ދުނިޔެ

ސީރިއާ މައްސަލާގައި ތުރުކީ އާއި ރަޝިއާ އެއްބަސްވުމަކަށް

Oct 23, 2019

އަންކާރާ (އޮކްޓޯބަރު 23) - ސީރިޔާގެ އުތުރުގައި ތުރުކީއާ އިންވެގެން އޮންނަ ސީރިޔާގެ ސަރަހައްދުން ކުރުދީ ހަނގުރާމަވެރިން ދުރުކުރުމަށް ތުރުކީ އާއި ރަޝިއާ ދެމެދު ތާރީހީ އެއްބަސްވުމަކަށް އައިސްފައިވާކަމަށް ދެ ގައުމުން ބުނެފި އެވެ.

އެމެރިކާއިން ވާގިދޭ ކުރުދީންގެ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އާދެކޮޅަށް ތުރުކީ ސިފައިން ދެމުންދިޔަ ހަމަލާތައް މިވަގުތު އޮތީ މަޑުޖައްސާލައިފަ އެވެ. އެ ގޮތަށް ނިންމާފައިވަނީ އެމެރިކާ މެދުވެރިވެގެންނެވެ. ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާނު ވިދާޅުވެފައިވަނީ ތުރުކީގެ އަމާޒަކީ ކުރުދީ ހަނގުރާމަވެރިންގެ ނުރައްކަލުން ސީރިއާގެ އުތުރުގެ ސަރަހައްދު ސަލާމަތްކޮށް، ސީރިއާ ރެފިއުޖީންނަށް ރައްކާތެރި މާހައުލެއް ގާއިމު ކޮށްދިނުން ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން، އެ އެއްބަސްވުމުގެ ދަށުން، ސީރިއާ ސިފައިންނާއި ރަޝިއާ ގުޅިގެން ބޯޑަރު ސަރަހައްދުން ކުރުދީ ހަނގުރާމަވެރިން ދުރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

އެ އެއްބަސްވުން އިއުލާނުކޮށްފައިވަނީ ރަޝިއާގެ ރައީސް ވްލެޑިމީރު ޕޫޓިން އުރުދުގާނާއެކު ބޭއްވި ހަ ގަޑިއިރަށް ދިގު ދެމިގެންދިޔަ މަޝްވަރާތަކަށްފަހު އެވެ.

އެ އެއްބަސްވުމުގެ ދަށުން، ތުރުކީން ބޭނުންވާ ސަރަހައްދުން ކުރުދީ ހަނގުރާމަވެރިން ދުރުކޮށް، އެތަނުގައި ދެ މިލިއަނަށް ވުރެ ގިނަ ސީރިއާ ރެފިއުޖީން ބޭތިއްބުމަށް ރަޝިއާ އިން އެހީވެދޭނެ އެވެ.

އެކަމާ ގުޅިގެން ކުރުދީންގެ ފަރާތުން އަދި މިހާތަނަށް އެއްޗެއް ބުނެފައިނުވި ނަމަވެސް، ބޯޑަރު ސަރަހައްދުން 30 ކިލޯމީޓަރު ދުރަށް ދިޔުމަށް 150 ގަޑިއިރުގެ މުހުލަތެއްވަނީ ދީފަ އެވެ.

އެ މުހުލަތު އޮކްޓޯބަރު 29 އަށް ހަމަވުމަށްފަހު، ތުރުކީ އާއި ރަޝިއާ ސިފައިން ގުޅިގެން އެ ސަރަހައްދު ޕެޓްރޯލް ކުރަމުން ގެންދިޔުމަށް ވަނީ އެއްބަސްވެފަ އެވެ.