ދުނިޔެ

ސީރިއާގެ މުހިންމު އަވަށެއް ތުރުކީން ހިފައިފި

Oct 13, 2019

އަންކާރާ (އޮކްޓޯބަރު 13) - ސީރިޔާގެ އުތުރުގައި ތުރުކީއާ އިންވެގެން އޮންނަ ސީރިޔާގެ ސަރަހައްދު ކޮންޓްރޯލް ކުރާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީން ދެމުންދާ ވަރުގަދަ ހަމަލާތަކުގައި އެ ސަރަހައްދުގައި އޮންނަ މުހިއްމު އަވަށެއް ތުރުކީ ސިފައިން ހިފާފައިވާ ކަމަށް ތުރުކީ ސަރުކާރުން ބުނެފި އެވެ.

ތުރުކީގެ ޑިފެންސް މިނިސްޓްރީން ބުނީ ތުރުކީއާ އިންވެގެން އޮންނަ ސީރިއާގެ ރަސް އަލް-އައިން ނަމަކަށް ކިޔާ އަވަށެއް ކުރުދީ ހަނގުރާމަވެރިންގެ އަތުން ތުރުކީ ސިފައިންގެ ކޮންޓްރޯލްގެ ދަށަށް އިއްޔެ ގެންދެވިފައިވާ ކަމަށެވެ. ނަމަވެސް، ކުރުދީންގެ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން ވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން އެމެރިކާއިން ވާގިދޭ އެސްޑީއެފަށް ތުރުކީގެ އަސްކަރިއްޔާއިން ދަނީ ވަރުގަދަ ހަމަލާތައް ދެމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން، ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރުގެ 120 ކިލޯމީޓަރުގެ ސަރަހައްދުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި އެސްޑީއެފްގެ އެތަކެއް ހަނގުރާމަވެރިންނެއް މިހާރުވެސް ވަނީ މަރުވެފަ އެވެ.

ތުރުކީން ދޭ ހަމަލާތައް ހުއްޓާ ނުލާނަމަ، އެ ގައުމުގެ އިގުތިސޯދު މުޅީން ހަލާކު ވެގެންދާ ވަރުގެ ހަރުކަށި ފިޔަވަޅު އަޅަން ތައްޔާރުވަމުންދާ ކަމަށްވެސް އެމެރިކާ އިން ވަނީ އިންޒާރުދީފަ އެވެ.

ނަމަވެސް، ހަމަލާތައް ހުއްޓާ ނުލާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާނު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މިދިޔަ ބުދަ ދުވަހު ހަމަލާތައް ދޭން ފެށުމާއެކު، 100،000 އަށް ވުރެ ގިނަ އާއްމުންގެ މީހުން ގެދޮރު ދޫކޮށް ސަލާމަތް ހޯދާފައިވާކަމަށް އދ. އިން ވަނީ ބުނެފަ އެވެ.

އުރުދުގާނު ވިދާޅުވީ ތުރުކީގެ އަމާޒަކީ ކުރުދީ ހަނގުރާމަވެރިންގެ ނުރައްކަލުން ސީރިއާގެ އުތުރުގެ ސަރަހައްދު ސަލާމަތްކޮށް، ސީރިއާ ރެފިއުޖީންނަށް ރައްކާތެރި މާހައުލެއް ގާއިމު ކޮށްދިނުން ކަމަށެވެ.