ކުޅިވަރު

ބުޓާނަށް ފުރުސަތު ނުދީ ރާއްޖެ މޮޅުވެއްޖެ

Jun 13, 2017
1

ރާއްޖޭގެ ކޮޅަށް ލަނޑެއް ޖެހިޔަ ނުދީ، އޭޝިއަން ކަޕް ކޮލިފައިންގެ ގުރޫޕް ޑީގެ ބޫޓާންގެ މައްޗަށް 2-0 ން ރާއްޖެ ކާމިޔާބު ހޯދައިފި އެވެ.

މިއީ 2009 ވަނަ އަހަރުގެ ފަހުން، ރާއްޖެ ކޮޅަށް، ބޫޓާން ލަނޑެއް ޖެހިޔަ ނުދީ ފުރިހަމަ ކުރި ފުރަތަމަ މެޗެވެ. އެންމެ ފަހުން، ބޫޓާން ލަނޑެއް ޖެހިޔަ ނުދީ، ރާއްޖެއިން މެޗެއް ފުރިހަމަ ކުރީ، 2009 ވަނަ އަހަރު ކުޅުނު އިންޓަނޭޝަނަލް މެޗެއް ގައެވެ. އެ މެޗު ރާއްޖެއިން ކާމިޔާބު ކުރީ، 6-0 ން ނެވެ.

ބޫޓާންގެ ވެރިރަށް ތިމްޕޫގެ ޗަންގްލިމިތަންގް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި، ރާއްޖެއިން ކުޅުނީ އުނދަގޫ ގޭމްކެވެ. ކުޅުމުގެ ތެރެއިން ރާއްޖެއަށް އުފެދުނީ ރަނގަޅު އެންމެ ހަމަލާ އެކެވެ. އަކްރަމް އަބްދުލް ގަނީ ތަނަވަސް ކޮށްދިން ފުރުސަތަކުން ނާއިޒު ހަސަން (ދާދު) ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި މަތިން ނެވެ.

މެޗުގެ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓްގައި، ރާއްޖޭގެ ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުން އަލީ ފާސިރު (ސެންޓޭ) އެވެ.

ދެ ވަނަ ހާފުގައި ކޯޗް ޑަރެން ސްޓްވާޓް ވަނީ، ދާދުގެ ބަދަލުގައި ހަމްޒާ މުހައްމަދު (ހަމްޕް) އަށް ފުރުސަތު ދީފަ އެވެ. އޭނާ ކުޅުމުގައި ބައިވެރިވެ، ޓީމުގެ ހަމަލާ އުފެއްދުމުގައި ހިއްސާވި އެވެ. ރާއްޖޭގެ ދެވަނަ 74 ވަނަ މިނެޓްގައި އަހްމަދު އަބްދުﷲ (ލިލީ) ކާމިޔާބު ކުރީ، ހަމްޕް ތަނަވަސް ކޮށްދިން ފުރުސަތަކުން ނެވެ.

މި ގުރޫޕްގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ، ފަލަސްތީނާ އޮމާން ބައްދަލުކުރާ މެޗު އޮންނާނީ، މާދަމާ ރޭ ފަލަސްތީންގެ ރާމްގެ ފައިސަލް އަލް ހުސައިނިއްޔާ ސްޓޭޑިއަމް ގައެވެ.