ދުނިޔެ

ސީރިއާގެ ތިން އަވަށެއްގައި ހަމަލާ ބަދަލުކުރުން މެދުކަނޑާލައިފި

Aug 12, 2015

މި އެއްބަސްވުން ދެމި އޮންނާނީ 48 ގަޑިއިރަށެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލާފައި ވަނީ ހަނގުރާމަވެރިންގެ ބާރުގަދަ ޒަބަދާނީ އަވަށުގަ އާއި އިދްލިބް ޕްރޮވިންސްގެ ހުޅަނގު-އުތުރު ބިތުގައި އޮތް ދެ އަވަށެއް ކަމުގައިވާ ފޫއާ އާއި ކަފްރާޔާގަ އެވެ. މި ދެ އަވަށަކީ ސަރުކާރު ސިފައިންގެ ބާރުގެ ދަށުގައި އޮތް ދެ އަވަށެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް ހަތިޔާރު ނަގާފައިވާ ނުސްރާ ފްރޮންޓްގެ ހަނގުރާމަވެރިންނާއި ސީރިއާ ސަރުކާރާ ދެމެދު މި އެއްބަސްވުން ގާއިމުކޮށްދީފައި ވަނީ ލުބްނާނުގެ ޝިއައީ ޖަމާއަތް ހިޒްބުﷲ މެދުވެރިއެއްގެ ރޯލު އަދާކޮށްގެންނެވެ.

ހިޒްބުﷲ އަކީ ބައްޝާރުގެ ސަރުކާރުގެ ދިފާއުގައި ހަނގުރާމަ އަށް ނުކުމެފައިވާ ޖަމާއަތްތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް ޖަމާއަތެވެ.

މި ސުލްހައިގެ އެއްބަސްވުން ސީރިއާގެ ތިން އަވަށެއްގައި ގާއިމުކޮށްފައި ވަނީ ހަނގުރާމައިގެ ސަބަބުން މި އަވަށްތަކުގައި ހާލުގައިޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ.

ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް 2011 ވަނަ އަހަރުން ފެށިގެން ހަތިޔާރު އެޅި ގްރޫޕުތަކުން ކުރަމުން ގެންދާ ހަނގުރާމައިގެ ސަބަބުން މިހާތަނަށް 230،000 ވުރެ ގިނަ މީހުން އެގައުމުން މަރުވެފައިވެ އެވެ. އަދި މި ދާޚިލީ ހަނގުރާމައިގެ ސަބަބުން ވަނީ ސީރިއާގެ 11.5 މިލިއަން މީހުން ހާލުގައިޖެހިފަ އެވެ.

މި އަދަދަކީ އެގައުމުގެ އާބާދީގެ ދެ ބައިކުޅަ އެއްބައެވެ.