އޭއެފްސީ އޭޝިއަން ކަޕް ޔޫ-17 ކޮލިފައިންގައި ރާއްޖެ އާއި ބޫޓާނާ ދެމެދު އިއްޔެ ކުޅުނު މެޗު ނިމިގެން ދިޔައީ 2-2 އިން އެއްވަރުވެގެންނެވެ.
ޗައިނާގެ ޑަލިއަން ޔޫތު ޓްރެއިނިން ބޭސްގައި ކުޅުނު މި މެޗުގައި ބޫޓާނުން ދެ ގޯލު ޖަހައި ކުރިއަށް ދިޔަ ނަމަވެސް ރާއްޖެއިން ވަނީ ފަހަތުން އަރާ މެޗު އެއްވަރުކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލުޖެހުމުގެ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެއްވެސް ޓީމަކަށް ގޯލެއް ނުޖެހުނެވެ. ނަމަވެސް ދެވަނަ ހާފުގެ ފަސްވަނަ މިނެޓުގައި ބޫޓާނުގެ ސަޔޫން ލާމާ ވަނީ އެ ޓީމަށް ލީޑު ހޯދައިދީފަ އެވެ. އޭގެ 12 މިނެޓު ފަހުން ތިންލޭ ޔެޒާ ވަނީ ބޫޓާނަށް ދެވަނަ ގޯލު ޖަހައިދީފަ އެވެ.
ދެ ގޯލުން ފަހަތަށް ޖެހުނު ނަމަވެސް ރާއްޖޭގެ ޓީމުން ހިތްވަރު ދޫނުކޮށް ކުރިއަށް ދިޔަ އެވެ. އެގޮތުން 70 ވަނަ މިނެޓުގައި މުހައްމަދު އިލާން އިމްރާން ވަނީ ރާއްޖެއަށް ފުރަތަމަ ގޯލު ޖަހައިދީފަ އެވެ. އަދި 81 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އޭނާ ވަނީ ރާއްޖޭގެ ދެވަނަ ގޯލު ޖަހައި މެޗު އެއްވަރުކޮށްފަ އެވެ.
އޭޝިއަން ކަޕް ކޮލިފައިން ގުރޫޕް ސީގައި ރާއްޖެ އާއި ބޫޓާނުގެ އިތުރުން ހިމެނެނީ މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ޗައިނާ އާއި ދެކުނު ކޮރެއާ އަދި ބަހްރެއިން އެވެ.
މުބާރާތަށް ހޮވޭނީ ކޮންމެ ގުރޫޕެއްގެ އެއްވަނައަށް ދާ ޓީމުތަކާއި، ދެވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޓީމެވެ.
ރާއްޖޭގެ ޓީމުން ދެން ކުޅޭނީ ހޯމަ ދުވަހު ބަހްރެއިން އާއި ދެކޮޅަށެވެ.