ކުޅިވަރު

ޒުވާން ޓީމުގެ ކާމިޔާބު ފާހަގަ ކުރުން ހޯމަ ދުވަހު

ސާފް ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ މުބާރާތުގެ ބްރޯންޒް މެޑަލް ހޯދި ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުގެ ކާމިޔާބު ފާހަގަ ކުރަން ހޯމަ ދުވަހުގެ ރޭ ހާއްސަ ހަފުލާއެއް ބާއްވަން ތައްޔާރު ވެއްޖެ އެވެ.

ސާފް ޗެމްޕިއަންޝިޕާއި އޭޝިއާގެ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަން ގެ މުބާރާތް ނިންމުމަށް ފަހު މިދިޔަ އަންގާރަ ދުވަހު ޓީމު ވަނީ މާލެ އައިސްފަ އެވެ. ޓީމަށް މަރުހަބާ ކިއުމަށް އެފްއޭއެމްގެ އެއްވެސް ވެރިޔަކު ވަޑައިގެންފައެއް ނުވެ އެވެ. އަދި މިދިޔަ މަހު އެފްއޭއެމުން އަލަށް އެކުލަވާލި ގައުމީ ޓީމުތަކުގެ ކޮމިޓީގެ މެންބަރަކު ވެސް ޔޫތު މިނިސްޓަރު ވެސް ވަޑައެއް ނުގަންނަވަ އެވެ.

މީގެ ކުރިން މެޑަލް ގެންނަ ޓީމުތައް މާލެ އަންނައިރު އެ ޓީމުތަކަށް މަރުހަބާ ކިޔުމަށް އެފްއޭއެމްގެ ވެރިން އެއާޕޯޓަށް ވަޑައިގެން ކުޅުންތެރިންނަށް މާބޮނޑި ދީ އޭއާޕޯޓް ވީއައިޕީން މަރުހަބާ ކިޔަ އެވެ. މިދިޔަ އަހަރު ސިންގަޕޫރުގައި ބޭއްވި އިންޓަނޭޝަނަލް ވިމެންސް ކުއަޑްރަންގިއުލާ މުބާރާތުން ލޯ މެޑަލް ގެނައި ރާއްޖޭގެ އަންހެން ޓީމަށް މަރުހަބާ ވިދާޅުވުމަށް އެފްއޭއެމްގެ ވެރިންނާއި ޔޫތު ސްޕޯޓްސް މިނިސްޓަރު ވަޑައިގެންނެވި އެވެ.

ޒުވާން ޓީމް މާލެ އައިރު ޓީމާ ހަވާލުވާން ގޮސް ހުރީ އެފްއޭއެމްގައި މަސައްކަތު މީހެއްގެ މަގާމުގައި ވަޒީފާ އަދާ ކުރާ ބިދޭސީ މުވައްޒިފެކެވެ. އޭނާ ދިޔައީ ޓީމުގެ ސަމާނުތަކާ ހަވާލުވާށެވެ. އެ ޓީމު މާލެ އައިރު އެފްއޭއެމްގެ ފަރާތުން މަރުހަބާއެއް ކިޔާފައި ނުވުމުން ޓީމުގެ ބައެއް ކުޅުންތެރިންނާއި ބައެއް ބެލެނިވެރިން ވަނީ އެކަމާ ހިތާމަކޮށް ޝުއޫރު ފާޅު ކޮށްފަ އެވެ. އެކަން ފާހަގަކޮށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ޝެއާ ކުރި ޓީމުގެ ކުޅުންތެރިޔަކަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރި މެސެޖެއްގައި ވިދާޅުވެފައި ވަނީ 19 އަހަރުން ދަށުގެ ޓީމުގެ ކާމިޔާބު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އެކަން ފާހަގަ ކުރުން ލަސްވެގެން ދިޔައީ 19 އަހަރުން ދަށުގެ ޓީމުގެ ތިން ކުޅުންތެރިޔަކު ސީނިއާ ޓީމާއެކު އެމިރޭޓްސްގައި ތިބުމުން ކަމަށް ބައްސާމް ވިދާޅުވެފައި ވެއެވެ. އަދި އެކަމާ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗް ޝާޒްލީ މުހައްމަދުއާވެސް މަޝްވަރާ ކޮށްފައި ވާނެ ކަން ބާއްސާމް ފާހަގަ ކުރެއްްވި އެވެ.

ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ހަފުލާއެއް ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އިންތިޒާމުތައް މުޅިން ފައިނަލު ނުވާ ކަމަށެވެ.

ތިން ވަނަ ހޮވި މެޗުގައި ބޫޓާން ބަލިކޮށް 19 އަހަރުން ދަށުގެ ޓީމު ހޯދި ކާމިޔާބަކީ ސަރަހައްދީ ފުޓްބޯޅާގައި ރާއްޖޭގެ ޖޫނިއާ ޓީމެއް މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބެވެ. މި ކާމިޔާބަކީ ރާއްޖޭގެ ޒުވާން ޓީމުތަކުގެ ޓާގެޓް ކުރިމަގަށް ކަނޑައަޅާއިދިން ކާމިޔާބެކެވެ.

މީގެ ކުރިން އުމުރުފުރާތަކުގެ ގައުމީ ޓީމުތަކުން މުބާރާތްތަކުގައި ކުޅެނީ މެޗު އެއްވަރުކޮށްލަން ނުވަތަ ބައިކޮޅަށް ވަންނަ ލަނޑު މަދު ކޮށްލުމުގެ ވިސްނުމެއްގަ އެވެ. އަދި މީގެ ކުރިން އުމުރު ފުރާތަކުގެ މުބާރާތަށް ދާ ޓީމުތަކުގެ އެންމެ ބޮޑު ޝާކުވާއަކަށް ވަނީ ދިވެހި ކުޅުންތެރިންނަށް ވުރެ އުމުރުގެ ގޮތުން ދޮށީ ކުޅުންތެރިންނާ ދެކޮޅަށް ކުޅޭން ޖެހުމުން ކުރިމަތިވާ އުނދަގޫތަކުގެ ވާހަކަ އެވެ.

ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުން، މިފަހަރު މުބާރާތަށް ތައްޔާރުވީ އެހުރިހާ ގޮންޖެހުމަކާއެކު ވެސް ސާމީ ފައިނަލަށް ދިއުމުގެ ޓާގެޓްގަ އެވެ. އެގޮތުން މުބާރާތަށް ދުރާލައި ޕްރެކްޓިސް ފެށި އެވެ. އަދި މާލޭގައި ސީނިއާ ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަން ކުލަބުތަކާ ދެކޮޅަށް މެޗުތައް ކުޅެ އުމުރުން ދޮށީ ކުޅުންތެރިންނާ ދެކޮޅަށް ކުޅުމުގެ ތަޖުރިބާ ހޯދި އެވެ.