ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ވިދާޅުވަނީ ގާސިމް ބައިވެރިވާން!

ޖޭޕީއަކީ އިސްލާމްދީނާ ދިވެހި ގައުމުގެ ހައްގުގައި މަސައްކަތް ކުރާ ޕާޓީއެއް ނަމަ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު މަސައްކަތް ކުރަން ފަށަންވީ ވަގުތަކީ މިއީ ކަމަށް ވިދާޅުވެ ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޑރ. މުހައްމަދު މުއިއްޒު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ވަރުގަދަ މެސެޖްތަކެއް ދެއްވައިފި އެވެ.

"އަންނަނީ އަންނަނީ" އެ ނަމުގައި އިިދިކޮޅު ޕީޕީއެމް / ކޮންގްރެސްގެ ކޯލިޝަނުން ރޭ ކާނިވަލުގައި ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ އިސްލާމްދީނާއި، މާތް ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއޭއިން ނެރުނު ރިޕޯޓަކީ މި ސަރުކާރުގެ ވެރިންގެ ކިބައިން ހިތްވަރު ލިބިގެން ނެރެފައިވާ ރިޕޯޓެއް ކަމަށެވެ.

ޖޭޕީއަކީ މި ސަރުކާރު ދަމަހައްޓަން ވިއްދާފައިވާ "ކައްތިރި" އެއްގެ ގޮތުގައި ސިފަ ކުރައްވާ މުއިއްޒު ވިދާޅުވީ މި ވަގުތަކީ ސަރުކާރުގެ ތެރެއިން ޖޭޕީ ނުކުންނަންވީ ވަގުތު ކަމަށެވެ. އަދި ސަރުކާރުގައި ދެމި ތިބުމަކީ ސީދާ ގޮތުން "ލާދިނިއްޔަތު" ފަތުރަން އެހީތެރިވެ ދިނުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އަދި އޭނާ ވަނީ އެކަމާ ދެކޮޅަށް ރައީސް ޔާމީނާއެކު ގައުމީ މަސައްކަތް ކުރަން ޖޭޕީގެ ލީޑަރަށް ގޮވާލައްވާފަ އެވެ.

"އަޅުގަނޑު އަހާލަން މި ސަރުކާރު ދަމަހައްޓާ ކައްތިރީގެ ގޮތުގައި ވިއްދާފަ އޮތް ޕާޓީގެ ލީޑަރަށް... ތިޔަ ބޭފުޅާ، މި ސަރުކާރުގެ ތެރެއިން މާއްދީ ބޭނުންތަކަށްޓަކައި މި ސަރުކާރު ދަމަހައްޓަން ތި ކުރައްވާ މަަސައްކަތަކީ ކޮންގޮތަކުން ދީނީ ވިސްނުމެއްގައި ނުވަތަ ގައުމީ ވިސްނުމެއްގައި ކުރައްވާ ކަމެއްތޯއޭ؟ ފަޅުތަކާއި ރަށްތަކާ އެއްޗެއްސަކީ ﷲ ދެއްވިއްޔާ ނޫނީ ލިބޭނެ އެއްޗެއް ނޫން. މިއަދު އެބަޖެހޭ ގައުމީ ވިސްނުމުގައި، ދީނީ ވިސްނުމުގައި ނުކުންނަންވަން.. މި ގައުމުގައި އިސްލާމްދީން ހިމާޔަތް ކުރަން ތި ބޭފުޅުންގެ ޕާޓީން ބޭނުންވާނަމަ މިއީ ވަގުތު" ގާސިމަށް ދެއްވާ މެސެޖެއްގެ ގޮތުގައި މުއިއްޒު ވިދާޅުވިއެވެ.

