޅިވަރު އެކުވެނީގައި އިންޑިއާ މީހުންގެ "ދީނީ ކަމެއް" ފާހަގަކުރިި ހާދިސާ އަށެވެ. އެފަދަ ކަންތައްތަަކީ މި ގައުމުގެ އެތައް ބަޔަކު ކަންބޮޑުވާ ކަމަކަށް ވެފައި އެއީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަށް ހިމާޔަތް ކުރުމުގެ ގާނޫނާވެސް ހިލާފު ކަމެއްކަން ސަލީމް ހަނދާން ކޮށްދެއްވި އެވެ.

އިދިކޮޅުގެ އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި ހުށަހެޅުއްވީ އިސްލާމް ދީނަށް ފުރައްސާރަކޮށް ލިޔުންތަކެއް ޝާއިއުކުރި
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ މައްސަލަ އެވެ. އެ ޖަމާއަތުގައި ހިމެނުނު ބައެއް މީހުން މިހާރު ވެސް ސަރުކާރުގެ އިސް މަގާމުތަކުގައި ތިބުމާ ރިޔާސީ ބަޔާނުގައި ވެސް އެކަމަށް އަލިއަޅުވާލައިފައި ނެތުމުން އެކަން ސަލީމްވަނީ ވަރަށް ބޮޑަށް އެކަން ކުށްވެރި ކުރައްވާފަ އެވެ.

"އަދި އެ ރިޕޯޓު ލިޔުނު ފަރާތްތައް ސަރުކާރުގެ މަތީ މަގާމުތަކުގައި ބޭތިއްބުމަކީ އިސްލާމް ދީނަށް ސަރުކާރުން ގަދަރު ކުޑަކުރާކަން އަންގައިދޭ ކަމެއް. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓު ކުށްވެރި ކުރަމުން، އެ ރިޕޯޓާމެދު ރިޔާސީ ބަޔާނުގައި އަލިއަޅުވައިނުލެއްވި މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. ދިވެހި މި ބިމުން އިސްލާމް ދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް އެއްވެސް ޖާގައެއް ދީގެން ނުވާނެ،" ޖަވާބުގެ ބަޔާނުގައި ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައްދުފަނައަޅާފައިވާ ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާފައިވާ ލާދީނީ ފިކުރާއި ހައްދުފަހަނަ އަޅާފައިވާ ވަކި ދީނެއް ގަބޫލު ނުކުރާ ފިކުރާ ދެކޮޅަށް ބޮޑެތި މަަސައްކަތްތަކެއް ކުރި ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުން މިސްރާބު ބަދަލު ކޮށްފައިވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް އޮންނަ ނުރައްކާތެރިކަން އިތުރުވުމުގެ ބިރުވެރިކަން ބޮޑުވެފައިވާ ކަމަށް ސަލީމް ފާހަގަ ކުރެއްްވި އެވެ.

އެކަަމަށް އޮތް ހައްލަކީ ހައްދު ފަހަނަ އަޅާފައިވާ ފިކުރާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލު ކުރުން ކަމަށާއި އަދި އެކަމުގައި ހިކުމަތްތެރި އުކުޅުތައް އިސްކުރަން ސަލީމް މިއަދު ގޮވާލެއްވި އެވެ.

"ހަރުކަށިފިކުރު އިތުރުވާ ކަމުގައިވާނަމަ އިތުރުވަނީ ދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތައް ނުބެލުމާއި ސަރުކާރުން ގެންގުޅޭ ދީނާ ބީރައްޓެހި ސިޔާސަތުގެ ސަބަބުން. އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމީ އަގީދާ ބަލިކަށި ކޮށްލުމަށްޓަކައި ރޭވިގެން ރާއްޖޭގައި ހިންގަމުންދާ އެކިއެކި ކަންކަމާ ދެކޮޅަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ،" ސަލީމް ވިދާޅުވި އެވެ.