ގުރީސްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އިޓަލީ ކޮލިފައި ވެއްޖެ އެވެ.
އިޓަލީ އަކީ ޔޫރޯ އަށް ކޮލިފައިވި ދެ ވަނަ ގައުމެވެ. މިދިޔަ ބުރާސްފަތި ދުވަހު ބެލްޖިއަމް ވެސް ވަނީ ކޮލިފައިންގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފަ އެވެ. ޔޫރޯ ފުޓްބޯލަ މުބާރާތް ތިން ފަހަރު ކާމިޔާބު ކުރި ސްޕެއިން އަށް ރޭ ކުޅުނު މެޗުން ކޮލިފައި ވެވެން އޮތް ނަމަވެސް ނޯވޭއިން ވަނީ ސްޕެއިން އާ އެއްވަރުކޮށް އެ ޓީމުގެ ރޭހަށް މަޑު ޖެހުމެއް ގެނެސްފަ އެވެ.
ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ކާމިޔާބު ކޮށް އިޓަލީ ވަނީ ގުރޫޕް ޖޭ ގެ އެއް ވަނަ މަގާމު ކަށަވަރު ކޮށްފަ އެވެ. ކުޅުނު ހަތް މެޗުންވެސް މޮޅުވެ އެ ޓީމު ވަނީ 21 ޕޮއިންޓް ހޯދާފަ އެވެ. ރޭ ގެ މެޗުގައި އިޓަލީގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ޖޯޖީނިއޯ އެވެ. އެ ޕެނަލްޓީ އަކީ އިޓަލީގެ ލޮރެންޒޯ އިންސިނިއާ ފޮނުވާލި ހަމަލާ، ގުރީސްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ އެންޑްރެއަސް ބޫޝެލާކީސް އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެވެ. ޕެނަލްޓީން އިން ލަނޑު ކާމިޔާބު ކުރީ މެޗުގެ 67 ވަނަ މިނެޓްގަ އެވެ.
ފުރިހަމަ ވަގުތު ހަމަވާން 11 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް، ފެޑްރީކޯ ބާނެޑެސްކީ އޭރިއޭބޭރުން ފަސްފޫޓެއް ހައި ދުރުން އޭނާ ފޮނުވާލި ބޯޅަ ތިރިތިރިން ގޮސް ވަނީ ގޯލްގެ ތިރީ ކަނަށެވެ. އިޓަލީއަށް ތިން ވަނަ ލަނޑެެއް ޖެހުމާ ވަރަށް ގާތަށް އިންސިނިއާ ދިޔަ އެވެ. އޭނާއަށް ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލި ނަމަވެސް ގްރީސްގެ ކީޕަރު އެލެގްޒެންޑްރޯސް ޕެޝްކަލާކީސް ވަނީ ހުށިޔާރު ކަމާއެކު އެ ބޯޅަ ދިފާއު ކޯށްފަ އެވެ.
މިދިޔަ އަހަރުގެ ވޯލްޑްކަޕް ކޮލިފިކޭޝަންގައި ކެޓި އިޓަލީ ބޮޑު މުބާރާތަކަށް ކޮލިފައި މިވީ ހަތަރު އަހަރު ފަހުންނެވެ.
ސްޕެއިންގެ ފުރުސަތަށް މަޑުޖެހުމެއް އައީ މެޗުގެ އެންމެ ފަހު ވަގުތުގަ އެވެ. ދެ ވަނަ ހާފު ފެށުނުތަނުން ސައުލް ނިގެއިޒް އެ ޓީމަށް ލީޑް ނަގައިދިފައި ވަނިކޮށް އޮސްލޯގާއި ކުޅުނު މެޗުގައި ނޯވޭއިން 1-1 ން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އެންމެ ފަހު ވަގުތުގައި ޖޯޝް ކިންގް ކާމިޔާބު ކުރި ޕެނަލްޓީންނެވެ.