އަޅުގަނޑު އަހާލަން މި ސަރުކާރު ދަމަހައްޓާ ކައްތިރީގެ ގޮތުގައި ވިއްދާފަ އޮތް ޕާޓީގެ ލީޑަރަށް... ތިޔަ ބޭފުޅާ، މި ސަރުކާރުގެ ތެރެއިން މާއްދީ ބޭނުންތަކަށްޓަކައި މި ސަރުކާރު ދަމަހައްޓަން ތި ކުރައްވާ މަަސައްކަތަކީ ކޮންގޮތަކުން ދީނީ ވިސްނުމެއްގައި ނުވަތަ ގައުމީ ވިސްނުމެއްގައި ކުރައްވާ ކަމެއްތޯއޭ؟ ފަޅުތަކާއި ރަށްތަކާ އެއްޗެއްސަކީ ﷲ ދެއްވިއްޔާ ނޫނީ ލިބޭނެ އެއްޗެއް ނޫން. މިއަދު އެބަޖެހޭ ގައުމީ ވިސްނުމުގައި، ދީނީ ވިސްނުމުގައި ނުކުންނަންވަން.. މި ގައުމުގައި އިސްލާމްދީން ހިމާޔަތް ކުރަން ތި ބޭފުޅުންގެ ޕާޓީން ބޭނުންވާނަމަ މިއީ ވަގުތު
ޑރ. މުހައްމަދު މުއިއްޒު | ކުރީގެ ހައުސިން މިނިސްޓަރު

މުއިއްޒު ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަކޮށް ޖަރީމާ ހިންގުމުގެ ފުރުސަތު ނިމިދިޔަ ފަސް އަހަރު ނުލިބުނު ނަމަވެސް މި ސަރުކާރު އައުމާއެކު އެ ޖަރީމާތަކުގެ އަހުލުވެރިން ފާޅުވެފައިވާ ކަމަށެވެ.

"މި ސަރުކާރު އައުމުން، މި ލާދީނީ ލާއިންސާނީ ނާގާބިލު ސަރުކާރު އައުމާއެކު އެމީހުން އެވަނީ ފާޅުވެގެން ގޮސްފައި. މި މީހުންނަށް ހިތްވަރު ދެނީ މި ސަރުކާރުގެ އެންމެ މަތިން ފެށިގެން."

އޭނާ ވިދާޅުވި ގޮތުގައި އެމްޑީއެންގެ ރިޕޯޓް ނެރުނު މީހުން މިއަދުވެސް ތިބީ ދައުލަތުގެ މަގާމުތަކުގަ އެވެ. އަދި އެފަދަ ޖަރީމާއެއް ހިންގި ބަޔަކަށް ދުވަހަކު ވެސް މައާފު ނުކުރެވޭނެ ކަމަށައި އެއީ މި އުއްމަތުގެ ފިރުއައުނުގެ ލަގަބު ދީފައިވާ އަބޫ ޖަހުލަށްވުރެ ދަށު ޖަރައިގެ ބައެއް ކަމަށް ސިފަ ކުރެއްވި އެވެ. އެފަދަ ބަޔަކަށް ބައިތުލް މާލުން ޚަރަދު ކޮށްގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެެވެ.

މީ އާދައިގެ ކަންކަމެއް ނޫން. މި ފަރާތްތަކުން ބޭނުންވަނީ މި ރިޕޯޓްގައި މިހިރަ ވިސްނުންތައް ފޮތްތަކަށް، އަޅުގަނޑުމެންގެ ތުއްތު ދަރިން ކިޔަވާ ސުކޫލްތަކުގެ މަންހަޖުގެ ތެރެއަށް ވައްދާ ފޮތްތަކުގައި ހިމަނަން. މި ގޮތުން ތައްޔާރު ކުރެވިފައިވާ އެއްޗެއް. މިއީ އެކަކު ދެމީހަކު ކޮށްފައިވާ ކަމެއް ނޫން. މިއީ ފެށުނީއްސުރެ މި ގައުމުގައި އަށަގެންނެވުމަށް ބަޔަކު ކުރަމުންދާ މަސައްތަކެއް
ޑރ. މުހައްމަދު މުއިއްޒު | ކުރީގެ ހައުސިން މިނިސްޓަރު

މުއިއްޒު ވަނީ ޕީޕީއެމް / ކޮންގްރެސް ފަށާފައިވާ މަސައްކަތަކީ ގައުމީ އަދި ދީނީ މަސައްކަތެއް ކަމަށް ވިދާޅުވެ އެ މަސައްކަތުގައި އިލްމުވެރިން ބައިވެރިވުމަށް ވެސް ގޮވާލައްވާފަ އެވެ.